މިދިޔަ އޮގަސްޓު މަހު މިރާއިން 1.27 ބިލިއަން ރުފިޔާ ބަލައިގެންފިއެވެ.

މި އަދަދަކީ ވޭތުވެދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު އާމްދަނީއަށްވުރެ 25.4 އިންސައްތަ ދަށް އަދަދެކަވެ.

އަދި، އޮގަސްޓު 2021 ގައި ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 3.0 އިންސައްތަ ދަށް އަދަދެކެވެ.

މީރާއިން މައުލޫމާތުދޭ ގޮތުގައި، އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅައިބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވުމުގެ މައިގަނޑު ސަބަބަކީ، ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ހާލަތެވެ.

މިގޮތުން، 2020 ވަނަ އަހަރު ވިޔަފާރިތަކަށް ލިބިފައިވާ އާމްދަނީ ދަށްވެފައިވުމުން އިންކަމް ޓެކްސްގެ ގޮތުގައި ލިބިފައިވާ އާމްދަނީ ވަނީ ދަށްވެފައެވެ. މީގެއިތުރުން، 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގައި ރިސޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީގެ ގޮތުގައި އާމްދަނީލިބިފައިވުމަކީ އޮގަސްޓު 2020 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު އޮގަސްޓު 2021 ގައި ލިބިފައިވާ އާމްދަނީ ދަށްވެފައިވާއިތުރު ސަބަބެއް ކަމަށް މީރާއިން ފާހަގަކުރެއެވެ.

މިފީ އޮގަސްޓު 2021 ގައި ލިބިފައި ނުވެއެވެ. އޮގަސްޓު 2021 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީ.އެސް.ޓީއެވެ. އެއީ 53.8 އިންސްއްތަ ނުވަތަ 685.41 މިލިއަން ރުފިޔާއެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައިވަނީ އިންކަމް ޓެކްސް އިންނެވެ.

އެއީ 24.0 އިންސައްތަ ނުވަތަ 305.27 މިލިއަން ރުފިޔާއެވެ. މީގެ އިތުރުން، ގްރީން ޓެކްސްގެ ގޮތުގައި 75.62 މިލިއަން ރުފިޔާ (5.9 އިންސައްތަ)، ވޯކް ޕަރމިޓް ފީގެ ގޮތުގައި 40.18 މިލިއަން ރުފިޔާ (3.2 އިންސައްތަ)، އެއަރޕޯޓް ޑިވެލޮޕްމެންޓް ފީގެ ގޮތުގައި 33.81 މިލިއަން ރުފިޔާ (2.7 އިންސައްތަ) އަދި އެހެނިހެން ޓެކުހާއި ފީގެ ގޮތުގައި ލިބިފައިވާ 133.42 މިލިއަން ރުފިޔާ (10.5 އިންސައްތަ) ހިމެނެއެވެ.

އޮގަސްޓު 2021 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 36.92 މިލިއަން އެމެރިކާ ޑޮލަރު ހިމެނެއެވެ.