އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ބާއްވަން ތާވަލުކޮށްފައިވާ ސަރަހައްދީ އެންމެ ބޮޑު ފުޓުބޯޅަ މުބާރާތް ކަމުގައިވާ ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން އިފްތިތާހު ކޮށްފިއެވެ.

ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕެއިން އިފްތިތާހު ކޮށްދެއްވީ ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ރަސްމީކޮށް ރައީސް ޞާލިޙް ފައްޓަވައިދެއްވަނީ- ފޮޓޯ:- ރައީސް އޮފީސް

ރަސްމިއްޔާތުގައި ރާއްޖޭގެ ކުޅިވަރު ވުޒާރާ ހިންގެވުމާއި ވަގުތީގޮތުން ހަވާލުވެވަޑައިގެން ހުންނެވި ޓޫރިޒަމް މިނިސްޓަރ ޑރ. އަބްދުﷲ މައުސޫމް އާއި ދިފާއީ ވަޒީރު މާރިޔާ އަހްމަދު ދީދީވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގެ ތެރެއިން- ފޮޓޯ:- ރައީސް އޮފީސް

"ތިންވަނަ ފަހަރު، މިއީ އެފަހަރު" ސްލޯގަންގައި މިފަހަރުގެ މުބާރާތުގެ ކެމްޕެއިން އިފްތިތާހުކުރިއިރު މި ޖަލްސާ ބާއްވާފައިވަނީ، 2018 ވަނަ އަހަރު ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރި ރެޔާ ދިމާކޮށެވެ. ސްލޯގަންގައި ވާހެން މިޖަލްސާވެސް "3" އާއި ވަރަށް ބޮޑަށް ގުޅުވާލާފައިވެއެވެ.

އެގޮތުން މިއީ މި މުބާރާތް ކާމިޔާބު ކުރުމަށް ރާއްޖެއަށް ލިބިގެންދާ ތިންވަނަ ފުރުސަތުކަން ފާހަގަކޮށްފައިވެއެވެ. ތިންވަނަ ފަހަރަށް މުބާރާތް ކާމިޔާބު ކުރުމަށް އަމިއްލަ ފަސްގަނޑުގައި ދިވެހި ޓީމު ނުކުންނައިރު އިފްތިތާހުކުރި މި ކެމްޕެއިނާއެކު މުބާރާތް ފެށެންވާއިރަށް މުޅި ދިވެހި ގައުމު މިކަމަށް ތައްޔާރުވުމަށް ބޮޑު ހިތްވަރަކަށް ވެގެންދާނެއެވެ. ހާއްސަކޮށް މިއީ ރާއްޖެއިން މުބާރާތުގެ ތަށި ދިފާއުކުރުމަށް "ޑިފެންޑިންގ ޗެމްޕިއަނުން"ގެ ގޮތުގައި ނުކުންނަ ފަހަރަށް ވުމީ މުބާރާތް އިތުރަށް ހާއްސަވެގެންދާ ކަމެކެވެ.

ޖަލްސާގައި ފާހަގަކޮށްފައިވާ ގޮތުގައި މި ކެމްޕެއިން ލޯންޗު ކުރުމުގައި މައިގަނޑު ތިން މަގްސަދެއް އެބައޮތެވެ. އެގޮތުން ފުރަތަމަ މަގްސަދަކީ ސަރަހައްދީ ގައުމުތަކުގެ މެދުގައި ރާއްޖެ އިޝްތިހާރު ކުރުމެވެ. 250 މިލިއަނަށްވުރެ ގިނަ މީހުން މީޑިއާގެ އެކި ޕްލެޓްފޯމްތަކުން މުބާރާތް ބަލާއިރު މިއީ ރާއްޖެ އިޝްތިހާރު ކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.

ކެމްޕެއިންގެ ދެވަނަ ބޭނުމަކީ ފުރަތަމަ ފަހަރަށް ރާއްޖެއަށް އެކަނި މި މުބާރާތް ހޯސްޓު ކުރުމުގެ ފުރުސަތު ލިބިފައިވާތީވެ، ރާއްޖެއިން މުބާރާތް ބާއްވަން ޖެހޭނެ ސްޓޭންޑަޑެއް ނުވަތަ ވެލިއު އެއް ކަނޑައެޅުމެވެ.

ކެމްޕެއިންގެ ތިންވަނަ އަދި އެންމެ މުހިންމު އެއް މަގްސަދަކީ ގައުމު އެއްބައިވަންތަ ކުރުވުންކަން ފާހަގަކޮށްފައިވެއެވެ. ސިޔާސީ އަދި އެހެނިހެން ބައިބައިވުންތަކުގެ ތެރެއިންވެސް ފުޓުބޯޅަ އަކީ މުޅި ގައުމު އެއްބައިވަންތަކޮށް އަހުވަންތަކުރުވާ ކުޅިވަރެއްކަން ތާރީހު ހެކިދެއެވެ. އެގޮތުން 2008 ވަނަ އަހަރު ސިޔާސީ ގޮތުން ގައުމު ބައިބައިވެފައިވާ ދަނޑިވަޅުގައިވެސް ސާފް ޗެމްޕިއަންޝިޕުގެ ސަބަބުން ގައުމު އެއްބައިވަންތަވެގެން ދިޔަގޮތް މިއަދާ ހަމައަށްވެސް ފެންނަން އެބައޮތެވެ.

'މަގޭ މަހަލްދީބް'ގެ ނަމުގައި މި ކެމްޕެއިން ކުރިއަށްދާއިރު މުބާރާތުގައި ބޭނުންކުރާނެ ބްރޭންޑިންގ ވެސް މި ޖަލްސާގައި ވަނީ ދައްކާލާފައެވެ. ރާއްޖެގެ ސަގާފަތާއި، އާދަކާދަ ހިމެނޭނެހެން ލޯގޯ ފަރުމާކޮށްފައިވާއިރު، ލޯގޯގައި ރާއްޖޭގެ ކަނޑުތަކުގެ ދިރުންތަކާއި ލޯމާފާނު ކުރެހުމާއި ރުއްތަކުގެ އިތުރުން ބޮޑުބެރު ރަމްޒުކޮށްދޭ ކުރެހުންތަކެއް ހިމަނާފައިވެއެވެ.

މީގެއިތުރުން މުބާރާތުގައި ބޭނުންކުރާނެ ލޯގޯވެސް ދައްކާލާފައިވެއެވެ. ލޯގޯ ފަރުމާ ކުރުމުގައި 2001 ވަނަ އަހަރުން ފެށިގެން 2015 ވަނަ އަހަރާއި ހަމައަށް ސާފް ގަައި ބޭނުންކުރަމުން އަންނަ ފަސް ކުލައާއި ފުޓުބޯޅައެއްގެ އިތުރުން މަސް ހިމަނާފައިވެއެވެ. ރާއްޖެއިން ފަރުމާކުރި ލޯގޯއަށް ސާފް އިން މިހާރު ވަނީ ރުހުންވެސް ދީފައެވެ.

އެފްއޭއެމް އިން މައުލޫމާތުދޭ ގޮތުގައި މި ބްރޭންޑިންގް ބޭނުންކޮށްގެން ރާއްޖޭގެ އުތުރުން ދެކުނަށް ގިނަ ހަރަކާތްތަކެއް ހިންގާނެއެވެ. އަދި ބްރޭންޑް ގައިޑްލައިން އެއް އެކުލަވާލާ ހުރިހާ އެންމެންނަށްވެސް މި ބްރޭންޑިންގ ބޭނުންކޮށްގެން އަމިއްލަ ކެމްޕެއިންތައް ހިންގުމުގެ ފުރުސަތުވެސް އެފްއޭއެމް އިން ވަނީ ހުޅުވާލާފައެވެ.

މި އަހަރުގެ މުބާރާތުގެ މެސްކޮޓަށް ދީފައިވާ ނަމަކީ ރާއްޖޭގެ ގައުމީ ޓީމަށް ނިސްބަތްކުރާ ވަނަން، "ރެޑް ސްނެޕާ" އާ ގުޅުވައިގެން "ސްނެޕާ" އެވެ. ރަތް މަހެއް ރަމްޒުކޮށްދޭ "ސްނެޕާ" ވެސް ވަނީ މިރޭގެ ރަސްމިއްޔާތުގައި ދައްކާލައިފަ އެވެ.

ބޮޑު އަޒުމަކާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕާއި ރާއްޖެއިން ކުރިމަތިލާއިރު މުބާރާތަށް ދިވެހި ޓީމު ނުކުންނާނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމަކާއެކު 100 އިންސައްތަ ދިވެހި ޓީމެއްގެ ގޮތުގައެވެ. އަދި މިފަހަރުގެ މުބާރާތަށް ހާއްސަ ކެމްޕެއިނެއް އިފްތިތާހުކުރިއިރު މި ކެމްޕެއިން ތައްޔާރުކޮށް، އިފްތިތާހުކޮށްފައިވަނީވެސް 100 އިންސައްތަ ދިވެހިންގެ މަސައްކަތާއެކުއެވެ.

މީގެއިތުރުން މުބާރާތުގެ ކެމްޕެއިންގައި ބޭނުންކުރާނެ ހާއްސަ ދެލަވައެއްވެސް ދައްކާލާފައިވެއެވެ. އެގޮތުން ކެމްޕެއިންގެ ތީމް ކަމުގައިވާ 'މަގޭ މަހަލްދީބް' އާއި ގުޅުވާލައިގެން ހަދާފައިވާ ރީތި ލަވައަކާއި ކުޅަދާނަ ލަވަކިޔުންތެރިޔާ އިބްރާހިމް އަހްމަދު (އަންމަޑޭ)ގެ އަޑުން ކިޔާފައިވާ ހިތްގައިމު ގައުމީ ވަންތަ ލަވައެއް ދައްކާލާފައިވެއެވެ.

މިއީ ރާއްޖެއިން ވަކިން މުބާރާތް ބާއްވާ ފުރަތަމަ ފަހަރުކަމުގައިވީނަމަވެސް މީގެކުރިންވެސް މިމުބާރާތުގެ މެޗުތައް ރާއްޖޭގައި ކުޅެފައިވެއެވެ. އެއީ 2008 ވަނަ އަހަރު ލަންކާ އާއި ގުޅިގެން ރާއްޖެއިން މުބާރާތް ހޯސްޓުކުރި ފަހަރެކެވެ. އެފަހަރު ރާއްޖެއިން މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލްގައި އިންޑިއާގެ މައްޗަށް 0-1 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ.

އެންމެފަހުން 2018 ވަނަ އަހަރު ބޭއްވި ސާފް ޗެމްޕިއަންޝިޕުވެސް ރާއްޖެއިން ކާމިޔާބުކުރީ ފައިނަލްގައި އިންޑިއާ އަތްދަށުކޮށްގެންނެވެ.

މި މުބާރާތް ވެގެންދާނީ ރާއްޖޭން ހޯސްޓްކުރާ ބައިނަލްއަގްވާމީ ހަތަރު ވަނަ މުބާރާތަށެވެ. އަނެއް ތިން މުބާރާތަކީ ސާފް ޗެމްޕިއަންޝިޕުގެ އިތުރުން 2000 ވަނަ އަހަރުގެ ގޯލްޑަން ޖުބިލީ މުބާރާތާއި 2014 ވަނަ އަހަރުގެ އޭއެފްސީ ޗެލެންޖް ކަޕެވެ.

ވާދަވެރި މިމުބާރާތަށް ތައްޔާރުވުމަށް ގައުމީ ޓީމުން ފަރިތަކުރުންތައް ފަށާފައިވާއިރު 30 ކުޅުންތެރިންގެ ސްކޮޑަކާއެކު ގައުމީ ޓީމުން މިހާރު އަންނަނީ ގަތަރުގެ ވެރިރަށް ދޯހާގައި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދަމުންނެވެ.

މުބާރާތް ކުރިއަށް ދާނީ އޮކްޓޯބަރު މަހުގެ އެއްވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށެވެ.