ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕުގެ މެޗުތަކުގައި ދިވެހި ޓީމަށް ސަޕޯޓުކުރުމަށް ދަނޑަށް ވަނުމަށްޓަކައި ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރުމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިލްތިމާޒްކުރައްވައިފިއެވެ.

ސާފް ޗެމްޕިއަންޝިޕް 2021 ގެ ކެމްޕެއިން އިފްތިތާހު ކުރުމަށްޓަކައި އާދިއްތަ ދުވަހުގެރޭ ގަލޮޅު ދަނޑުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބައްސާމް ވަނީ މި މުބާރާތަކީ ހުރިހާ ދިވެހިންނަށް އުފާވެރިކަން ގެނުވާނެ މުބާރާތެއްކަން ފާހަގަކުރައްވާފައެވެ.

"މި މުބާރާތް ބާއްވަން މިލިބުނު ވަގުތަކީ އަޅުގަނޑު ދަންނަވާނީ ވަރަށްވެސް މުނާސަބު ވަގުތެއް. ގާތްގަނޑަކަށް އެއް އަހަރު ނުވަތަ ދޮޅު އަހަރެއްހާ ދުވަސް، އަޅުގަނޑުމެން ދިވެހި ރައްޔިތުން ވަރަށް އުނދަގޫ ދަތި ހާލުގައި ތަހައްމަލު ކޮށްފި. އަޅުގަނޑުމެން ދިވެހިންނަށް މާޔޫސްކަން ގެނުވި ދޮޅު އަހަރެއްހާ ދުވަސް ހިނގައްޖެ. ކުރިއަށް އަޅުގަނޑުމެން މުސްތަގްބަލަށް ފިޔަވަޅުތަކެއް އަޅާއިރުގަ، ސާފް ޗެމްޕިއަންޝިޕް ރާއްޖޭގައި ބޭއްވިގެން ދިޔުމަކީ ހަމަގައިމުވެސް ދިވެހި ހުރިހާ ލޮބުވެތި ރައްޔިތުންނަށް އުފާވެރިކަން ގެނުވާނެ ހަފްލާއަކަށް ވެގެންދާނެ"
ބައްސާމް އަދީލް ޖަލީލް

މީގެއިތުރުން ބައްސާމް ވަނީ މުބާރާތަށް ދިވެހި ޓީމަށް ހިތްވަރުދިނުމުގެ ގޮތުން ހުރިހާ ދިވެހިންވެސް އެއްބައިވަންތަކަން އިސްކޮށް، ގައުމީ ރޫހުގައި ހަރަކާތްތައް ހިންގުމަށް އެދިލައްވާފައެވެ. އަދި ގައުމީ ޓީމަށް ލިބޭ ކޮންމެ ކާމިޔާބީއެއްގެ ފަހަތުގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ، 12 ވަނަ ކުޅުންތެރިޔާގެ މުހިންމު ކަމުގެ މައްޗަށް ބައްސާމް އަލިއަޅުއްވާލެއްވިއެވެ.

"އަޅުގަނޑުގެ ވަރަށް ބޮޑު އިލްތިމާސެއް، ހުރިހާ ދިވެހި ލޮބުވެތި ރައްޔިތުންނަށް، އެބޭފުޅުންގެ ގޭތަކުގަ ދިވެހި ދިދަ ނެގިގެންދިޔުން. މިއަދުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހާ ހަމައަށް ގައުމީވަންތަކަމުގެ ޖޯޝުގަ ގައުމީ ޓީމަށް ހިތްވަރުދިނުމަށްޓަކާ މަސައްކަތް ކުރެވިގެންދިޔުން. ހަމަގައިމުވެސް އަބަދުވެސް އަޅުގަނޑުމެންގެ ޓީމަށް ކާމިޔާބު ލިބިގެންދާއިރު، 12 ވަނަ ކުޅުންތެރިޔާ ނުވަތަ ދިވެހި ސަޕޯޓަރުންގެ އެއްބާރުލުން، އެ ހިތްވަރު، އެ ގައުމީ ޖޯޝު ފެނިގެންދިއުމަކީ ކުޅުންތެރިންނަށް ލިބިގެންދާ ވަރަށް ބޮޑު އުފަލެއް".
ބައްސާމް އަދީލް ޖަލީލް

ކޮވިޑުގެ މިހާލަތުގައި ދަނޑަށް ސަޕޯޓަރުން ވެއްދުމަށް ދަތިތަކެއް ކުރިމަތިވެފައިވާއިރު ބައްސާމް ވިދާޅުވީ އެފްއޭއެމުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވެއްދުމަށް ކަމަށާއި އެހެންނަމަވެސް އެކަން ވާން އޮތީ ގިނަ ރައްޔިތުންތަކެއް ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްގެން ކަމަށެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ މިދަނޑުގަ ސަޕޯޓަރުން ވެއްދިގެން މުބާރާތް ކުރިއަށް ގެންދެވޭނެ ގޮތަކަށް އިންތިޒާމުތައް ހަމަޖެހިގެން ދިއުން. މިކަން ކުރުމަށްޓަކާ ހަމަ މިއަދުވެސް އަޅުގަނޑުގެ ދެވަނަ އިލްތިމާޒަކަށް މި އަންނަނީ ހުރިހާ ބޭފުޅުންވެސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަކޮށް، ދަނޑަށްވަދެ ޓީމަށް ހިތްްވަރުދީ، މި މުބާރާތް ކާމިޔާބުކުރުމަށް އަޅުގަނޑުމެންގެ ފަރާތުން ޓީމަށް ކޮށްދެވެން ހުރި ހުރިހާ ކަމެއް ކޮށްދެވިގެން ދިޔުން"
ބައްސާމް އަދީލް ޖަލީލް

ސަރަހައްދީ ބޮޑު މުބާރާތަކަށް ގައުމީ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު ގައުމީ ޓީމަށް މިފަހަރުގެ މުބާރާތުގައި އިރުޝާދު ދޭނީ 100 އިންސައްތަ ދިވެހި ކޯޗިންގ ސްޓާފުންގެ ޓީމެކެވެ. އެހެންކަމުން މިފަހަރު މިއީ 100 އިންސައްތަ ދިވެހި ޓީމަކާއެކު، ދިވެހި ފަސް ގަނޑުގައި، ދިވެހި ޓީމުން ދިވެހި ސަޕޯޓަރުންގެ ކުރިމަތީގައި މުބާރާތުގެ ތަށި ދިފާއުކުރުމަށް ލިބިގެންދާނެ ރަނުގެ ފުރުސަތެކެވެ.