އަންނަ އޮކްޓޯބަރު މަހު ރާއްޖޭގައި ފަށާ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ނިންމާފައިވާކަން ވީނިއުސް އަށް ކަށަވަރުވެއްޖެއެވެ.

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓުގެ އިސް އޮފިޝަލަކު ވީނިއުސް އާއި ވާހަކަދައްކަވަމުން ވިދާޅުވީ ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ސަޕޯޓަރުން ދަނޑަށް ވައްދަން ނިންމާފައިވާ ކަމަށާއި އެކަން ކުރުމަށް ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށެވެ.

ދަނޑުގެ ސަހަރާ ފަޅިއާއި ބޮޑުގޭޓު ފަޅި ބޭނުންކުރުން ހުއްޓާލީ އެފަޅިތަކުގެ ސިޑިބަރިތައް ރައްކާތެރި ނޫން ކަމަށް ޕްލޭނިން މިނިސްޓްރީން އަންގާފައިވާތީ 2019 ވަނަ އަހަރުގެ ފަހުކޮޅުއެވެ. އެންމެފަހުން ގަލޮޅު ދަނޑުގެ ސިޑިބަރި ބޭނުންކޮށްފައިވަނީ ސަރުކާރުން ބިދޭސީ މީހުން ރަޖިސްޓްރީކުރުމުގެ ނަމުގައި ބޭއްވި "ރެގިއުލަރައިޒޭޝަން ޕްރޮގްރާމް" ހިންގުމަށެވެ. އަދި 2019 ވަނަ އަހަރު ވޯލްޑްކަޕް ކޮލިފައިންގައި ޗައިނާ އާއި ރާއްޖެ ކުޅުނު މެޗުގައިވެސް ސަޕޯޓަރުން ދަނޑަށް ވައްދާފައިވެއެވެ.

8000 މީހުންގެ ޖާގައިގެ ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑަށް އެންމެފަހުން މެޗެއް ބެލުމަށް ކުޅިބެލުންތެރިން ވެއްދި މިމެޗުގައިވެސް ދަނޑަށް ވަންނަން ޓިކެޓް ދޫކޮށްފައިވަނީ އެންމެ 3500 ޓިކެޓެވެ. އެއީ އިތުރަށް މީހުން ވައްދައިފިނަމަ ކުޅިބެލުންތެރިންނަށް ނުރައްކާ ވެދާނެފަދަ ހާދިސާއެއް ހިނގާފާނެ ކަމުގެ ބިރަށްޓަކައެވެ.

2019 ވަނަ އަހަރު ދަނޑުގެ ސިޑިބަރި ބަންދުކުރީ ރެނދުތަކެއް ލުމުގެ ސަބަބުން- ފޮޓޯ:- ވީނިއުސް

ކަންމިހެން އޮތްއިރު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބެލުމަށް ސަޕޯޓަރުން ދަނޑަށް ވެއްދުމަށް ނިންމާފައިވަނީ މިކަންތައްތަކަށް ހައްލެއް ހޯދުމަށްފަހުގައި ކަމަށް ވީނިއުސް އާއި ވާހަކަދެއްކި އޮފިޝަލް ވިދާޅުވިއެވެ.

"ދަނޑުގެ މަރާމާތުގެ މަސައްކަތް، ހާއްސަކޮށް ބޮޑަށް ހަލާކުވެފަވާ ސިޑިބަރިތައް މަރާމާތުކުރުމަށްފަހު އެއީ އެންމެ އެކަށީގެންވާ ހައްލުތޯ ދެނެގަތުމަށް ކަމުގެ ތަޖުރިބާހުރި ޓެކްނިކަލް ބޭފުޅަކު ވަޑައިގަންނަވާނެ. އެހެންކަމުން ސަޕޯޓަރުން ދަނޑަށް ވަންނައިރު އެ މީހުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަންތައްތައް ރޭވިގެންދާނެ".
ވީނިއުސްއާ ވާހަކަދެއްކި އޮފިޝަލް

އޮފިޝަލް އިތުރަށް ވިދާޅުވީ މީހުން ވެއްދުން މަނާކޮށްފައިވާ ސަހަރާ ފަޅީގެ ތިރީ ސިޑިބަރީގެ އަޑިން ޖުންގު ޖަހަން ނިންމާފައިވާ ކަމަށެވެ. އަދި މިހާރު ޕްލޭން އޮތްގޮތުން މިއީ މިހާލަތުގައި ދަނޑު އޮށްވާ މިދަނޑުގައި ކުޅޭނެ ފަހު މުބާރާތަށް ވުމުގެ ފުރުސަތު ބޮޑުކަމަށް އޮފިޝަލް ވިދާޅުވިއެވެ. ސަބަބަކީ ސާފް ޗެމްޕިއަންޝިޕަށްފަހު ދަނޑުގެ ސިޑިބަރިތައް ހުރި ދިމާ ތަޅާލާ، ފެންވަރު ރަނގަޅު ދަނޑެއް އެޅުމުގެ މަސައްކަތް ފެށުންކަން އޮފިޝަލް ހާމަކުރެއްވިއެވެ.

މުބާރާތަށް ރާއްޖެއިން ތައްޔާރުވަމުން އަންނައިރު ސާފް ޗެމްޕިއަންޝިޕުގެ ކެމްޕެއިން ލޯންޗުކުރުމަށް ގަލޮޅު ދަނޑުގައި އާދިއްތަ ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވަނީ މެޗުތަކަށް ކުޅިބެލުންތެރިން ވައްދާނެކަމުގެ އިޝާރާތެއް ކުރައްވާފައެވެ.

ބައްސާމް ވިދާޅުވީ އެފްއޭއެމުން މަސައްކަތް ކުރަމުންދަނީ ވީހާވެސް ގިނަ ސަޕޯޓަރުންތަކެއް ދަނޑަށް ވެއްދުމަށް ކަމަށާއި އެހެންނަމަވެސް އެކަން ވާން އޮތީ ގިނަ ރައްޔިތުންތަކެއް ވެކްސިންގެ ދެ ޑޯޒުވެސް ފުރިހަމަކޮށްގެން ކަމަށެވެ. އެހެންކަމުން ގިނަ ދިވެހިންތަކެއް މިހާރު އެންމެ އިންތިޒާރުކުރަމުން އަންނަ ސާފް ޗެމްޕިއަންޝިޕުގެ މެޗުތައް ބަލަން އަދި ގައުމީ ރޫހުގައި ގައުމީ ޓީމަށް ހިތްވަރުދިނުމަށް، ގިނަ ސަޕޯޓަރުންތަކަކަށް ފުރުސަތު ލިބޭނެކަމަށް ބެލެވެއެވެ.

ޖުމްލަ 5 ގައުމަކާއެކު މިފަހަރުގެ ސާފް ޗެމްޕިއަންޝިޕް އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހުން ފެށިގެން 16 ވަނަ ދުވަހުގެ ނިޔަލަށް ތާވަލުކޮށްފައިވާއިރު ރާއްޖޭގެ ގައުމީ ޓީމުން އަންނަނީ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގައި ތަމްރީނު ކޭމްޕެއް ކުރިއަށް ގެންދަމުންނެވެ.