ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފިއެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަނުން ބުނީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އަލްއުސްތާޒް އަލީ ނަދީމް އަދި އަލްއުސްތާޒް އިސްމާއީލް ޝަފީޢު އިއްޔެވަނީ އައްޔަން ކުރައްވާފައި ކަމަށެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަންގައި ބޭއްވި ހުވާކުރުމުގެ ރަސްމިއްޔާތުގައި ކްރިމިނަލް ކޯޓިގެ ފަނޑިޔާރު ކަމުގެ މަގާމަށް އައްޔަން ކުރެއްވި ދެބޭފުޅުންނަކީ ކޮމިޝަނުން ކުރި އިޢުލާނާ ގުޅިގެން އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ގާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން އެ ކޮމިޝަނަށް ލަފާ އެރުވުނު ދެ ބޭފުޅުންނެވެ.

އެގޮތުން ކްރިމިނަލް ކޯޓަށް އައްޔަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އަލްއުސްތާޒް އަލީ ނަދީމް މިސްރުގެ އަޒްހަރު ޔުނިވާރސިޓީއިން ޝަރީއާވަލްގާނޫނުގެ ޑިގްރީ ހާސިލްކުރައްވާފަވާއިރު އޭނާ ވަނީ ޕްރޮސިކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

އަލްއުސްތާޒް އިސްމާޢީލް ޝަފީޢު ވަނީ ޔޫކޭގެ ކާރޑިފް ޔުނިވާރސިޓީއިން ބެޗެލާރސް އޮފް ލޯ ހާސިލްކުރައްވާފައެވެ.

އަދި އޭނާ ވަނީ ޕްރޮސެކިއުޓާރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި 2 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރަށް އަމިއްލަ ލޯ ފާމްތަކުގައިވެސް ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތް ކުރައްވާފައިވެއެވެ.