ތިން ރަށެއްގެ މެޖިސްޓްރޭޓް ކޯޓަށް ފަނޑިޔާރުން އައްޔަން ކޮށްފިއެވެ.

އެގޮތުން ފަނޑިޔާރުން އައްޔަން ކުރީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓު، ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓަށެވެ.

ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް ކަމަށް، އައްޔަން ކުރެވުނު މަރްޔަމް އިފްހާމް ނާޝިދަކީ ކުއްލިއްޔަތުލް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީޢަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ވިތް އޮނަރސް ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން މަރްޔަމް އިފްހާމް ނާޝިދު ވަނީ ބ.އޭދަފުށީ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓުގެ މަގާމުގައި 6 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ޏ.ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނު އަބްދުއްސަލާމް ވަނީ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ވިތް އޮނާރސް ހާސިލްކުރައްވާފައެވެ.

މީގެ އިތުރުން އަބްދުއްސަލާމް ވަނީ ހައިކޯޓުގެ ލީގަލް އޮފިސަރގެ މަގާމުގައި 4 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ.

ގއ.ކޮލަމާފުށީ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓްކަމަށް އައްޔަން ކުރެވުނު ވިޝާހް ވަޖީދް އަކީ ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އެސިސްޓެންޓެއްގެ މަގާމުގައި 1 އަހަރާއި 7 މަސް ދުވަހުގެ މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.

އޭނާ ވަނީ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީއިން ބެޗްލަރ އޮފް ޝަރީޢާ އެންޑް ލޯ ހާސިލްކުރައްވާފައެވެ.

މި ތިން ބޭފުޅުނަކީ އެމަގާމަށް ކުރިމަތިލި ފަރާތްތަކުގެ ތެރެއިން، މަގާމަށް އެންމެ ގާބިލު ފަރާތެއް ހޮވުމަށްޓަކައި، އެ މަގާމަށް ކުރިމަތިލި ފަރާތްތަކާ އިންޓަރވިއު ކުރުމަށްފަހު، އިންޓަރވިއުގައި އެންމެ ޤާބިލުކަމަށް، ފަނޑިޔާރުން އައްޔަންކުރާ ކޮމިޓީން ކޮމިޝަނަށް ލަފާ އެރުވި 3 ބޭފުޅުންނެވެ.

މި ބޭފުޅުން ފަނޑިޔާރުކަމުގެ ހުވާ ކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ޖޭއެސްސީން މައުލޫމާތުދެއެވެ.