ރާއްޖޭގައި މިވަގުތު 281،000 ބިދޭސީން އުޅޭކަމަށް ރެކޯޑް ކުރެވިފައިވާކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންގެ އާބާދީއާ ގުޅޭ ގޮތުން މަޖިލީހުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ފައްޔާޒް ވިދާޅުވީ މިހާތަނަށް އެއްކުރެވުނު މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި މިވަގުތު 281،000 ބިދޭސީން ތިބިކަމަށް ރެކޯޑްތަކުން ދައްކާ ކަމަށެވެ.

ބަންގްލަދޭޝްގެ 63754 ފަރާތެއް ތިބިކަމަށް ރެޑޯކްތަކުން ދައްކާ ކަމަށާއި އެހެންނަމަވެސް ކުރިން ބިދޭސީންގެ ރެކޯޑްތައް ބަލަހައްޓަން ބޭނުންކުރި މައިގްރޭޝަން ޑޭޓާ ބޭސްތަކުން ބިދޭސީންގެ ޑޭޓާ ބެލެހެއްޓިފަ ހުރިގޮތުން ބިދޭސީންގެ ސީދާ އަދަދު ސާފު ނުކުރެވޭކަމަަށް ފައްޔާޒް ވިދާޅުވިއެވެ.

އޭގައި ރެކޯޑްތައް ބެލެހެއްޓިފަ ހުރިގޮތުން ބިދޭސީ މިހާ ރާއްޖެއައި ތާރީޚެއް އަދި ދިޔަ ތާރީޚެއް ޑިޕޮސިޓް ފައިސާ ދައްކާފަ ހުރި ތާރިޚެއް އޭގެއިން އެނގެންނެތް. ޕާސްޕޯޓް ނަންބަރުތަކެއް ރަނގަޅަށް އެޅިފަނެތް. މުޅި ލިސްޓްގަ އެބައޮތް 7.000 މީހުން. އެ ހަތްދިހަހާސް މީހުންގެ ތެރެއިން ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ތެރޭގަ އެއްހާހެއްހާ މީހުން ގޮސްފި."
އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް

އެކްސްޕެޓް އޮންލައިން ސިސްޓަމް އަދިވެސް އޮތީ އަޕްޑޭޓްނުވެކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެކްސްޕެޓް އޮންލައިން ސިސްޓަމަށް މިހާރު ގެންނަމުންދާ ބަދަލުތަކުން ކުރިއަށްއޮތްތަނުގަ ބިދޭސީންގެ ސާފު ރެކޯޑްތަކެއް ހެދިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

2013 ވަނަ އަހަރު ބަންގްލަދޭޝަށް ނިސްބަތްވާ 14000 މީހަކަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށާއި 2014 ވަނަ އަހަރު ބަންގްލަދޭޝަށް ނިސްބަތްވާ 18800 ފަރާތްތަކަށް ވޯކްޕާމިޓް ދޫކޮށްފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

2015ވަނަ އަހަރު 26،000 މީހުންނަށް. 2016 ވަނަ އަހަރު 22،000 މީހުންނަށް. 2017 ވަނަ އަހަރު 8000 މީހުންނަށް. އަދި 2018 ވަނަ އަހަރު 27،000މީހުންނަށް. 2019 ވަނަ އަހަރު 11،000 މީހުންނަށް. އަދި 2020 ވަނަ އަހަރު 89 މީހުންނަށް. 2021 ވަނަ އަހަރު 24 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވޭ. އެއީ ބަންގްލަދޭޝްއަށް ނިސްބަތްވާ މީހުންގެ އަދަދު. އިންޑިއާއަށް ނިސްބަތްވާ ފަރާތްތަކަށް ދޫކޮށްފައިވާ ވޯކްޕާމިޓްގެ ތަފްސީލަކީ 2013 ވަނަ އަހަރު 4000 މީހުންނަށް. 2014 ވަނަ އަހަރު 4500 މީހުންނަށް. 2015 ވަނަ އަހަރު 6500 މީހުންނަށް. 2016 ވަނަ އަހަރު 8300 މީހުންނަށް. 2017 ވަނަ އަހަރު 14،800 މީހުންނަށް. އަދި 2018 ވަނަ އަހަރު 5000 މީހުންނަށް. 2019 ވަނަ އަހަރު 11،000 މީހުންނަށް. 2020 ވަނަ އަހަރު 5000 މީހުންނަށް. އަދި 2021 ވަނަ އަހަރު 7000 މީހުންނަށް ވަނީ ވޯކްވިސާ ދޫކުރެވިފަ."
އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް

މި މުއްދަތުގެ ތެރޭގައި ވޯކްޕާމިޓް ދޫކޮށްފައިވާ ޖުމުލަ އަދަދުވެސް މިނިސްޓަރ ވަނީ މަޖިލީހުގައި ހިއްސާކުރައްވާފައެވެ.

އެގޮތުން 2013 ވަނަ އަހަރު 25،900 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވާއިރު 2014 ވަނަ އަހަރު 32،400 މީހުންނަށް އަދި 2015 ވަނަ އަހަރު 42،600 މީހުންނަށް ވޯކްޕާމިޓް ވަނީ ދޫކޮށްފައި ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އަދި 2016 ވަނަ އަހަރު 44،800 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފަވާއިރު 2017 ވަނަ އަހަރު 39،800 މީހުންނަށް، 2018 ވަނަ އަހަރު 57،000 މީހުންނަށް، 2019 ވަނަ އަހަރު 42،000 މީހުންނަށް 2020 ވަނަ އަހަރު 11،000 މީހުންނަށް 2021 ވަނަ އަހަރު 14،000 މީހުންނަށް ވޯކްޕާމިޓް ދޫކޮށްފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.