ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އިން ސްކޫކް ވިއްކަން ހުޅުވާލައިފިއެވެ.

އެޗްޑީއެފްސީ އިން ބުނީ ސްކޫކް ވިއްކަން ހުޅުވާލީ މިމަހުގެ 12 ވަނަ ދުވަހު ކަމަށާއި މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ސްކޫކް ލިބެން ހުންނާނެކަމަށެވެ.

ޖުމްލަ 2 ލައްކަ ސްކޫކް ވިއްކުމަށް ހަމަޖެހިފަވާއިރު ސްކޫކެއް ވިއްކަނީ 1000 ރުފިޔާއަށް ކަމަށްވެސް އެ ކުންފުނިން ބުނެއެވެ.

އަދި ސްކޫކް ވިއްކަނީ 200 މިލިއަން ރުފިޔާ ހޯދަންކަމަށާއި ސުކޫކު އިންވެސްޓްމަންޓްގެ 65 އިންސައްތަ ފައިދާ ސުކޫކުގެ ވެރިފަރާތް ނުވަތަ ގަތް ފަރާތަށް ލިބޭނެކަން ފާހަގަކޮށް އެޗްޑީއެފްސީން ބުނީ 35 އިންސައްތަ ފައިދާ ލިބޭނީ އެ ކުންފުންޏަށް ކަމަށެވެ.

ސުކޫކުގެ ފައިދާ ސުކޫކު"'އެލޮޓް" ކުރާ ތާރީހުން ފެށިގެން ކޮންމެ 6 މަހަކުން 10 އަހަރުގެ މުއްދަތަކަށް ސުކޫކުގެ ވެރިފަރާތުގެ އެކައުންޓަށް "މޯލްޑިވްސް ސެކިޔުރިޓީސް ޑިޕޯޒިޓޯރީ" މެދުވެރިކޮށް ޖަމާކުރަމުންދާނެ ކަމަށް އެޗްޑީއެފްސީން ބުނެއެވެ.

މިއީ އެޗްޑީއެފްސީން ސްކޫކް ވިއްކަން ހުޅުވާލި ހަތަރުވަނަ ފަހަރެވެ.