ކުރީ ސަރުކާރުތަކުން އެކުލަވާލާފައިވާ އެއްބަސްވުންތައް އުވާލުމުގެ ސަބަބުން ދައުލަތުން ބަދަލު ދިނުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންކަން ހުރިކަމަށް ބުނެ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އިސްލާހުކުރަން ދައުލަތަށް ލަފާދިންއިރު، ބަދަލު ދިނުމުގެ ކަންކަން ކުރިއަށްގެންދާ ކޮމިޓީ އޮތީ އުވާލާފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ހުދުކަރުދާހާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުނު ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވާގޮތުން ދައުލަތާ ދެކޮޅަށް ކޯޓަށް ނުވަތަ އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން މާލީ ގޮތުން ދައުލަތުން ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތް މައްސަލަތައް ކޯޓުން ބޭރުގައި ހައްލުކުރުމާގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާ ދިނުމަށް 27 ޖަނަވަރީ 2019 ގައި ކޮމިޓީއެއް ސަރުކާރުން އުފެއްދިއެވެ.

މިކޮމިޓީގައި ހިމެނެނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި، އެޓަރނީ ޖެނެރަލްގެ އޮފީހާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްއާއި މިނިސްޓްރީ އޮފް ފިނޭންސް އަދި އެ މައްސަލައަކާގުޅޭ މިނިސްޓްރީއެކެވެ.

އަދި ކޮމިޓީއަށް ޖުމްލަ 37 މައްސަލަ ހުށަހެޅި، ބައެއް މައްސަލަތަކާބެހޭ ގޮތުން ވާހަކަ ދެކެވިފަވާއިރު ކޮމިޓީގެ ބައްދަލުވުމެއް އެންމެ ފަހުން ބޭއްވިފައިވަނީ 19 ފެބްރުއަރީ 2020 ގައި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެ ތާރީޚަށްފަހު، އެ ކޮމިޓީގެ މަސައްކަތްވަނީ ހުއްޓިފައި ކަމަށާއި އަދި 15 ސެޕްޓެންބަރު 2020 ގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެކޮމިޓީ އުވާލައްވާފައި ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހުން ބުނީ، ކޮމިޓީން ބަލަމުން ގެންދިޔަ މައްސަލަތަކުގެ ތެރެއިން، ގެއްލުމުގެ ބަދަލުގެ ގޮތުގައި ސަރުކާރުން ފައިސާ ދައްކައިގެން ހައްލުކޮށްފައިވާ ހަމައެކަނި މައްސަލައަކީ، ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ރައްދުވާ ގޮތަށް ޕާމަނަންޓް ކޯޓް އޮފް އާބިޓްރޭޝަނަށް ހުށަހެޅި 2 މައްސަލައެއް ކަމަށެވެ.

އެއީ ޕްރައިވެޓް ވިލާ މޮޑެލްގެ ދަށުން 600 ހައުސިންގ ޔުނިޓް ތަރައްޤީކުރުމަށްޓަކައި ނޫމަޑިއާއި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ ޓްރާންސްޕޯޓް އެންޑް އެންވަޔަރަންމަންޓާ ދެމެދު 20 ޖަނަވަރީ 2011 ގައި ސޮއިކުރެވުނު އެއްބަސްވުމުގެ މައްސަލައަކާއި 500 ހައުސިންގ ޔުނިޓާއި ޕޮލިސް އެކަޑަމީއަކާއި 3 ރަށެއްގެ ނަރުދަމާގެ ނިޒާމު ތަރައްގީކުރުމަށްޓަކައި ކުރީގެ މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއާ ދެމެދު 30 މެއި 2013 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގެ މައްސަލައެއް. މި މައްސަލަތަކާ ގުޅިގެން ގެއްލުމުގެ ބަދަލުގެ ގޮތުގައި އެކުންފުނިން ހޯދުމަށް އެދިފައިވަނީ، ގާތްގަނޑަކަށް ސަތޭކަ ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު އަދި އާބިޓްރޭޝަނަށް ހިނގާ އިތުރު ޚަރަދުތަކެއް."
ރައީސް އޮފީސް

ނޫމަޑި މައްސަލައާ ގުޅިގެން ދިވެހި ސަރުކާރަށް ރާއްޖެއިން ބޭރުގެ ގާނޫނީ މާހިރުންގެ ފަރާތުން ލިބުނު ލަފަޔަށް ބަލައި، ކުރީގެ ސަރުކާރުން އަމަލުކޮށްފައިވާ ގޮތުން ސަރުކާރުން އަދާކުރަންޖެހޭ އިލްތިޒާމްތައް އެއްބަސްވުންތަކާ އެއްގޮތަށް ފުރިހަމަކޮށްފައިނުވާތީއާ މިމައްސަލައާގުޅޭ ގޮތުން ކުރީގެ ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ސަރުކާރާ ދެކޮޅަށް ނޫމަޑީގެ ހެކިވެރިއަކަށްވެ ހެކިބަސްދީފައިވާކަން ރައީސް އޮފީހުން ފާހަގަކުރެއެވެ.

އަދި މި މައްސަލާގައި އާބިޓްރޭޝަނުން ގޮތެއް ކަނޑައަޅައިފިނަމަ، މާލީ ގޮތުން ދިވެހި ދައުލަތަށް ބޮޑު ބުރައެއް އުފުލަންޖެހުމުގެ ފުރުސަތު އޮތުމުން، ދެބަސްވުންތައް ހައްލުކޮށް، ދިވެހި ސަރުކާރުގެ ފަރާތުން ނޫމަޑިއަށް "ފުލް އަދި ފައިނަލް ސެޓްލްމަންޓުގެ" ގޮތުގައި ފަންސާސް ފަސް މިލިއަން އެމެރިކާ ޑޮލަރު ދިނުމަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމަންޓުން 25 އޮގަސްޓު 2019 ގައި ސެޓްލްމަންޓް އެގްރީމަންޓެއްގައި ސޮއިކޮށް، އާބިޓްރޭޝަން މަރުޙަލާއިން "ކޮންސެންޓް އެވޯޑަކަށް" ދެފަރާތުން އެއްބަސްވެފައިވާކަމަށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައިވެއެވެ.

މީގެ އިތުރަށް ކޯޓަށް ހުށަހެޅޭ މައްސަލަތަކުގެ ޑިސްޕިއުޓް ރިޒޮލިއުޝަންގެ މަރުހަލާގައި ދައުލަތުގެ ވަޒީފާތަކުން ކުރީގެ ސަރުކާރުން ވަޒީފާއިން ވަކިކޮށްފައިވާ 19 މައްސަލައެއް ކޯޓުން ބޭރުގައި ހައްލުކޮށްފައިވާނެ ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި މައްސަލަތަކުގައި އަމަލުކޮށްފައިވަނީ ޝަރީޢަތުގެ ޢާންމު އިޖުރާއަތާއި ކޯޓުތަކުން ނިންމާފައިވާ މިފަދަ މައްސަލަތަކުގެ ނިންމުންތަކާ އެއްގޮތްވާ ގޮތުގެމަތިންކަމަށްވެސް ބުނެފައިވެއެވެ.

ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކި ކުރުމުން ލިބޭ ގެއްލުމުގެ ބަދަލު ނަގައިދިނުމުގައި ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކަށް ބަލާއިރު، 26 އޮކްޓޫބަރު 2017 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފައިވާ ދައުލަތް ވ. މުޙައްމަދު ހަބީބް މައްސަލައާއި އަދި އޭގެ ފަހުން ކޮށްފައިވާ ހުކުމްތަކުގެ އަލީގައި، ގާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކޮށްފައިވާ މައްސަލަތަކުގައި، އެއްވެސް ސަބަބެއް ނެތި މީހަކު ވަޒީފާއިން ވަކި ކޮށްފައިވާކަން ކަމާބެހޭ އޮފީހަކުން ފޮނުވާ ލިޔެކިއުންތަކުން އެނގެން އޮތްނަމަ، އެފަދަ މައްސަލައެއް ޝަރީޢަތުގެ 3 މަރުޙަލާއިން ނިންމުމުގެ ބަދަލުގައި ގާނޫނުއަސާސީގައި "މަތީ މަރުޙަލާގެ ކޯޓުތަކުން ނިންމާ ނިންމުތަކަށް އެއަށްވުރެ ދަށު މަރުޙަލާގެ ކޯޓުތަކުން ތަބާވާންވާނެކަމަށް" ބުނެފައިވާ އުސޫލަށް ބަލައި، ސިވިލް ކޯޓުގެ ޑިސްޕިއުޓް މަރުޙަލާގައި ވަޒީފާގެ މައްސަލަތައް ހައްލުކޮށްފައިވާނެ."
ރައީސް އޮފީސް

އަދި ނުޙައްގުން ވަޒީފާއިން ވަކިކޮށްފައިވާ ފަރާތަކަށް އިތުރު ބޭއިންސާފެއް ކުރިމަތި ނުވާނޭހެން، އެފަދަ މައްސަލަތައް ޝަރީއަތުގެ 3 މަރުޙަލާއިން ގޮތެއް ނިންމުމުގެ ބަދަލުގައި ސުލްހަވެރިކަމާއެކު ހައްލުކުރަން ފެށުމުން، ކުރިން ކޯޓަށް މައްސަލަ ހުށަހަޅާފައިނުވާ ފަރާތްތަކުން ދައުލަތާ ދެކޮޅަށް މައްސަލަތައް ހުށަހަޅަން ފެށިކަމަށް ރައީސް އޮފީހުން ބުނެއެވެ.

މިފަދަ މައްސަލަތަކުގައި، މައްސަލަ ހުށަހެޅި ފަރާތްތައް ވަޒީފާއިން ވަކިކުރެވި އެކަމަށް ހައްލު ހޯދުމަށް ކޯޓަށް ހުށަހެޅުމަށް ފާއިތުވި މުއްދަތަށާއި، މައްސަލާގައި ކަން ހިނގާފައިވާ ގޮތަށާއި ސަރުކާރުގެ މަސްލަހަތަށާއި ހަމަހަމަ އުސޫލަކުން އަމަލުކުރުމަށްޓަކައި، ގެއްލުމުގެ ބަދަލުގެ ގޮތުގައި އެންމެ ގިނަވެގެން ދެވޭނެ އަދަދަކީ، 1 އަހަރު ދުވަހުގެ މުސާރައާއި އިނާޔަތްތައް ކަމަށް ހުށަހަޅާފައިވާނެ ކަމަށްވެސް ރައީސް އޮފީހުން ބުންޏެވެ.