ރައީސް އަބްދުﷲ ޔާމީންގެ އިސްތިއުނާފު އަޑުއެހުމެއް ސުޕްރީމް ކޯޓުގައި ބްރާސްފަތި ދުވަހަށް ތާވަލުކޮށްފިއެވެ.

މިއަދު ސުޕްރީމް ކޯޓުގައި ކުރިޔަށްދިޔަ ރައީސް ޔާމީންގެ މައްސަލައިގެ އަޑުއެހުމެއް ބާއްވާފައިވާއިރު މިއަދުވެސް ކުރިއަށް ގެންގޮސްފައިވަނީ ރައީސް ޔާމީންގެ ފަރާތުން އިސްތިއުނާފު ކޮށްފައިވާފައިވާ ނުކުތާތަކާ ގުޅޭގޮތުން ވާހަކަ ދެއްކުމެވެ.

ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ ޤާނޫނީ ވަކީލް އަލީ ޝާހް ވަނީ މިމައްސަލައިގައި ކްރިމިނަލް ކޯޓުން ފަނޑިޔާރުންގެ ބެންޗް އެކުލަވާލާފައިވަނި ގާނޫނާ ހިލާފަށްކަން ފާހަގަ ކުރައްވާފައެވެ.

ހައިކޯޓު މަރުހަލާގައި ފާހަގަކުރުމުން އެކަމާމެދު ހައިކޯޓުން ރަނގަޅު ނިންމެވުމެއް ނިންމާފައިނުވާކަން ޝާހް ފާހަގަކުރެއްވިއެވެ.

އަލީ ޝާހް ވަނީ ރައީސް ޔާމީނާ ދެކޮޅަށް ހެކިބަސްދިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ ޒިޔަތު އަދި އޭސީސީގެ ރައީސް މުއައްވިޒް ރަޝީދުގެ ހެކިބަހާ ގުޅޭގޮތުންވެސް ވާހަކަ ދައްކާފައެވެ.

އެގޮތުން އަދީބާއި ޒިޔަތުގެ ހެކިބަސް ޕީޖީން ހޯދާފައިވަނީ ރައީސް ޔާމީން ފްރޭމް ކުރުމަށް ކަމަށާއި، އެމީހުންނަކީ ފާސިގުންކަމަށް ވިދާޅުވިއެވެ.

ރައީސް ޔާމީން 5 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒް ކުރައްވަމުން ގެންދަވާއިރު އިތުރު ޝަރީއަތްތަކެއް ވެސް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށްފައިވަނީ އެމްއެމްޕީއާރުސީ ބޮޑު ޚިޔާނާތުގެ ފައިސާގެ ތެރެއިން އެއްމިލިއަން ޑޮލަރު ރާޢިސް ޔާމީންގެ އެކައުންޓަށް ޖަމާކުރެއްވި ކަމުގެ ތުހުމަތުގައެވެ.

ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެއްޖެ ކަމަށް ކަނޑައަޅައި ކްރިމިނަލް ކޯޓުން އިއްވާފައިވާ 5 އަހަރުގެ ޖަލު ހުކުމަށް ހައި ކޯޓުންވެސް ވަނީ ތާއީދުކޮށްފައެވެ.