ނުޙައްގުން ވަޒީފާއިން ވަކިކޮށްގެން ދައުލަތުގެ 6 އިދާރައަކުން ހުށަހެޅި މައްސަލަތަކަށް 6.8 މިިލިއަން ރުފިޔާ ދައުލަތުން ދީފައިވާކަން ހާމަވެއްޖެއެވެ.

މިކަން ހާމަވީ ދައުލަތުން މަޝްރޫޢުތަކުގައި ގެއްލުމުގެ ބަދަލު ދޭންޖެހޭ ނިޒާމުގެ ނަޒާހާތްތެރިކަމާ ގުޅޭގޮތުން އޭސީސީން ނެރުނު ހުދު ކަރުދާހާއި ގުޅޭގޮތުން ނެރުނު ބަޔާނެއްގައެވެ.

ނުޙައްގުން ވަޒީފާއިން ވަކިކޮށްގެން ހުށަހެޅި މައްސަލަތަކުގައި ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ ފަރާތްތަކުގެ ތަފްސީލުތައް ބަޔާންކޮށް ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ވަނީ ދައުލަތުގެ 6 އިދާރައަކުން ހުށަހެޅި މައްސަލަތަކަށް 6.8 މިިލިއަން ރުފިޔާ ދައުލަތުން ޚަރަދުކޮށްފައިވާ ކަމަށެވެ.

ދައުލަތަށް ރައްދުވާ ގޮތަށް އިތުރު ދަޢުވާއެއް ނުކުރުމަށް އިގްރާރުވެ އަދި ދެފަރާތުގެ މެދުގައި ސޮއިކުރެވޭ އެއްބަސްވުމެއްގެ ދަށުން ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށް، ނިންމާފައިވާނެ ކަމަށާއި މިފަދައިން މައްސަލަ ޙައްލުކުރަން ބޭނުންނުވާ ފަރާތްތަކުގެ މައްސަލަތައް ނިންމަނީ ޝަރީޢަތުގެ މަރުޙަލާއިންކަންވެސް ފާހަގަކޮށްފައިވެއެވެ.

ކޯޓުން ބޭރުގައި މައްސަލަ ހައްލުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި ވަޒީފާއާބެހޭ ޓްރައިބިއުނަލަށް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރައްވާފައިވާ ދެ މެމްބަރުންނާއި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ 3 މީހުން އަދި މޯލްޑިވްސް ޕޮލިސް ސަރވިސްގެ 7 މީހުން ހިމެނެއެވެ.

މީގެ އިތުރަށް ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މީހަކާއި ކާޑެއްދޫ އެއަރޕޯޓްގައި މަސައްކަތް ކުރި 5 މީހަކު ހިމެނެއެވެ.

ދަޢުވާކުރާ ފަރާތްތަކުން އެދިފައިވަނީ، ވަޒީފާއިން ވަކިކުރި ދުވަހުން ފެށިގެން ވަޒީފާ ލިބޭ ދުވަހާ ހަމަޔަށް މުސާރައާއި އިނާޔަތްތައް ނަގައި ދިނުމަށެވެ.

ސިވިލް ކޯޓުގެ އަދި ވަޒީފާއާބެހޭ ޓްރައިބިއުނަލުގެ ޑިސްޕިއުޓް މަރުޙަލާގައި މި މައްސަލަތައް ހައްލުކޮށް އެފަރާތްތަކަށް ދިނުމަށް ދައުލަތުން ހުށަހަޅައި އެއްބަސްވި އަދަދަކީ ޝަރުޢީ މަރުޙަލާއިން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގައިދިނުމުގެ ފުރުސަތު އޮތް މިންވަރަށް ވުރެ ވަރަށް ބޮޑުތަނުން ކުޑަ މިންވަރެކެވެ.

އަދި ކޯޓަކުން ކުރާ ހުކުމެއްގައި ފައިސާ ދެއްކުމަށް އަންގާ މުއްދަތަކީ، ކޯޓުން ކަނޑައަޅާ މުއްދަތެއް ކަމުގައިވާއިރު، މި ފައިސާ ދައްކާ ޚަލާސް ކުރުމަށް ދައުލަތުން އެއްބަސްވެފައިވާ މުއްދަތުތަކަކީވެސް ދައުލަތަށް ބުރަ ބޮޑު ނުވާނޭ ގޮތަކަށް އެއްބަސްވެފައިވާ މުއްދަތުތަކެއްކަން ރައީސް އޮފީހުން ފާހަގަކޮށްފައިވެއެވެ.