މިއަހަރުގެ މެއިމަހުގެ 6 ވަނަ ދުވަހު ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށްދިން ހަމަލާގެ މައްސަލައިގައި އިތުރު ބައެއްގެ މައްޗަށް ދަޢުވާ ކުރުމަށް މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ.

މިކަން ހާމަކުރެއްވީ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަރ އަޙްމަދު ޝަފީޢުއެވެ.

ދައުވާކުރުމަށް މިއަދު ހުށަހަޅާފައިވަނީ ތިން މީހެއްގެ މައްޗަށެވެ.

އެ ތިންމީހުންނަކީ، ގއ. ވިލިނގިލި، ހުދުރުވާގެ، ފަހުމީ އަލީއާއި، އއ. މާޅޮސް، އަސަރީގެ، މުޙައްމަދު ނާޡިމްއާއި، މ. ކުދެހިގެ، އިސްޙާޤުއެވެ.

މީގެ ތެރެއިން، ފަހުމީ ޢަލީގެ މައްޗަށް އުފުލާފައިވަނީ ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ދައުވާއެވެ.

މުޙައްމަދު ނާޡިމްގެ މައްޗަށް ކޮށްފައިވަނީ ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއެވެ.

މ. ކުދެހިގެ، އިސްޙާޤުގެ މައްޗަށް އުފުލާފައިވަނީ ގޮވާ ތަކެތި އެހެން ތަނަކަށް ގެންދިއުމުގެ ކުށުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ކުރުމަށް ރޭވުމުގެ ދައުވާއާއި، ޓެރަރިޒަމްގެ އަމަލެއް ހިންގުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާއެވެ.

އިސްހާގަކީ ރައީސް ނަޝީދަށް ހަމަލާ ދިނުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައިވާ މީހެއް ކަމަށް ފުލުހުން ކުރިން ބުނެފައި ވެއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާއާ ގުޅިގެން ހަތަރު މީހެއްގެ މައްޗަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން މީގެކުރިން ވަނީ ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައެވެ.

އެއީ ވ. ތިނަދޫ ލަކީ އަދުހަމް އަހްމަދު އާއި، މއ. ފޭރުގެ މުޖާޒް އަހުމަދު އާއި، ގއ. ކޮނޑޭ ފޮޅޭމާ ތަހުމީން އަހްމަދުގެ އިތުރުން ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހްގެ މައްޗަށެވެ.