އެމްޓީސީސީން ދެމުން އަންނަ ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ކޭޝް ކާޑު ބޭނުން ކޮށްގެން ފައިސާ ދެއްކޭގޮތް ހެދުމަށް ޑިޖިޓަލް ޕޭމަންޓް ސިސްޓަމެއް ހަދަން ބީއެމްއެލް އާއި ބޭންކް އޮފް މޯލްޑްވިސް މާސްޓަކާޑާއެކު އެ ކުންފުނިން މިއަދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

ބީއެމްއެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އާދަމް އާޒިމެވެ. ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ.

މިރަސްމިއްޔާތުގައި މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވެސް ވަނީ ބައިވެރިވެވަޑައި ގެންފައެވެ.

މިއީ ދުނިޔޭގެ ތަރައްގީވެފައިވާ ސިޓީތަކުގައި ދަތުރު ކުރުމުގެ ނިޒާމަށް ފަސޭހަ ބަދަލުތަކެއް ހޯދައިދިނުމަށް މާސްޓަރކާޑުން ހިންގާ "ސްމާޓް ސިޓީސް" ޕްރޮޖެކްޓްގެ ދަށުން ހިންގުމަށް ހަމަޖެހިފައިވާ ޕްރޮޖެކްޓެކެެވެ.

މި ޕްރޮޖެކްޓްގެ ދަށުން ބަސް އަދި ފެރީ ނެޓްވޯކްގައި ކޮންޓެކްޓްލެސް އަދި ޑިޖިޓަލް ޕޭމަންޓްގެ ޚިދުމަތް ތައާރަފް ކުރެވި، ދަތުރުވެރިންނަށް ދަތުރު ކުރުމުގައި ފަސޭހަތައް ހޯދައިދެވި، ޚިދުމަތްދޭ ފަރާތްތަކަށް ޚަރަދު ކުޑަކޮށް ޚިދުމަތް ފޯރުކޮށްދިނުމުގެ ފުރުސަތު ފަހިވެގެންދާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

އާދަމް އާޒިމް ވިދާޅުވީ ކޮންޓެކްޓްލެސް ޕޭމަންޓް ސިސްޓަމްތަކުގެ މުހިންމުކަން މިދިޔަ އަހަރު ވަރަށް ބޮޑަށް އެނގިފައިވާ ކަމަށެވެ.

އެހެންކަމުން އެ ކުންފުނީގެ ދަތުރުފަތުރުގެ ޚިދުމަތް ހޯދާ މީހުންނަށް ފަސޭހައިން ފައިސާ ދެއްކޭ އިންތިޒާމް ހަމަޖެހިގެން ދިއުމަކީ ކުންފުންޏަށް ލިބޭ ކުރިއެރުމެއް ކަމަށްވެސް އާޒިމް ވިދާޅުވިއެވެ.

""ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހަކަމެއް ހޯދައިދިނުމަށް ބީއެމްއެލް އާއި މާސްޓަރކާޑާއެކު މި އެއްބަސްމުގައި ބައިވެރިވެވޭކަމީ އަޅުގަނޑުމެންނަށް ލިބޭ އުފަލެއް. ފާއިތުވެދިޔަ އަހަރު ފެނިގެން ގޮސްފައިވަނީ އީޖާދީ އަދި ކޮންޓެކްޓްލެސް ޕޭމަންޓްގެ ހިދުމަތް އިހުނަށް ވުރެ މުހިންމުކަން. މި ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދާނީ ރައްކާތެރި ފަސޭހަ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށް. މި ހިދުމަތުގެ ސަބަބުން ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތް ހޯދުމަށް ލުއިފަސޭހަވެގެންދާނެ."
އެމްޓީސީސީގެ ސީއީއޯ: އާދަމް އާޒިމް

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރި ޓިމް ސޯޔާ ވިދާޅުވީ، އެ ބޭންކުގެ ކަސްޓަމަރުންނަށް ލުއި ފަސޭހަވާ ކަންކަމުގައި އިންވެސްޓު ކުރުމަކީ ބޭންކުގެ ވިޔަފާރީގެ މުހިންމު ބައެއް ކަމަށެވެ. އަދި މި ސިސްޓަމާއެކު ބޭންކުގެ ޑިޖިޓަލް ކާޑާއި މޯބައިލް ޕޭމަންޓް މެދުވެރިކޮށް ދަތުރުފަތުރުގެ ޚިދުމަތް ހޯދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާސްޓަރކާޑާއި އެމް.ޓީ.ސީ.ސީއާ ގުޅިގެން މި ޕްރޮޖެކްޓް ކުރިއަށް ގެންދެވޭކަމީ ލިބޭ އުފަލެއް ކަމަށާއި މި ޕްރޮޖެކްޓް މެދުވެރިކޮށް ޑިޖިޓަލް ކާޑު އަދި މޯބައިލް ޕޭމަންޓް ސޮލިއުޝަން ޕަބްލިކް ޓްރާންސްޕޯޓް ސިނާއަތާ ގުޅާލެވިގެންދާނެ ކަމަށެވެ.

މާސްޓަކާޑުން ރާއްޖެ އާއި ލަންކާއަށް ކަނޑައަޅާފައި ހުންނަވާ ކަންޓްރީ މެނޭޖަރު ރާޖޭޝް މަނީ ވިދާޅުވީ، ދިވެހި ސަރުކާރާއެކު އާ ޕްރޮޖެކްޓެއްގައި ބައިވެރިވުމަކީ އެ ކުންފުންޏަށް ލިބޭ އުފަލެއް ކަމަށެވެ. އެގޮތުން، އެ ކުންފުނީގެ އެހީގައި ތައާރަފު ކުރާ ޕޭމަންޓް ސިސްޓަމްގެ ސަބަބުން ޚިދުމަތްދޭ ފަރާތުގެ ޚަރަދުތައް ކުޑަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މާލެ ސަރަޙައްދުގައި ޕަބްލިކް ޓްރާންސްޕޯޓުގެ ޚިދުމަތް އެމްޓީސީސީން ދެމުންދާއިރު، ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އެކުންފުނިން ދަނީ މަސައްކަތް ކުރަމުންނެވެ.

އަދި ބީއެމްއެލްއިންވެސް ދަނީ ފައިސާގެ މުޢާމަލާތްތައް ޑިޖިޓައިސްކުރުމަށްޓަކައި އެކިއެކި މުއައްސަސާތަކަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ.