18 މަހަށްފަހު ބަނގްލަދޭޝްގެ ސްކޫލްތައް އަލުން މިއަދު ހުޅުވައި ކިޔަވައިދޭން ފަށައިފިއެވެ.
ބަނގްލަދޭޝް ސަރުކާރުން ސްކޫލްތައް މި ހުޅުވީ، އެގައުމުގައި ކޮވިޑް ފެތުރުން މަޑުޖެހުމަށްއައިސް، އަދި ގިނަބަޔަކަށް ވެކްސިން ޖެހުމާ އެކުގައެވެ.
ބަނގްލަދޭޝްއިން ސްކޫލްތައްމި ހުޅުވީ، 543 ދުވަސް ވަންދެން ބަންދުކޮށްފައި ބެހެއްޓުމަށް ފަހުގައެވެ.
ބަނގްލަދޭޝްގެ އެކި ކަންކޮޅުތަކުގައި ހުރި ޕްރައިމެރީ ސްކޫލްތަކާއި، ސެކަންޑަރީ ސްކޫލްތަކަށް މިއަދު ދަރިވަރުން ކިޔަވަން ނުކުމެފައި ވާއިރު، ވެރިރަށް ޑާކާގެ ބައެއް ސްކޫލްތައް ވަނީ ޕުއްޕާހަން އެލުވައި ޒީނަތްތެރި ކޮށްފައެވެ. ގިނަ ސްކޫލްތަކުން ދަރިވަރުންނަށް މަރްހަބާ ކިއުމުގެ ގޮތުން މެޓާ ބަހައި މާ ބަހާފައި ވެއެވެ.
ބައެއް ސްކޫލްތަކުގައި ދަރިވަރުން ކިޔޫގައި ޖެހި ޓެމްޕަރޭޗަރ ޗެކްކުރުމާއި، މާސްކް އަޅާކަށްވެސް މަޖުބޫރެއް ނޫނެވެ.
އެހެން ނަމަވެސް، ބައެއް ސްކޫލްތަކުގައި ދަރިވަރުން ޑިސްއިންފެކްޓް ކުރުމާއި، ސެނިޓައިޒް ކުރުމާއި، މާސްކް އެޅުން މަޖުބޫރެވެ.
އެހެން ނަމަވެސް، ބަނގްލަދޭޝްގެ އެޑިއުކޭޝަން މިނިސްޓަރ ދީޕޫ މޯނީ ވިދާޅުވީ، ގްރޭޑް އެކަކާއި ފަހަކާ ދެމެދުގެ ގްރޭޑްތަކުގެ ކުދިން ވަގުތީގޮތުން ސްކޫލަށް ކިޔަވަންދާނީ ހަފްތާއަކު އެއްދުވަހު ކަމަށެވެ.
ބަނގްލަދޭޝްއަކީ ކޮވިޑާ ގުޅިގެން އެންމެ ދިގުމުއްދަތަކަށް ލޮކްޑައުންތައް ކޮށްފައިވާ ގައުމެކެވެ.
މިދިޔަ ހަފްތާގައި ޔުނިސެފުން ނެރުނު ރިޕޯޓެއްގައި، ބައެއް ގައުމުތަކުގައި ސްކޫލްތައް ނުހުޅުވައި ގިނަދުވަސް ވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކޮށްފައި ވެއެވެ.
ސްކޫލްތައް ބަންދުކޮށްފައި ހުރުމުގެ ސަބަބުން ކިޔަވާ ކުދިންގެ އުނގެނުމަށް ބޮޑެތި ހުރަސްތައް ކުރިމަތިވެ، ޚާއްސަކޮށް އޮންލައިންކޮށްވެސް ކިޔެވުމުގެ ފުރުސަތު ނެތް ކުދިންނަށް ނިކަމެތިކަން ލިބެމުންދާ ކަމަށް ޔުނިސެފުން ބުނެފައި ވެއެވެ.