އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލްކުރަން ކޯޓަށް ހުށަހެޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ޖުމްހޫރީ ޕާޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އަލީ ވަހީދުގެ ކެންސަލްކޮށްފައިވާ ޑިޕްލޮމެޓިކް ޕާސްޕޯޓު އަލުން ކެންސަލްކުރަން ކޯޓަށް ހުށަހެޅުމަކީ ވަރަށް ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށާއި ނަމަވެސް މިނިވަން މުއައްސަސާއަކާ ދިމާލަށް އެއްޗެކޭ ބުނަން ބޭނުންފުޅު ނުވާތީ އަދި އެމައްސަލާގަައި މަޑުކޮށްލައިގެން ހުރީ ކަމަށެވެ.

މުވައްޒަފުންތަކަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާ ކަމަށް ތުހުމަތުކުރެވޭ ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު، ޖޭޕީގެ ރައީސްގެ މަގާމުން ވަކި ކޮށްފައިނުވަނީ ކީއްވެގެންތޯ ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އަލީ ވަހީދު ޖޭޕީގެ ރައީސްގެ މަގާމުން ވަކިކުރުމަކީ އެމަނިކުފާނު ކުރައްވާ ކަމެއް ނޫން ކަމަށާއި އަލީ ވަހީދުގެ މައްޗަށް ޝަރީއަތުން މައްސަލައެއް އަދި ސާބިތުވެސް ނުވާ ކަމަށެވެ.

އަޅުގަނޑު ގަބޫލުކުރާ ހިތް ނުވެގެނެއް ނޫން މިއުޅެނީކީ އެމަނިކުފާނު ހުރީ ފްރޭމް ކޮށްފައި ނޫން ކަމަކަށެއްވެސް. ބައެއް ފަހަރު އެހެންވެސް ހިތަށް އަރާ. އެހެން ނޫން ނަމަ ކީއްވެހޭ ނުވާންވި ކަންތައްތަކެއް ވެގެން މިދަނީ. ޕާސްޕޯޓާއި ގުޅިގެންވެސް ވަރަށް ރެސްޕޮންސިބިލިޓީއެއް ނެތް ގޮތަކަށް އަޅުގަނޑުމެންނަށް މި ފެނުނީ. ޑިޕްލޮމެޓިކް ޕާސްޕޯޓު ކެންސަލްވެފަ އޮތް އެއްޗެއް ކެންސަލްކުރަން މިދައުވާ ކުރަނީ. މިކަހަލަ ކަންތައްތައް ހިނގައިދިޔާމަ ދެން ވަރަށް ނިކަމެއްޗޭ އަޅުގަނޑު ދަންނަވާހިތްއޮތީ."
ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ މިނިވަން މުއައްސަސާއެއްގެ މައްޗަށް ބަސްބުނަން ބޭނުންފުޅު ނުވާ ކަމަށާއި އެހެންނަމަވެސް އެމަނިކުފާނު ގަބޫލުކުރައްވާ ގޮތުގައި އަލީ ވަހީދުގެ މައްސަލަ ނިމިގެންދާއިރު އޭނާގެ ބޮލުގަ އެއްވެސް އިލްޒާމެއް އެޅުވިގެންދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.