ހުޅުމާލޭ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއަކު ކުއްލި ގޮތަކަށް ނިޔާވި މައްސަލައިގައި ކަމާބެހޭ ފަރާތްތަކުން އިހުމާލެ ވެފައިވާކަމަށް އާއިލާއިން ކުރާ ތުހުމަތު ތަހުގީގު ކޮށްދިނުމަށް ސަރުކާރަށް ގޮވާލާ ކުއްލި މައްސަލައެއް މަޖިލީހަށް ހުށަހަޅައިފިއެވެ.

މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރުއެވެ.

އާދަމް ޝަރީފް ހުށަހެޅި ކުއްލި މައްސަލައިގައި ބުނެފައިވަނީ، ހުޅުމާލެ ޖަލުގައި ތިން އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދިޔަ ގދ. ވާދޫ /ޖަނަވަރީގެ އުމުރުން 40 އަހަރު، މުހައްމަދު އަސްލަމް ރޭ ކުއްލި ގޮތަކަށް ނިޔާވެފައިވާއިރު މުހައްމަދު އަސްލަމްގެ މަރުގެ މައްސަލަ އާއިލާއަށް ނާންގަ ސިއްރު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް އާއިލާއިން ތުހުމަތު ކުރާކަމަށެވެ.

ހުޅުމާލޭ ޖަލުގައި އޭނަ ހުއްޓާ ބަލިވެގެން ހުޅުމާލެ ހޮސްޕިޓަލަށް ހަވީރު 05:00 ޖެހިއިރު ގެންދިޔަކަމަށާއި ނަމަވެސް މިކަމުގެ މައުލޫމާތު އާއިލާއަށް ލިބިފައިވަނީ އަސްލަމް މަރުވެއްޖެ ކަމަށްބުނެ އެހެން ފަރާތަކުން އާއިލާއަށް ގުޅާފައި ބުނުމުން ރޭގަނޑު 07:00 ގައި ކަމަށް އެ މައްސަލާގައިވެއެވެ.

އަދި އާއިލާގެ ފަރާތުން ހުޅުމާލެ ހޮސްޕިޓަލަށް ގޮސް އެތަނުގައި ތިބި ކަރެކްޝަންސްގެ އޮފިޝަލުންނާއި ސުވާލު ކުރުމުން އަސްލަމަށް ފަރުވާދެމުންދާ ކަމަށް ބުނެފައިވާކަމަށާއި، އޭގެފަހުން އެތައް އިރެއްވީއިރުވެސް އެއްވެސް މައުލޫމާތެއް ނުލިބިގެން ގަދަކަމުން އަސްލަމް ބާއްވާފައި އޮތް ކޮޓަރިއަށް އާއިލާގެ ފަރާތުން ވަތްއިރު އޭނާ މަރުވެފައި އެތައް އިރެއް ވެފައިވާކަމަށް އާއިލާއަށް އެނގިފައިވާކަމަށްވެސް ކުއްލި މައްސަލައިގައި ބުނެފައިވެއެވެ.

ސިއްހީ ކުއްލި މައްސަލައެއް ދިމާވެއްޖެނަމަ ގުޅޭނެ ނަންބަރާއި އެމަޖެންސީ ނަންބަރު މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް ހިއްސާކޮށްފައިވާކަން މެމްބަރު ހުށަހެޅުއްވި ކުއްލި މައްސަލާގައިވެއެވެ.

މި ކުއްލި މައްސަަލަ މަޖިލީހަށް ބަލައިގަތީ 24 މެމްބަރުންގެ ވޯޓުންނެވެ.