ސްކޫލް ދަރިވަރުންނަށް ކޮވިޑް ވެކްސިން ޖެހުމުގެ ޕްރޮގްރާމްގެ ދަށުން މިހާތަނަށް 11653 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ކޮވިޑް-19 އިން ދިފާއު ވުމަށް، 12 އަހަރާއި 17 އަހަރާ ދެމެދުގެ ކުދިންނަށް ފައިޒާ ވެކްސިން ޖެހުމުގެ ޕްރޮގްރާމްގައި މާލެއާއި އަތޮޅުތެރެއިން މިހާތަނަށް 35152 ދަރިވަރަކު ވެކްސިންގެ ފުރަތަމަ ޑޯޒް އަދި 11653 ދަރިވަރަކު ވެކްސިންގެ ދެ ޑޯޒް ޖަހާފައިވާ ކަމަށެވެ.
މިހާތަނަށް 214 ސްކޫލެއްގައި ދަރިވަރުންނަށް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހަން ފަށާފައިވާއިރު 88 ސްކޫލަކުން ވެކްސިންގެ 2 ވަނަ ޑޯޒް ޖަހަށް ފަށާފައިވާ ކަމަށްވެސް އެޑިޔުކޭޝަން މިނިސްޓްރީން ބުނެއެވެ.
ސަރުކާރުން ނިންމާފައި ވަނީ އުމުރުން 12 އަހަރުން މަތީގެ ހުރިހާ ކުދިން ކޮވިޑު ވެކްސިންގެ ދެ ޑޯޒު ފުރިހަމަކުރުމުން ސްކޫލުތަކުގައި އިތުރު ހަރަކާތްތައް އަލުން ފަށާށެވެ.
އޭގެ އިތުރުން، ސްކޫލުތަކަށް ވަދެ ނިކުމެވޭނީ ވެކްސިން ފުރިހަމަ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް ނިންމާފައި ވާތީ ސްކޫލުތަކުގައި މަސައްކަތްކުރާ ގިނަ ބަޔަކު ޑޯޒުތައް ފުރިހަމަކޮށްފައިވެއެވެ.
ވެކްސިން ޖަހަން ޝަރުތު ހަމަވާ 35،000 ހެއްހާ ކުދިން އެބަތިބި ކަމަށް އެޑިޔުކޭޝަނުން މައުލޫމާތު ދެއެވެ.
ރާއްޖޭގައި ކޮވިޑު ފެތުރެން ފެށި ފަހުން ފާއިތުވެދިޔަ ދޮޅު އަހަރު މާލެ ސަރަހައްދުގައި ކިޔަވައިދިނުން ކުރިއަށް ގެންގޮސްފައިވަނީ އޮންލައިން ކޮށެވެ.
ނަމަވެސް ބަލި ޖެހޭ މީހުންގެ އަދަދުތައް ބޮޑުތަނުން ދަށްވުމުން އޮގަސްޓް މަހުގެ 10 ވަނަ ދުވަހު ދިރާސީ އާ އަހަރާ އެކު ހުރިހާ ކުދިން ސްކޫލަށް ހާޒިރުކޮށް ކިޔަވައިދޭން ވަނީ ފަށައިފައެވެ.
ސްކޫލެއްގައި ނޫޅޭ އުމުރުން 12 އާއި 17 އަހަރާއި ދެމެދުގެ ކުދިންނަށް ކޮވިޑް ވެކްސިން ޖެހޭނީ އެޕޮއިންޓުމަންޓް އުސޫލުންނެވެ.
ރާއްޖެއިން ބޭރަށް ކިޔަވަން ދާ ކުދިންގެ ތެރެއިން ފައިޒާ ވެކްސިން ނޫން އެހެން ވެކްސިނެއް ގަބޫލުނުކުރާ ގައުމުތަކަށް ދާ ކުދިންނަށްވެސް އެޕޮއިންޓުމަންޓް އުސޫލުން ވެކްސިން ޖަހަމުން އަންނަކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.
ރާއްޖެއިން މިހާތަނަށް ކޮވިޑުން ރައްކާތެރިވުމަށް 319،080 މީހުން ވެކްސިންގެ ފުރަތަމަ ޑޯޒު ޖަހާފައިވާއިރު 388،776 މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ޖަހާފައެވެ.