ޑިޖިޓަލް ޚިދުމަތް ތައާރަފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތް އިފްތިތާހު ކުރުމުގެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ވިދާޅުވީ ޑިޖިޓަލް ޚިދުމަތް ތައާރަފްކުރާއިރު، އެންމެ ބޮޑަށް ފާރަވެރިވެ ރައްކާތެރިކޮށްދޭންޖެހެނީ ވަކިވަކި ފަރުދުންގެ ޒާތީ މަޢުލޫމާތުތައް ކަމަށާއި އަދި އިންޓަރނެޓްގެ ޒަރީއާއިން ހިންގާ އެކިއެކި ޖަރީމާތަކުން ރައްޔިތުން ހިމާޔަތްކޮށްދިނުމަކީވެސް ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން ރައްޔިތުންގެ ޒާތީ މައުލޫމާތު ހިމާޔަތްކޮށްދޭނެ، ޑޭޓާ ޕްރޮޓެކްޝަން އެންޑް ޕްރައިވެސީގެ ބިލެއް މިހާރު އަންނަނީ ފަރުމާ ކުރަމުންކަން ފާހަގަކުރައްވާ ރައީސް ވަނީ ރާއްޖޭގެ އިންޓަރނެޓް ވިއުގައަކީ، ޑިޖިޓަލް ޚިދުމަތްތަކަށް ރައްކާތެރި ވެށްޓެއްކަން ކަށަވަރު ކުރުމަށްޓަކައި، ސައިބަރ ކްރައިމްގެ ބިލެއް ފަރުމާކުރުމުގެ މަސައްކަތްވެސް މިހާރު އަންނަނީ ކުރަމުންކަމަށް ވިދާޅުވެފައެވެ.

އަޅުގަނޑުމެންވެސް މިވަނީ ކޮންމެ މީހެއްގެ ޑިޖިޓަލް އައިޑެންޓިޓީއެއް ގާއިމުކުރަން ޖެހިފައި. ސަރުކާރުގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ތެރެއިން ޒަމާނަށް އެކަށީގެންވާ ޑިޖިޓަލް އައިޑެންޓިޓީގެ ނިޒާމެއް، ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ގާއިމުކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުން. ޑިޖިޓަލް އައިޑެންޓިޓީ ތަޢާރުފްކުރުމުން ޚިދުމަތް ހޯދުމުގައި ވަރަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެ. ޑިޖިޓަލް އައިޑެންޓިޓީގެ ޚިދުމަތް ތައާރުފްވެގެން އަންނައިރު، ގާނޫނީ ގޮތުންވެސް ވަރަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެ. އެކަމަށް ދުރާލައި ހައްލެއް ހޯދުމުގެ ގޮތުން، އިލެކްޓްރޯނިކް މުއާމަލާތްތަކާ ބެހޭ ބިލެއް މިހާރުވަނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފަ."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މިއަދު އިފްތިތާހު ކުރެވުނު ގަވް ޑޮޓް އެމްވީ މެސެޖުގެ ޚިދުމަތަކީ، ރައްޔިތުންނާ ވީހާ ގާތުން ޚިދުމަތް ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތު ތަންފީޒު ކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ޚިދުމަތެއް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

އަދި އެއީ ރައްޔިތުންނާއި ސަރުކާރާ ދެމެދު، މިހާރަށްވުރެ ހަލުވިކޮށް މުވާސަލާތު ކޮށްދޭނެ ވަރަށް ހަރުދަނާ ފާލަމަކަށް ވެގެންދާނެ ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

މި ޚިދުމަތުގެ އެންމެ ބޮޑު ފަސޭހައަކީ، ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ސަރުކާރުގެ އޮފީހަކަށް އާންމު ރައްޔިތަކު ހުށަހަޅަން ބޭނުންވާ ކަންކަމާއި، ސަރުކާރުގެ ޚިދުމަތްތަކާ ގުޅިގެން ހުށަހަޅަން ބޭނުންވާ ޝަކުވާތައް ފަސޭހަކަމާއެކު ހުށަހެޅުމުގެ ދޮރު، 24 ގަޑިއިރު ހުޅުވިފައި ހުރުން ކަމަށް ރައީސް ވިދާޅުވިއެވެ.

ކަމެއް ހުށަހެޅުމަށްޓަކައި އެ އޮފީހަކަށް ދާން ނުޖެހުން. އަދި އޮފީސް ހުޅުވެންދެން އިންތިޒާރު ކުރަން ނުޖެހުން. އަދި އޮފީސް ބަންދުކޮށްފައި ހުރުމުން ހުށަހަޅަން ބޭނުންވާ ކަމެއް ހުށަނޭޅި ހުންނަން ނުޖެހުން. އޭގެ އިތުރުން ކަމެއް ހުށަހެޅުމުން އެ ހުށަހެޅި ކަމަކާމެދު އެ އޮފީހަކުން ފިޔަވަޅު އަޅަމުންދާ މިންވަރު މި ނިޒާމުގެ ތެރެއިން އެ މީހަކަށް ބެލެން ހުރުން. އަޅުގަނޑުމެންގެ ވަށައިގެން މުޅި ދުނިޔެ މިހާރު އަންނަނީ ޑިޖިޓަލްވަމުން. ދިރިއުޅުމުގެ އަސާސީ ހުރިހާ ޚިދުމަތެއްހެން މިހާރު އެ އަންނަނީ ޑިޖިޓަލް ކާޑެއްގެ އެހީގައި އިނގިލި ކުރިއާ ހަމައަށް ތިލަވަމުން. ފައިސާގެ މުއާމަލާތްތަކާއި ގައުމުތަކަށް އެތެރެވެ ބޭރުވުމާއި ދަރިންނަށް ކިޔަވައިދިނުމާއި، ބޭސްފަރުވާގެ ޚިދުމަތްތައްވެސް އެ އަންނަނީ ޑިޖިޓަލް ވިއުގައިގެ ތެރެއިން ފަސޭހަކަމާއެކު ގުޅެމުން."
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު

މީގެ އިތުރަށް ރައީސް ވިދާޅުވީ ކޮވިޑް-19ގެ ދަތިކަމުގައި މި ހޭދަކުރި ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި، ޑިޖިޓަލްކޮށް ޚިދުމަތް ފޯރުކޮށްދިނުމާއި ޚިދުމަތް ލިބިގަތުމުގެ މުހިންމުކަން ވަރަށް ބޮޑަށް އެނގި ކަށަވަރުވެއްޖެ ކަމަށާއި ފުރަބަންދުގައި ތިބެގެން ކިޔަވައިދިނީ ޑިޖިޓަލް ކްލާސްރޫމްތަކެއްގައި ކަމަށެވެ.

އަދި ވިޔަފާރިއާއި އިގްތިސާދީ ކިތަންމެ މުއާމަލާތެއް ހިންގީ ޑިޖިޓަލް ވަސީލަތްތަކުންކަން ފާހަގަކުރައްވާ ރައީސް ވަނީ ސަރުކާރުގެ ވަރަށް ގިނަ ޚިދުމަތްތައް ދެމުން އައީ އޮންލައިންކޮށްކަން ފާހަގަކުރައްވާފައެވެ.

އިގްތިސާދީ ދާއިރާއިން، މުޅި ދުނިޔެއަށް އަންނަ ޑިޖިޓަލް ބަދަލުތަކާ ފައި ހަމަކުރުމަށްޓަކައި، ޑިޖިޓަލް އިގްތިސާދަކާ ދިމާލަށް ގައުމު ގެންދިޔުމަކީވެސް، ސަރުކާރުގެ ވަރަށް މުހިންމު އަމާޒެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވިދާޅުވިއެވެ.

އެކަމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު އަންނަނީ ކުރަމުން ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މި ނިޒާމުގެ ހަގީގީ މަންފާ ރައްޔިތުންނަށް ލިބޭނީ އޮފީސްތަކުން ކަންކަން ނިންމައި ރައްޔިތުންނަށް ޖަވާބު ދޭ މިންވަރު އިތުރުކޮށްގެން ކަމަށާއި އެކަން ކުރެވޭނީ އާންމު ރައްޔިތަކު ސަރުކާރުގެ އޮފީހަކަށް ހުށަހަޅާ ކަމަކަށް ދޭ ޖަވާބު، އެމީހަކު އިތުރު ބުރައެއް އުފުލަންނުޖެހި، ލިބޭނެ ލުއިފަސޭހަ އިންތިޒާމުތަކެއް އޮފީސްތަކުގައި ގާއިމުކުރެވިގެން ކަމަށް ރައީސް ވިދާޅުވިއެވެ.