އަކްޝޭގެ ފިލްމް ބެލް ބޮޓަމް މިމަހު 16 ގައި އެމޭޒަން ޕްރައިމްގައި ސްޓްރީމް ކުރަން ނިންމައިފިއެވެ.

މިކަން އަކްޝޭ ހާމަކުރީ ސޯޝަލް މީޑިއާ މެދުވެރިކޮށް އޭނާގެ ފޭނުންނާނެއެވެ.

ރަންޖީތު ތިވާރީ ޑައިރެކްޓްކުރި "ބެލް ބޮޓަމް" އަކީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ދައުރުގައި މަތިންދާބޯޓް ހައިޖެކްކުރުމުގެ ހާދިސާއަކަށް ބިނާކޮށް ހަދާފައިވާ ސްޕައި ތުރިލާ ފިލްމެކެވެ.

އަކްޝޭއާއެކު ފިލްމުގެ ކާސްޓްގައި ލާރާ ދައްތާ، ވާނީ ކަޕޫރް، ހުމާ ގްރޭޝީ އަދި އާދިލް ހުސައިންވެސް ހިމެނެއެވެ.

ފިލްމްގެ ރިލީޒާއިއެކު، ފިލްމު ބެލި ގިނަ މީހުނާއި ކްރިޓީކްސުން ފިލްމުގެ މޮޅު ވާހަކަ ދައްކަމުން ދާއިރު ގަލްފުގެ ބައެއް ގައުމުތަކުގައި ބެލް ބޮޓަމް ވަނީ ދެއްކުން މަނާކޮށްފައެވެ.

ސައޫދީ އަރަބިޔާއާއި ގަތަރު އަދި ކުވޭތުގެ ސެންސަރު ބޯޑުތަކުން މި ފިލްމު ދެއްކުމުގެ ހުއްދަ ނުދިނީ ތާރީހީ ބައެއް ހަގީގަތް އޮޅުވާލާފައިވާ ކަމަށް ބުނެއެވެ.

މި ފިލްމު ބިނާ ކޮށްފައި ވަނީ 1980 އިގެ އަހަރުތަކުގައި ހިނގި މަތިންދާބޯޓެއް ހައިޖެކް ކުރުމުގެ ހަގީގީ ހާދިސާ އަކަށެވެ.

ފިލްމުގައި ދައްކަނީ މަތިންދާ ބޯޓު ސަލާމާތް ކުރަން އިންޑިޔާއިން ހިންގި ސިއްރު އޮޕަރޭޝަނެކެވެ.

ފިލްމު ރިލީޒްކުރި ފުރަތަމަ ދުވަހު އިންޑިޔާއިން މިފިލްމަށް 2.75 ކްރޯޑު ރުޕީސް ލިބުނު ކަމަށް އިންޑިޔަން ޓައިމްސްގައި ރިޕޯޓްކޮށްފައިވެއެވެ.

މިއީ ފިލްމުގެ ބަޖެޓާ ބަލާއިރު ކުޑަ އަދަދެއް ނަމަވެސް މިވަގުތުގެ ހާލަތަށް ބަލާއިރު ރަނގަޅު އަދަދެއްކަމަށް ފިލްމީ ވިޔަފާރީގައި އުޅޭ މީހުން ބުނެއެވެ. ސަބަބަކީ ސިނަމާތައް ހުޅުވިޔަސް އަދި ފިލްމު ބަލަން އެ ތަންތަނަށް ވަންނަން މީހުން ޖެހިލުން ވާތީއެވެ.

ނަމަވެސް މީހުން ގިނައިން ފިލްމުތަކަށް ވެއްދޭނީ ކޮންމެވެސް ބަޔަކު ހިތްވަރުކޮށް ރިސްކު ނަގައިގެން ކަމުން އަކްޝޭގެ މި މަސައްކަތަށް އެންމެން ވެސް ތައުރީފު ކުރެއެވެ.

އަކްޝޭ މިވަގުތު ހުރީ ޑައިރެކްޓަރ ރަންޖީތުއާއެކު މަސައްކަތްކުރާ ދެވަނަ ފިލްމު "ސިންޑްރެއްލާ" ގެ ޝޫޓިން އަށް އިނގިރޭސިވިލާތުގައެވެ.