ގާނޫނީ ދާއިރާއަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސެއިން ޝަމީމް އިހްތިރާމް ނުކުރައްވާކަމަށް ކުރީގެ ނައިބު ރައީސް އަދި ގާނޫނީ ވަކީލް، ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރްސީގެ ހިޔާނަތާ ގުޅުވާ ކުރީގެ ޓޫރިޒަމް މިނިސްޓަރ އަލީ ވަޙިދު ދެއްކެވި ވާހަކަތައް ޕީޖީ ދޮގުކުރެއްވުމާއި ގުޅިގެން ޑރ ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަމިއްލަ މަސްލަހަތާއި ޕްރޮސެކިއުޝަން މަސްހުނިކުރަން ގާނޫނު ހުއްދަނުކުރާ ކަމަށެވެ.

އެމްއެމްޕީއާރުސީ ހިޔާނާތާ ގުޅިގެން ދައުލަތުގެ ކަމާބެހޭ އިދާރާތަކުން ހާމަކުރި ލިސްޓަށް އިޝާރާތްކުރައްވާ އަލީ ވަހީދު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ، އެމްއެމްޕީއާރްސީގެ ސައްހަ ލިސްޓު ފެށެނީ މިހާރުގެ ޕްރޮސިކިއުޓާ ޖެނެރަލާ ހަމައިން ކަމަށެވެ.

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދިރިއުޅުއްވި ރެހެންދި ފްލެޓުން "ކަޅު ދަބަސް" ހިފައިގެން ނިކުތް މީހުން ނޯޅޭކަމަށްވެސް އަލީ ވަހީދު ވިދާޅުވިއެވެ.

އެ ޓްވީޓުގައި އަލީ ވަހީދު ވަނީ، ޕީޖީ ހުސެއިން ޝަމީމްއަށް އިޝާރާތްކޮށް، ކީރިތި ރަސޫލާއަށް ފުރައްސާރަކުރި އެމްޑީއެންގެ ޗެއާޕާސަންކަން ކުރެއްވިކަން ހަނދާން ނެތް މީހަކަށް އަލީ ވަހީދުވެސް އޮޅިދާނެކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅޭގޮތުން ޕީޖީ އޮފީހުން ބުނެފައިވަނީ އަލީ ވަހީދުގެ ޓްވީޓްތަކުގައި ބުނަން އުޅެފައިވާ ވާހަކަތަކަކީ ދޮގު ވާހަކަތަކެއް ކަމަށާއި، މައްސަލަތަކުގައި ދައުވާ ލިބޭ މީހުން ކުރާ އެފަދަ ތުހުމަތުތަކާ ގުޅިގެން ޕީޖީ އޮފީހުން ކޮމެންޓްކޮށް ނޫޅޭ ކަމަށެވެ.

ޕީޖީ ޝަމީމްއަށް ފާޑުކިޔުއްވާ އަލީ ވަހީދު ކުރެއްވި ތުހުމަތުތައް ޕީޖީން ދޮގުކުރުމާއި ގުޅިގެން ޑރ. ޖަމީލް ވިދާޅުވީ، ޕީޖީ އޮފީސް ބޭނުންކުރައްވައި ދިފާއު ނެންގެވުމަކީ މަގާމްގެ ބޭނުން ނަހަމަގޮތުގައި ހިފުން ކަމަށާއި، މިފަދަ ބޮޑެތި ތުހުމަތުތަކުގެ އަޑުގަދަވެ، ޕީޖީއާމެދު އޮންނަ އިތުބާރު ގެއްލިއްޖެ ކަމަށެވެ.