އެމެރިކާގެ މިސްކިތެއްގައި ބޮން ގޮއްވާލިކަމުގެ ކުށް ސާބިތުވި މީހާ 53 އަހަރަށް ޖަލަށްލުމަށް ހުކުމް ކޮށްފިއެވެ.
އެމެރިކާގެ މިނެސޯޓާގެ މިސްކިތެއްގައި ބޮން ގޮއްވާލާފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 5 ވަނަ ދުވަހުއެވެ.
މިސްކިތުގައި ބޮން ގޮއްވާލުމުގެ ކުށް ސާބިތުވެ ޖަލަށްލާން ހުކުމް ކޮށްފައިވަނީ، މިނެސޯޓާގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ޖަމާއަތެއްގެ ލީޑަރު، އުމުރުން 50 އަހަރުގެ އެމިލީ ކްލަޔަރ ހަރީ ނަމަކަށްކިޔާ މީހެއްގެ މައްޗަށެވެ.
2017 ވަނަ އަހަރު ބޮން ގޮއްވާލާފައިވަނީ، މިނެސޯޓާގެ ބްލޫމިންޓަންގައި ހުންނަ ދާރުލް ފާރޫގް އިސްލާމިކް ސެންޓަރުގައެވެ. ބޮން ގޮއްވާލާފައިވަނީ މުސްލިމުން ފަތިސް ނަމާދަށް ތިއްބައެވެ.
ނަމަވެސް، މިހާދިސާގައި އެއްވެސް މީހަކަށް ކަމެއް ނުވެއެވެ.
އެ މިސްކިތް ހުންނަ ސަރަހައްދަކީ މިނެސޯޓާއަށް ހިޖުރަކޮށްފައިވާ ސޯމާލިއާ ދަރިކޮޅުގެ މީހުން ގިނަ އަދަދަކަށް ދިރިއުޅޭ ސަރަހައްދެކެވެ.
ފަސް ހަފްތާއަށް ކުރިއަށް ގެންދިޔަ ޝަރީއަތަށްފަހު އޭނާ ކުށްވެރިވާ ކަމަށް ކަނޑައަޅާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރުމަހުއެވެ. ނަމަވެސް، އޭނާގެ މައްޗަށް ކޯޓުން ހުކުމް އިއްވާފައިވަނީ މިއަދުއެވެ.
ހުކުމް އިއްވަމުން ކޯޓުގެ ފަނޑިޔާރު ޑޮނޮވަން ފްރޭންކް ވިދާޅުވީ، އެމިލީ ކްލަޔަރ ހަރީ ރާވައި ހިންގި މި އަމަލަކީ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ. އެހެންކަމުން، ފަނޑިޔާރު އިއްވީ އުމުރަށް ޖަލަށްލުމުގެ ހުކުމާއެކު 53 އަހަރުގެ ޖަލު ހުކުމެވެ.
މިސްކިތުގައި ބޮން ގޮއްވާލުމުގައި އޭނާއާއެކު ބައިވެރިވި އިތުރު ދެމީހެއްގެ މައްޗަށް ކޯޓުން 2019 ވަނަ އަހަރުގެ ޖެނުއަރީމަހު ވަނީ ހުކުމްކޮށްފައެވެ.
ޕްރޮސިކިއުޓަރުން ކޯޓުގައި ބުނެފައިވަނީ، މިސްކިތުގައި ބޮން ގޮއްވާލާފައިވަނީ "ދަ ވައިޓް ރެބިޓްސް" ނަމަކަށްކިޔާ ހަތިޔާރުއެޅި ގްރޫޕަކުން ކަމަށާއި، އެ ގްރޫޕްގެ ލީޑަރަކީ އެމިލީ ކްލަޔަރ ހަރީ ކަމަށެވެ.
މިކަމުގައި ހިމެނޭ އެންމެންނަކީ، އިލިނޮއިސްއަށް ނިސްބަތްވާ މީހުންނެވެ. އެމީހުން މިނެސޯޓާގެ މިސްކިތަށް ހަމަލާދޭން ގޮސްފައިވަނީ ޕިކަޕެއް ކުއްޔަށް ހިފައިގެންނެވެ.
އެފްބީއައި އިން އެމީހުން ހައްޔަރު ކޮށްފައިވަނީ 2018 ވަނަ އަހަރުގެ މާޗްމަހުއެވެ.