ދިވެހި ފިލްމީ ދާއިރާގައި ފިޔަޖަހަމުން އަންނަ ޒުވާން ބަތަލާ އާމިނަތު ރަޝްފާ (އާޝާ) ގެ އައު ލަވަ، "ޝިކާރަ" އިގެ ޓީޒާ ދައްކާލައިފިއެވެ.

އާޝާ ވަނީ މިލަވައިގެ ޕޯސްޓަރެއް އޭނަގެ އިންސްތާގްރާމްގައި ވެސް ހިއްސާކޮށްފައެވެ. މި ޓީޒާއާއިއެކު ލަވަ ބެލުންތެރިންނާ ހަމައަށް އަންނާނެ ދުވަސްވެސް ވަނީ ބުނެފައެވެ.

އަމިއްލަ ރާގުގެ މިލަވައިގެ ޅެން ހަދާފައިވަނީ މުޙައްމަދު ޢަބްދުލްޢަނީ (ތޭރަ) އެވެ. މިއުޒިކް ކޮމްޕޯޒް ކޮށްފައިވަނީ ހުސެއިން ތައުފީޤެވެ.

ލަވަ ކިޔާފައިވަނީ މަޝްހޫރު ލަވަކިޔުންތެރިޔާ ޝަލަބީ އިބްރާޙިމާއި މަރިޔަމް އަޝްފާއެވެ.

މި ލަވައާއި ގުޅޭގޮތުން ވީނިއުސްއަށް މައުލޫމާތު ދެމުން އެކްޓަރ ޕްރޮޑިއުސަރ އާޝާ ބުނީ، މިލަވަ ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޭނަގެ އުފަން ދުވަހާއި ދިމާކޮށް ސެޕްޓެމްބަރު 16 ވަނަ ދުވަހު ކަމަށެވެ.

އާޝާއާއިއެކު މިލަވައިގެ ޕޯސްޓަރުން ފެންނަ އަނެއް ފަންނާނާއި ގުޅޭގޮތުން އާޝާ ބުނީ އެއީ އަދި ސަޕްރައިޒެއް ކަމަށެވެ. އެހެން ނަމަވެސް އެއީ އައު މޫނެއް ނޫން ކަމަށެވެ.

https://www.youtube.com/watch?v=fdH7JL3s6Hc&t=4s&ab_channel=ChuweetAashaa

"ޝިކާރަ" ގެ ޕޯސްޓަރު އާޝާގެ އިންސްޓަގްރާމްގައި ދައްކާލި ހިސާބުން އާޝާގެ ފޭނުން މިލަވައިގެ އިންތިޒާރުގައި ކެތްމަދުވެފައި ތިބިކަމަށް އަންނަނީ ބުނަމުންނެވެ.

އެގޮތުން މި ޕޯސްޓަރުގައި އާޝާއާއެކު ފެނިގެންދާ ފިރިހެން ފަންނާނަކީ ފުރަގަހަށް ހުއްޓިގެން ހުރުމުން އެއީ ކާކުތޯ ބަލައިލަންވެސް ފޭނުން ތިބީ ކެތްމަދުވެފައެވެ.

ލަވައިގެ ޓީޒާއިންވެސް މާ ބޮޑު އެއްޗެއް ނޭނގެއެވެ. އެއީ ހަމަ ސަޕްރައިޒެކެވެ.

މިލަވައިގެ ޑައިރެކްޝަންގެ މަސައްކަތް ކޮށްފައިވަނީ މަޝްހޫރު ފެޝަން ޑިޒައިނާ އަދި މޭކަޕް އާޓިސްޓް ސޭންޑީ ކަމަށް އާޝާ ބުންޏެވެ.

މިއީ ޑައިރެކްޓަރެއްގެ ގޮތުގައި ސޭންޑީ ކުރާ ފުރަތަމަ މަސައްކަތެވެ.

އާޝާ ވަނީ މީގެކުރިން އަމިއްލައަށް ޕްރޮޑިއުސްކޮށް "ގުނަމުން މިދާ" ގެ ނަމުގައިވެސް ލަވައެއް ބެލުންތެރިންނާ ހަމައަށް ގެނެސްދީފައެވެ.

މިލަވަވެސް ބެލުންތެރިންނާ ހަމައަށް އައިސްފަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރ 16 ގައެވެ.

ދިވެހި ފިލްމް ގޮށްރާޅުން ދަތުރު ފެށި އާޝާ އަދި މަސައްކަތް ނުފަށާ ގިނަ ޕްރޮޖެކްޓްތަކެއް ހުރިއިރު، މިހާރު އާޝާ އަންނަނީ ޑާކްރެއިން އެންޓަރޓެއިންމަންޓްގެ ވެބް ސީރީޒް ގިރިޓީ ލޯބީގެ އިތުރުން ބަޅިނދު އަދި ބީވީމައިގައިވެސް މަސައްކަތް ކުރަމުންނެވެ.