ނަފްސާނީ ދުޅަހެޔޮކަމާ ގުޅުންހުރި ދާއިރާތަކުން މަތީ ތަޢުލީމު ހާސިލްކުރަން ބޭނުންވާ ފަރާތްތަކަށް ސްކޮލަރޝިޕްތަކަށް ކުރިމަތިލުމުގެ ފުރުޞަތު މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނުން ހުޅުވާލައިފިއެވެ.

މެންޓަލް ހެލްތުގެ ދާއިރާއިން މީހުން ބިނާކުރުކުރުމުގެ ގޮތުން ސްކޮލަރޝިޕްތަކެއް އިޢުލާން ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިޢުލާން ކުރައްވާފައިވަނީ، ނޭޝަނަލް ސްކިލް ޑިވެލޮޕްމަންޓް މާސްޓަރ ޕްލޭން އިފްތިތާޙު ކުރުމުގެ ރަސްމިއްޔާތުގައެވެ.

އެގޮތަށް ހަމަޖައްސާފައިވަނީ އެ ދާއިރާތަކަކީ ތަމްރީންވެފައިވާ މީހުން ރާއްޖެއަށް ލިބުން ވަރަށް ބޮޑަށް ބޭނުންވެފައިވާ ދާއިރާތަކެއް ކަމަށް ފާހަގަކުރެވިފައިވާތީ ކަމަށް މިނިސްޓްރީން ބުނެއެވެ.

ހަޔަރ އެޑިއުކޭޝަނުން ހުޅުވާލާފައިވާ ސްކޮލަރޝިޕްތަކުގެ ފުރުސަތުތަކަކީ ކިޔެވުމަށް ހިނގާ ހުރިހާ ޚަރަދެއް ދިވެހި ސަރުކާރުން ކުރާގޮތަށް ހަމަޖައްސާފައިވާ 46 ސްކޮލަރޝިޕް ފުރުސަތުކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

މިނިސްޓްރީން ބުނެފައިވަނީ މި ސްކޮލަރޝިޕްތަކުގެ ތެރެއިން ކޮންމެ ސްކޮލަރޝިފެއްވެސް ވަނީ އެ ސްކޮލަރޝިޕެއް ފުރިހަމަ ކުރާ ދަރިވަރު ދައުލަތުގެ ކޮންމެވެސް މުއައްސަސާއަކުން ކަނޑައަޅާ ތަނެއްގައި ޚިދުމަތްކުރުމަށް އެ މުއައްސަސާއަކަށް އެލޮކޭޓްކޮށްފައި ކަމަށެވެ.

އެހެންކަމުން، އެ ސްކޮލަރޝިޕެއް ފުރިހަމަކުރާ ދަރިވަރަކު އެ ސްކޮލަރޝިޕެއް އެލޮކޭޓްކޮށްފައިވާ މުއައްސަސާއިން ކަނޑައަޅާ ތަނެއްގައި ވަކި މުއްދަތަކަށް ޚިދުމަތް ކުރުމަށް ބޮންޑު ކުރެވޭނެއެވެ. އެއީ، މާލެއާއި އަތޮޅުތަކުގައި ޚިދުމަތްކުރުމަށް މި ސްކޮލަރޝިޕްތަކުގެ އެހީގައި މީހުން ތަމްރީންކުރުމުގެ ބޭނުމުގައެވެ.

ސަރުކާރުން ސްކޮލާޝިޕްގެ ފުރުސަތު ހުޅުވާލި ކޯސްތައް:

މާސްޓާސް އިން އެޑިކްޝަން ސްޓަޑީޒް/އެޑިކްޝަން މެނޭޖްމެންޓް

މާސްޓާސް އިން ނާސިން (ސައިކިއޭޓްރިކް/މެންޓަލް ހެލްތު ނާސިން)

މާސްޓާސް އިން ކްރިމިނަލް ސައިކޮލޮޖީ

މާސްޓާސް އިން ކައުންސެލިން/ސައިކޯތެރަޕީ

މާސްޓާސް އިން ސައިކިއޭޓްރީ

މާސްޓާސް އިން ލާނިން ޑިސްއެބިލިޓީސް

ސްކޮލާޝިޕް ފުރިހަމަ ކުރުމަށްފަހު މަސައްކަތްކުރަން ޖެހޭ މުއައްސަސާތައް

އައިޖީއެމްއެޗް

މިނިސްޓްރީ އޮފް ހެލްތް

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

މިނިސްޓްރީ އޮފް ޖެންޑަރ

އެކި ދާއިރާތަކުން މީހުން ބިނާކުރެއްވުމަކީ ސަރުކާރުގެ ބޮޑު އަމާޒެއްކަމަށާއި މިފަހަރު ހުޅުވާލި މެންޓަލް ހެލްތުގެ ދާއިރާއިން ކިޔެވުމުގެ ސޮކޮލަރޝިޕްތަކާއި އެހެން ސްކޮލަރޝިޕްތަކާ ތަފާތުތަކެއް ހުންނާނެކަމަށާއި އެގޮތުން މި ސްކީމުން ދަރިވަރުން ކިޔަވަންދާ ޔުނިވަރސިޓީއާއި ކޯސް އިޚްތިޔާރުކުރާނީ ދަރިވަރުން އަމިއްލައަށް ކަމަށް ހަޔަރ އެޑިޔުކޭޝަނުން ބުނެއެވެ.

ސަރުކާރުން ސްކޮލާޝިޕަށް ހުޅުވާލި ފުރުސަތުގައި ބައިވެރިވެވޭނީ ސްކޮލާޝިޕްގެ ދަށުން ހުލުވާލި ކޯސްތަކާއި ގުލޭ ދާއިރާއަކުން ބެޗެލާސް ޑިގްރީ ހާސިލްކޮށްފައިވާ، ނުވަތަ ސަނަދުތަކުގެ އޮނިގަނޑުގައިވާ ގޮތުން މާސްޓާސް އަށް ޝަރުތު ފުރިހަމަވާ ދަރިވަރުންނަށާއި، ކޯސް ފުރިހަމަ ކުރަން އެދޭ ޔުނިވާސިޓީއަކުން ކަނޑައަޅާ ޝަރުތުތައް ފުރިހަމަވެފައިވާ ދަރިވަރުންނަށާއި، ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ކޯހެއްގައި ބައިވެރިވާން އެދޭ ދަރިވަރުންނަށެވެ.

ސަރުކާރުން ނަފްސާނީ އިލްމުގެ ދާއިރާއިން ކިޔަވަން ސްކޮލާޝިޕްގެ ފުރުސަތުތައް ހުޅުވާލާފައިވަނީ ނަފްސާނީ ކަންތައްތަކާއި ބެހޭ ޑޮކްޓަރުންނަށް ދައްކަން އެޕޮއިންޓްމެންޓް ހަދައިގެން ޑޮކްޓަރުންނަށް ނުދެއްކި ލަސްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

މި ސްކޮލަރޝިޕްތަކާ ގުޅޭ އިތުރު މައުލޫމާތު ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެއެވެ.