ކުޅަދާނަ ފިލްމު އުފެއްދުންތެރިޔާ ރޯހިތް ޝެޓީގެ ކުރިޔަށްއޮތް ފިލްމު "ސަރކަސް" އިން ބަތަލާ ދިޕިކާ ޕަޑުކޯން ފެނުމުގެ ފުރުސަތު ބޮޑުކަމަށް ފިލްމީ ރިޕޯޓުތަކުން ބުނެފިއެވެ.

މީގެކުރިންވެސް ބަތަލާ ދިޕިކާ ޕަދުކޯންގެ ވަރަށް ޚާއްސަ ފެނިލުމެއް ފިލްމުގައި ހިމެނިފައި ވާކަމަށް ރިޕޯޓުތައްވަނީ ބުނެފައެވެ.

ދާދިފަހުން ދިޕިކާގެ ހާއްސަ ފެނިލުމާބެހޭ އިތުރު ތަފްސީލްވަނީ ހާމަވެފައެވެ.

ރިޕޯޓުތައް ބުނާގޮތުން ދިޕިކާ ކުޅެން ހަމަޖެހިފައިވަނީ 2013 ވަނަ އަހަރު ރިލީޒްވި ރޯހިތްގެ ކާމިޔާބު ފިލްމު "ޗެންނާއި އެކްސްޕްރެސް" ގައި ބަތަލާ ފެނިގެންދިޔަ ކެރެކްޓަރ މީނަންމާގެ ހަނދާންތައް އާވެގެންދާނެކަހަލަ ރޯލެކެވެ.

އޭނާގެ މިހާއްސަ ފެނިލުން ވެގެންދާނީ މިކެރެކްޓަރ ދައްކުވައިދޭނެ ލަވައެއްކަމަށް ފިލްމުގެ ކްރޫއިންވަނީ ކަށަވަރުކޮށްދީފައެވެ.

ފިލްމު "ސަރކަސް" އަކީވެސް ހެއްވާ މަޖާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ތައްޔާރުކުރާ ފިލްމެއްކަމުން "މީނައްމާ" ކެރެކްޓަރ އަލުން ސްކްރީނުން ފެނިގެންދިއުމަކީ ފިލްމުގައި ހިމެނޭ ހެއްވާ ކޮމެޑީ ސީންތަކަށް އިތުރު ފުރިހަމަކަމެއް ގެނުވައިދޭނެ ކަމެއްކަމަށް ގިނަބަޔަކުވަނީ އެއްބަސްވެފައެވެ.

އެކްޓަރު ރަންވީރް އާއި ބަތަލާ އަދި ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯންއަކީ މިފަހަކަށް އައިސް ސްކްރީނުން ފެނިގެންދިޔަ ގިނަ ބަޔަކު ގަޔާވި ޖޯޑެކެވެ.

މިދެ އެކްޓަރުން އެކީގައި ކުޅެފައިވާ ކޮންމެ ފިލްމަކަށްވެސް މިޖޯޑުގެ ސަބަބުން އިތުރު ފުރިހަމަކަމެއް ގެނުވައިދީފައިވެއެވެ.

އެހެންކަމުން ކުޑަ ހިނދުކޮޅެއްގެ ފެނިލުމަކުންވެސް ދެއެކްޓަރުން ފެނިގެންދިއުމަކީ މިފިލްމަށްވެސް ބެލުންތެރިންގެ ތަރުހީބު އިތުރަށް ލިބިގެންދާނެ ކަމެކެވެ.

ފިލްމު "ސަރކަސް" އިން ފެނިގެންދާ އިތުރު ތަރިންގްތެރޭގައި، ބަތަލާއިންކަމަށްވާ ޖެކްލީން ފެނާންޑޭޒް، ޕޫޖާ ހެޖް އަދި އެކްޓަރު ވަރުން ޝަރްމާ ހިމެނެއެވެ.

ރަންވީރްއާއެކު ދިޕިކާ ދެން އެންމެ އަވަހަށް ފެނިގެންދާނީ މިއަހަރު ސިނަމާތަކުގައި ރިލީޒްކުރެވޭނެކަމަށް ބެލެވޭ ކްރިކެޓް ފިލްމު "83" އިންނެވެ.

ފިލްމު "ސަރކަސް" ރިލީޒްކުރެވޭނެ ތާރީޚެއް އަދި ހަމަޖެހިފައިނުވާއިރު ޑައިރެކްޓަރު ރޯހިތް ޝެޓީގެ އެންމެ އިންތިޒާރުކުރެވޭ ފިލްމު "ސޫރްޔަވަންޝީ" އަދިވެސް ރިލީޒްކުރާނެ ތާރީޚެއް އިއުލާނު ކޮށްފައެއް ނުވެއެވެ.

މިފިލްމު އެންމެފަހުން ރިލީޒްކުރާނެކަމަށް އިއުލާނުކުރީ މިދިޔަ އަހަރުގެ މާރޗް މަހުގައެވެ. އެހެންނަމަވެސް ކޮވިޑްގެ ބަލިމަޑުކަމާއެކު ފިލްމު ސިނަމާތަކަށް ގެނެވޭވަރެއް ނުވިއެވެ.