މި ދަނޑިވަޅުގައި ކޮވިޑް ވެކްސިންގެ ތިންވަނަ ޑޯޒެއް ނުވަތަ ބޫސްޓަރ ޑޯޒް ޖެހުމަކީ މުހިންމު ކަމެއް ނޫންކަމަށް ސައިންސްވެރިން ބުނެފިއެވެ.

ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ސައިންސްވެރިންވެސް ހިމެނޭގޮތުން، ސައިންސްވެރިންގެ ބައިނަލްއަގްވާމީ ޓީމަކުން ދިރާސާތަކާއި، ކްލިނިކަލް ޓްރައިލްސްތައް ރިވިއު ކުރުމަށްފަހު އާންމުކުރި ރިޕޯޓްގައި ބުނެފައިވަނީ، ކޮވިޑާ ދެކޮޅަށް މިހާރު ޖަހަމުންގެންދާ ވެކްސިނަކީ، ބަލީގެ ސަބަބުން މީހާ ބޮޑުވަރުވިޔަނުދީ ހިފަހައްޓާ ވެކްސިންތަކެއް ކަމަށެވެ.

އެހެންކަމުން، ގައުމުތަކުގެ މުޅި އާބާދީއަށް ވެކްސިންގެ ތިންވަނަ ޑޯޒެއް ޖެހުމަކީ މި ދަނޑިވަޅުގައި މުހިންމުކަމެއް ނޫންކަމަށް ރިޕޯޓްގައި ބުނެފައި ވެއެވެ.

ދުނިޔޭގެ ހުރިހާ ބިތަކަށް މިހާރު ފެތުރިފައިވާ ޑެލްޓާ ވޭރިއެންޓުން ރައްކާތެރިވުމަށް، ބައެއް ގައުމުތަކުން މިހާރުވަނީ އެގައުމުގެ ރައްޔިތުންނަށް ތިންވަނަ ނުވަތަ ބޫސްޓަރ ޑޯޒް ޖަހަން ފަށާފައެވެ.

މިމައްސަލާގައި ޑަބްލިޔޫއެޗްއޯއިންވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ. އެއީ، ދުނިޔޭގެ އާބާދީގެ ބޮޑު ބަޔަކަށް، ޚާއްސަކޮށް ފަގީރު ގައުމުތަކުގެ ގިނަ ބަޔަކަށް އަދިވެސް ވެކްސިންގެ އެއްވެސް ޑޯޒެއް ޖެހިފައި ނުވާއިރު މުއްސަނދި ގައުމުތަކުން ވެކްސިން ގަނެ، އެގައުމުގެ ރައްޔިތުންނަށް ތިންވަނަ ޑޯޒެއްވެސް ޖަހަން ފެށުމުންނެވެ.

ޑަބްލިޔޫއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޑރ. ޓެޑްރޯސް އަދަނޮމްވެސް ވަނީ، މިއަހަރު ނިމެންދެން ތިންވަނަ ޑޯޒެއް ނުޖަހައި މަޑުކުރުމަށް ގައުމުތަކަށް ގޮވާލައްވާފައެވެ.

ސައިންސްވެރިން ނެރުނު ރިޕޯޓްގައި ބުނެފައިވަނީ، ޑެލްޓާ ވޭރިއެންޓުގެ ނުރައްކާ އޮތްނަމަވެސް، ކޮވިޑްބަލީގައި މި މަރްހަލާގައި ތިންވަނަ ޑޯޒެއް ޖެހުމަކީ ބޭނުންތެރިކަމެއް ނޫން ކަމަށެވެ.

ޑެލްޓާ ވޭރިއެންޓުން ކޮވިޑް ޖެހުނަސް އެފަދަ މީހުންގެ ބަލީގެ ހާލަތު ގޯސްވެގެން ނުދާކަން ސައިންސްވެރިން ފާހަގަކޮށްފައި ވެއެވެ. ވެކްސިންގެ މައިގަނޑު ބޭނުމަކީވެސް އެއީ ކަމަށް ބުނެފައި ވެއެވެ.

ދިރާސާތައް ހެދުމުގައި އިސްކޮށް އުޅުއްވި، ޑަބްލިޔޫއެޗްއޯގެ ސައިންޓިސްޓް އަނާ-މާރިއާ ހެނާއޯ-ރެސްޓްރެޕޯ ވިދާޅުވީ، ކޮވިޑް ވައިރަހުގެ އިތުރު ވޭރިއެންޓުތައް އުފެދި ބަލި އިތުރަށް ފެތުރުން ހުއްޓުވަން ނުވަތަ މި ބަލިމަޑުކަމަށް ނިމުން ގެންނަން ވީހާވެސް އަވަހަކަށް އެންމެނަށް ވެކްސިން ޖެހުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެހެންކަމުން، ވެކްސިން ނުލިބޭ ހިސާބުތަކަށް މިވަގުތު ވެކްސިން ފޯރުކޮށްދިނުމަށް އިސްކަން ދޭންޖެހޭ ކަމަށްވެސް އަނާ-މާރިއާ ވިދާޅުވިއެވެ.