އިންޓަނޭޝަނަލް ވެލްނެސް ވީކެންޑާއި ގުޅިގެން ހޮޓެލް ޖެންއިން "ޖެންސް ފިޓްނަސް ފެސްޓް"ގެ ނަމުގައި ހާއްސަ ފިޓްނަސް ފެސްޓެއް ބާއްވަން ނިންމައިފިއެވެ.

ހޮޓެލް ޖެންގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ނީނާ މުހައްމަދު ވިދާޅުވީ ކުރިން ހޮޓެލްގެ އެތެރޭގެ ހަރަކާތެއްގެ ގޮތުގައި ވެލްނެސް ވީކެންޑް ފާހަގަކުރި ނަމަވެސް، މިފަހަރުގެ އިވެންޓް ބާއްވަން ނިންމާފައުވަނީ އެއަށްވުރެ ފުޅާކޮށްކަމަށެވެ.

ދުޅަހެޔޮކަމަށް ބޭނުންވާ ގިނަ ހަރަކާތްތަކެއް މި ފެސްޓުން ފެނިގެންދާނެކަމަށް ނީނާ ވިދާޅުވިއެވެ. އެގޮތުން، ގްރޫޕް ފިޓްނަސްގެ އެއްގަޑިއިރުގެ ޑެމޮންސްޓްރޭޝަންއެއް ކުރިއަށްގެން ދިއުމަށް ހަމަޖެހިފައިވާ ކަމަށާއި، ޖިމް އިންސްޓަކްޓަރުންގެ މައުލޫމާތު ސެޝަންތަކާއި، މާބަނޑު ދުވަސްވަރާއި ވިހެއުމަށް ފަހު ފިޓްނަސް ބަހައްޓާނެ ގޮތާއި އެ ދުވަސްވަރުތަކުގައި ކުރާނެ ކަސްރަތުތަކާއި ބެހޭގޮތުން މައުލޫމާތު ފޯރުކޮށްދޭނެ ކަމަށް ނީނާ ވިދާޅުވިއެވެ.

ސެޕްޓެމްބަރު މަހުގެ 18 ވާ ހޮނިހިރު ދުވަހުގެ 4:00 އިން 6:00 އަށް ކުރިއަށްދާ މި ފެސްޓަށް ޒިޔާރަތްކޮށްގެން މައުލޫމާތާއި ފިޓްނަސްގެ ފިލާވަޅުތަކުގެ އިތުރުން، ބައެއް ފިޓްނަސް ސެންޓަރުތަކުން ހުށަހަޅާފައިވާ ޕެކޭޖްތަކާއި އިނާމު ލިބިގެނދާނެކަމަށްވެސް ނީނާ ވިދާޅުވިއެވެ.

މި އިވެންޓް ކުރިއަށްދާނީ އެޗްޕީއޭގެ ގައިޑްލައިންތަކާއި އެއްގޮތްވާ ގޮތުގެ މަތީންނެވެ.