ޓިއުނީޝިއާގައި މިހާރު ކުރިއަށްދާ ވޯލްޑް ޓޭބަލް ޓެނިސްގެ ޔޫތު ރޭންކިން މުބާރާތުގައި ރާއްޖޭގެ ޓޭބަލް ޓެނިސް ތަރި ފާތިމަތު ދީމާ އަލީ އެގައުމުގެ ކުޅުންތެރިއެއްގެ އަތުން ޝަރަފުވެރި މޮޅެއް ހޯދައިފިއެވެ.

އުމުރުން 14 އަހަރުގެ ޓީޓީ ތަރި މި މުބާރާތުގައި ވާދަކުރަނީ 15 އަހަރުން ދަށުގެ އަންހެން އުމުރުފުރާގައެވެ. މުބާރާތުގެ ފުރަތަމަ ދެ މެޗު ހޯމަ ދުވަހުގެ ވަގުތެއްގައި ދީމާ ކުޅެފައިވާއިރު ޓިއުނީޝިއާ ކުޅުންތެރިޔާ އަތުން މޮޅުވިނަމަވެސް ދީމާ ވަނީ އިންޑިއާގެ ކުޅުންތެރިއާ އަތުން ބަލިވެފައެވެ.

މިއަދުވެސް މުބާރާތުގައި ދީމާ ދެމެޗު ކުޅޭނެއެވެ. އެއީ މިސްރުގެ ކުޅުންތެރިއެއްގެ އިތުރުން ޓިއުނީޝިއާގެ ކުޅުންތެރިއަކާއި ދެކޮޅަށެވެ.

މުބާރާތުގައި ދީމާ ޓިއުނީޝިއާގެ ފަސްގަނޑުގައި އެގައުމުގެ ކުޅުންތެރިއަކު ބަލިކުރުމުން ރާއްޖޭގެ ކުޅިވަރު ވަޒީރު އަހްމަދު މަހްލޫފް ވަނީ ދީމާއަށް މަރުހަބާ ކިޔުއްވާފައެވެ. އެގޮތުން މަހްލޫފް ކުރެއްވި ޓުވީޓުގައި ކުރިއަށް ހުރި މެޗުތަކުގައި ދީމާއަށް ކާމިޔާބަށް އެދިލައްވާކަން މަހްލޫފް ހާމަކުރައްވާފައިވެއެވެ.

ދުނިޔޭގެ ރޭންކިންގައި ހޯދާފައިވާ މަގާމު ދެމެހެއްޓުމަށްޓަކައި ދީމާ ބައިނަލްއަގްވާމީ މުބާރާތްތަކެއްގައި ވާދަކުރަން ހަމަޖެހިފައިވާއިރު މި އަހަރުގެ އޭޕްރީލް މަހު އައިޓީޓީއެފްއިން ހާމަކުރި ދުނިޔޭގެ ޓޭބަލް ޓެނިސް ރޭންކިންގެ ޖޫނިއާ ބައިގެ 15 އަހަރުން ދަށުގެ އަންހެން ކުޅުންތެރިންގެ ތެރެއިން އަށްވަނައިގައި ދިމާ ހިމެނުނެވެ. މިއީ ރާއްޖޭގެ ކުޅުންތެރިއަކަށް ދުނިޔޭގެ ރޭންކިންގެ ގަދަ 10 ގެ ތެރެއިން ފުރުސަތު ލިބުނު ފުރަތަމަ ފަހަރެވެ. އެހެންނަމަވެސް މިހާރު ދީމާ ވަނީ އެއް ދަރަޖަ ފަހަތަށް ވެއްޓިފައެވެ.

މި އަހަރު ބާއްވާ ވޯލްޑް ޓޭބަލް ޓެނިސް ޔޫތު ސީރީސްގެ ތިން މުބާރާތެއްގައި ދީމާ ބައިވެރިކުރަން މަސައްކަތްކުރަމުން އަންނައިރު، މި މުބާރާތްތަކުގައި ދީމާ ވާދަކުރާނީ 15 އަހަރުން ދަށުގެ ކެޓެގެރީގައެވެ.

ޓީޓީގައި ދީމާގެ ވިދުން ގަދަވެފައިވާއިރު، ދީމާ އެންމެ ފުރަތަމަ ވިދާލީ 2016 ވަނަ އަހަރު، މެލޭޝިއާ ޓޭބަލް ޓެނިސް މުބާރާތެއްގެ 11 އަހަރުން ދަށުގެ ޗެމްޕިއަންކަން ހޯދައިގެންނެވެ. އޭގެ ފަހުން ބައިނަލްއަގްވާމީ ގިނަ މުބާރާތްތަކެއްގައި ރަންވަނަތަކެއް ދީމާ ހާސިލްކޮށްފައިވެއެވެ.

އެގޮތުން ސައުތު އޭޝިއާ ހޯޕްސް މުބާރާތުން ރަން މެޑަލް ހޯދައި، އަދި އޭޝިއާ ހޯޕްސް މުބާރާތުން ރިހި މެޑަލް ހޯދައި، ވޯލްޑް ހޯޕްސް މުބާރާތަށް ދީމާ މީގެ ކުރިން ކޮލިފައިވެފައެވެ. އަދި ގައުމީ ޓީޓީ ސިންގަލްސް ޗެމްޕިއަންކަން ޖެހިޖެހިގެން ދެ އަހަރު ހޯދައި، ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތަށި މިލްކުކުރުމުގެ ފުރުސަތު އުމުރުން 12 އަހަރުގައި ދީމާ ހޯދިއެވެ.