އަންނަ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ތާވަލުކޮށްފައިވާ ގައުމީ ބީޗް ވޮލީބޯލް މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އަންގާރަ ދުވަހު ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މިފަހަރުގެ މުބާރާތް ރޭވިފައިވަނީ ތިން ޑިވިޝަނަކަށް ބަހާލައިގެން ކުރިއަށްދާ ގޮތަށް ކަމަށެވެ. އެއީ 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނާއި، 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގެ އިތުރުން އޯޕަން ބައިގެ އަންހެން އަދި ފިރިހެން ޑިވިޝަން ކަމަށް ވީއޭއެމް އިން މައުލޫމާތުދެއެވެ.

މާލެ ދޮންގަނޑު ބީޗް ވޮލީބޯޅަ ކޯޓުގެ އިތުރުން ހުޅުމާލެ ރެޑްބުލް ބީޗް ވޮލީބޯޅަ ކޯޓުގަ ކުރިއަށް ގެންދާ މި މުބާރާތުގައި 19 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ބައިވެރިވެވޭނީ މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 20 އަހަރު ނުފުރޭ ކުޅުންތެރިންނަށް ކަމަށާއި 23 އަހަރުން ދަށުގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި މި އަހަރުގެ ޑިސެމްބަރު މަހުގެ 31 ވަނަ ދުވަހަށް 24 އަހަރު ނުފުރޭ ކުޅުންތެރިންނަށް ވާދަކުރެވޭއިރު، އޯޕަންގެ އަންހެން އަދި ފިރިހެން ޑިވިޝަނުގައި ކޮންމެ އުމުރެއްގެ ކުޅުންތެރިއަކަށްވެސް ބައިވެރިވެވޭނެ ކަމަށް ވީއޭއެމްގެ އިއުލާނުގައި ބުނެފައިވެއެވެ.

މި މުބާރާތުގައި ބައިވެރިވުމުގެ ސުންގަޑިއަކީ މި މަހުގެ 26 ވާ އާދީއްތަ ދުވަހުގެ 12:00 އެވެ. އަދި ހަމަ އެ ތާރީޚުގެ ކުރިން ޓީމު ލިސްޓުވެސް ހުށަހަޅަންޖެހޭނެ ކަމަށް ވީއޭއެމުން މައުލޫމާތުދެއެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ފޯމާއި ޓީމް ލިސްޓު އޮންލައިންކޮށް ލިބެން ހުންނާނެކަން ވީއޭއެމް އިން ހާމަކޮށްފައިވެއެވެ

މިފަހަރުގެ މުބާރާތް ބާއްވަން ވީއޭއެމް އިން ނިންމާފައިވާއިރު ފާއިތުވީ އަހަރުގެ މުބާރާތް ކޮވިޑް-19 ގެ ސަބަބުން ބޭއްވިފައެއް ނުވެއެވެ.