މި ހިނގާ 2021 ވަނަ އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 809،764އަށް އަރައިފިއެވެ.

ޓުއަރިޒަމް މިނިސްޓްރީން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން، މިއަހަރުގެ މިހާތަނަށް 809،764 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 396،129 ފަތުރުވެރިންނެވެ. އަދި 2019 ވަނަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކޮށްފައިވަނީ 1،183،332 ފަތުރުވެރިންނެވެ.

މިއަހަރުގެ މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ އޮގަސްޓް މަހުގައެވެ. އެމަހު 143،599 ފަތުރުވެރިން ޒިޔާރަތްކޮށްފައި ވެއެވެ.

ދެން އެންމެ ގިނަ ފަތުރުުވެރިން ޒިޔާރަތް ކޮށްފައިވަނީ މާޗް މަހުގައެވެ. އެމަހު 109،585 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވެއެވެ. މީގެއިތުރުން މިދިޔަ ޖުލައިމަހު 101،818 ފަތުރުވެރިން ޒިޔާރަތް ކޮށްފައިވާއިރު، ފެބްރުއަރީ މަހު 96،882 ފަތުރުވެރިން ވަނީ ޒިޔާރަތް ކޮށްފައެވެ.

މިއަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކޮށްފައިވަނީ އިންޑިއާއިންނެވެ. ލިސްޓުގެ ދެވަނައިގަން އޮތީ ރަޝިއާއެވެ.

އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ލިސްޓުގައި ދެން ހިމެނެނީ ޖަރުމަނުވިލާތް، އޫއެސް، ޔޫކްރެއިން، ސައުދީ އަރަބިއްޔާ، ސްޕެއިން، ކަޒަކިސްތާން އަދި އިނގިރޭސިވިލާތުގެ އިތުރުން ފްރާންސްއެވެ.

ރާއްޖޭގައި ފަތުރުވެރިންނަށް ހިދުމަތްދޭ 867 ތަނެއް ހުޅުވާފައިވާއިރު، މީގެތެރޭގައި ހިމެނެނީ 155 ރިސޯޓާއި، 558 ގެސްޓްހައުސް އަދި 143 ސަފާރީއެވެ. މީއީ 50،664 ބެޑް ކެޕޭސިޓީއެވެ.

ސަރުކާރުގެ އަމާޒަކީ މިއަހަރު ރާއްޖެއަށް 1.5 މިލިއަން ފަތުރުވެރިން ގެނައުމެވެ.