ރާއްޖެއިން 120 މީހުން ކޮވިޑް ބައްޔަށް އަލަށް ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ، ބުރާސްފަތި ދުވަހު ހަވީރު 6:00 އިން ފެށިގެން ހުކުރު ދުވަހު ހަވީރު 6:00 ގެ ނިޔަލަށް، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ޓެސްޓު ކުރެވުނީ 4،729 ސާމްޕަލް ކަމަށާއި، އޭގެތެރެއިން ޕޮޒިޓިވްވީ 120 ސާމްޕަލް ކަމަށެވެ.

ޓެސްޓުކުރި ސާމްޕަލްތަކުގެ ތެރެއިން 1،920 ސާމްޕަލް އަކީ ގްރޭޓަރ މާލެ ސަރަހައްދުން ޓެސްޓު ކުރެވުނު ސާމްޕަލްތައް ކަމަށް އެޗްޕީއޭއިން ވަނީ ބުނެފައެވެ.

އަލަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 48 މީހަކު ނިސްބަތްވަނީ ގްރޭޓަރ މާލެ ސަރަހައްދަށެވެ. 66 މީހަކު ނިސްބަތްވަނީ އަތޮޅުތެރޭގެ ރަށްތަކަށެވެ. 6 މީހުން ނިސްބަތްވަނީ ރިސޯޓްތަކަށެވެ.

އަލަށް ޕޮޒިޓިވްވި 120 މީހުންނާއެކު، މިހާތަނަށް ކޮވިޑް-19 އަށް ރާއްޖެއިން ޕޮޒިޓިވްވި ކަމަށް ރެކޯޑު ކުރެވުނު މީހުންގެ ޖުމްލަ އަދަދުވަނީ 83،070 އަށް އަރާފައެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން 175 މީހުން ބަލިން ފަސޭހަވެފައިވާ ކަމަށެވެ. މިއާއެކު، ރާއްޖެއިން މިހާތަނަށް ބަލިން ފަސޭހަވި މީހުންގެ އަދަދުވަނީ 80،949 އަށް އަރާފައެވެ.

އެކްޓިވް ކޭސަސްގެ އަދަދު މިހާރުވަނީ 1،881 ގައެވެ. މީގެތެރެއިން 18 މީހަކަށް ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދެމުން ގެންދާކަމަށް އެޗްޕީއޭއިން ބުނެފައި ވެއެވެ.