ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމަށް ހިންގާ ހަރަކާތް "ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން އެޕާޓީއަށް މިރޭވެސް ގިނަ ބަޔަކު ގުޅިއްޖެއެވެ.

އަލަށް ގުޅުނު މެންބަރުންގެ ފޯމުތަކަށް ހަވާލުވުމަށް ޖުމްހޫރީ ޕާޓީގެ މައި އޮފީސް، މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ފޯމުތަކާއި ހަވާލުވެވަޑައިގަތީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމެވެ.

މިޖަލްސާގައި ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ ކެބިނެޓް މިނިސްޓަރުންނާއި، ޖުމްހޫރީ ޕާޓީއަށް ނިސްބަތްވެވަޑައި ގަންނަވާ މަޖިލިސް މެމްބަރުންނާއި، އިސް ބޭފުޅުން ބައިވެރިވެވަޑަގަތެވެ.

ޕާޓީއާ އަލަށް ގުޅުނު މީހުންގެ ތެރޭގައި، ރާއްޖޭގެ ބައެއް މަޝްހޫރު ފަރާތްތަކާއި، އަލަށް ސިޔާސީ މައިދާނަށް ނިކުތް ފަރާތްތަކާއި، ސިޔާސީ މައިދާނުގައި ގިނަ ދުވަސްތަކެއްގެ ތަޖުރިބާ ލިބިފައިހުރި ފަރާތްތަކުގެ އިތުރުން ރަށްރަށުގެ އިޖްތިމާއީ ތަރައްގީއަށް މަސައްކަތްކުރާ ގިނަ ބޭފުޅުން ހިމެނެއެވެ.

މި ޖަލްސާގައި ގުޅުނު މީހުންގެ އަދަދު ހާމަނުކުރިހަމަވެސް، ގިނަ އަދަދެއްގެ ބަންޑެލި ތަކެއްގައި، ސޮއިކޮށްފައި ހުރި ފޯމުތައް ލީޑަރު ގާސިމްއާ ހަވާލުކޮށްފައިވެއެވެ.

ކޮންމެ ހަފްތާއަކުވެސް ޖުމްހުރީ ޕާޓީއަށް އަލަށް ގުޅޭ ފަރާތްތަކުގެ ފޯމާއި ހަވާލުވުމަށް ޖަލްސާއެއް ބާއްވާއިރު، މިދިޔަ ހަފްތާގައި ބޭއްވި ޖަލްސާގައިވެސް 500 އަށް ވުރެ ގިނަ މީހުންގެ ފޯމު ވަނީ ހަވާލުކޮށްފައެވެ.

"ސީދާ އަމާޒަށް" ކެމްޕޭންގެ ދަށުން ޖުމްހޫރީ ޕާޓީއަށް މެމްބަރުން އިތުރުކުރުމުގެ މަސައްކަތް މެދުކެނޑުމެއް ނެތި ކުރިޔަށް ގެންދާނެކަމަށް އެޕާޓީން ބުނެއެވެ. އެގޮތުން މާލެ ސަރަހަށްދާއި، އަތޮޅުތަކުގައިވެސް މިކެމްޕޭން ވަރަށް ބާރަށް ކުރިޔަށް ގެންދާކަމަށް އެޕާޓީން މައުލޫމާތު ދެއެވެ.

2008 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި އުފެއްދި ޖުމްހޫރީ ޕާޓީގައި މިހާރު 14 ހާހަށްވުރެ ގިނަ މެމްބަރުން އެބަތިއްބެވެ.