ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޝަރީއަތާއި ގުޅޭގޮތުން ލީކުވެފައިވާ އޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލަކާއެކު މިނިވަން ތަޙުޤިޤީޤެއް ކޮށްދިނުމުގެ މަސައްކަތް ކުރިއަށް ގެންގޮސްދިނުމަށް ފުލުހުންގެ އިދާރާއަށް އިދިކޮޅު ކޯލިޝަންގެ ފަރާތުން ސިޓީ ފޮނުވައިިފިއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގުމާ ޙަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ސޮއިކުރައްވާ، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދަށް ފޮނުއްވި މި ސިޓީގައި ބުނެފައިވަނީ އެ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކޮށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމަކީ އެ މައްސަލައިގައި ޙުކުމް ކުރި ފަނޑިޔާރުންނަށް ސިޔާސީ ނުފޫޒު ފޯރުވައިގެން ކޮށްފައިވާ ޙުކުމެއްކަމުގައެވެ.

އެގޮތަށް އެކޯލިޝަނުން ބުނަމުން ގެންދަނިކޮށް، ދާދި ފަހުން ލީކުވެގެން އުޅޭ އޯޑިއޯ ތަކަކުންވެސް މައްސަލައިގައި ހުކުމްކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ 3 ފަނޑިޔާރަކުކަމަށް ބެލެވޭ ފަނޑިޔާރުން ވަނީ، ރައީސް ޢަބްދުﷲ ޔާމީންގެ މައްޗަށް ޙައްޤު ނޫން ޙުކުމެއް ކުރުމަށް އެފަނޑިޔާރުންނަށް ސިޔާސީ ގޮތުން ނުފޫޒު ފޯރުވާ، ރަހީނުކޮށް ބިރު ދައްކާފައިވާކަމަށް ބުނެފައިކަމަށް ސިޓީގައި ބުނެފައިވެއެވެ.

ހަމައެއާއެކު، ދައުލަތުން ހުށަހަޅާފައިވާ ހެކިންނަށް ދޮގު ހެކި ދިނުމަށް މަޖުބޫރުކޮށްފައިވާ ކަމަށް ބުނާ އޯޑިއޯއެއްވެސް ވަނީ ލީކުވެފައިކަމަށެެވެ.

އެހެންކަމުން، ރައީސް ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވާ ޙުކުމުގެ ޞައްޙަކަން ދެނެގަތުމަށްޓަކައި، ލީކުވެގެން އުޅޭ އޯޑިއޯތަކުގެ ފޮރެންސިކް ތަޙުލީލަކާއިއެކު މިނިވަން އިންސާފުވެރި އަދި ފުރިހަމަ ތަޙުޤީޤެއް ހިންގައި، އެއޯޑިއޯތަކުގެ އަސްލު ދެނެގަތުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތައް ކުރިއަށް ގެންގެންދިޔުމަށް ސިޓީގައި އެދިފައިވެއެވެ.

އަދި މިކަމަކީ މިހާރު ސުޕްރީމް ކޯޓުގައި ހިނގަމުންދާ އެމަނިކުފާނުގެ އިސްތިޢުނާފްގެ މައްސަލަ ނިމުމުގެ ކުރިން ކުރެވެން ޖެހޭ ކަމެއްކަމުގައި އެކޯލިޝަނުން ދެކޭކަމަށާއި، އެހެންކަމުން އެކަން އަވަސްކޮށްދިނުމަށްވެސް ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ މައްސަލައާއި ގުޅިގެން، ސީޕީއާ މަޝްވަރާކޮށް އިތުރަށް ޙިއްސާކުރަން ޖެހޭ މަޢުލޫމާތު ހުރުމާއެކު، އެކޯލިޝަންގެ ލީޑަރޝިޕާއި ސީޕީ ބައްދަލުކުރުމުގެ އެޕޮއިންޓްމަންޓެއް ވީހާއަވަހަކަށް ހަމަޖައްސައިދިނުމަށްވެސް ވަނީ އެދިފައެވެ.

ފަސް ފަނޑިޔާރުންގެ ބެންޗަކުން ރައީސް ޔާމީންގެ މައްޗަށް ހުކުމް އިއްވިއިރު ލީކުވި އޯޑިއޯތަކުގައި އޭގެތެރޭގައި ހިމެނޭ ތިން ފަނޑިޔާރެއްގެ އޯޑިއޯވެއެވެ.

އެއީ ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރާއި ގާޒީ ހުސެއިން ފާއިޒު އަދި ގާޒީ އަލީ އާދަމުގެ އޯޑިއޯއެވެ. އެ ތިން އޯޑިއޯ ކްލިޕުގައި ވެސް ދައްކަވާފައި ވަނީ ރައީސް ޔާމީނަށް އިއްވި ހުކުމާ ގުޅޭ ވާހަކައެވެ.

އާންމުވެފައިވާ އޯޑިއޯގައި ގާޒީ ހުސެއިން ފާއިޒް ދެއްކެވި ވާހަކަފުޅުގަ ވަނީ ރައީސް ޔާމީންގެ މައްޗަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އޭނާ އަށް ބިރުދެއްކުމުންކަމަށް ވިދާޅުވެފައެވެ.

އަދި ބިރު ދެއްކުމުން އޮތީ ދެގޮތެއް ކަމަށާއި އެއްގޮތަކީ ބިރާއި ދެކޮޅު ހެދުންކަމަށާއި އަނެއް ގޮތަކީ ބިރާއި އެއްކޮޅަށް ހުކުމް ކުރުން ކަމަށް ހުސެއިން ފާއިޒް ވިދާޅުވެފައިވެއެވެ.