ޔޫރަޕުގެ އެންމެ ޝަރަފުވެރި ކުލަބު ފުޓުބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި ފަހުވަގުތު ޖެސޭ ލިންގާޑް ދިން މިސް ޕާހެއްގެ ސަބަބުން ޔަންގް ބޯއިސް އަތުން މެންޗަސްޓަރ ޔުނައިޓެޑް ބަލިވެއްޖެއެވެ.

އަންގާރަ ދުވަހުގެރޭ ޔަންގް ބޯއިސްގެ ދަނޑުގައި ކުޅުނު މިމެޗުން އެޓީމު މޮޅުވީ ފަހަތުން އަރާ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ޔުނައިތެޑުންނެވެ. މެޗުގެ ކުރީކޮޅު މޮޅަށް ކުޅެމުންދިޔަ ޔުނައިޓެޑުން އެޓީމުން މެޗުގައި ޖެހި ހަމައެކަނި ލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައެވެ. މިއީ ބްރޫނޯ ފެރްނާންޑޭޒް ދިން ހިތްގައިމު ޕާހަކުން ޔުނައިޓެޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކޮށްދިން ލަނޑެކެވެ. މިއީ 12 އަހަރަށްފަހު ޔުނައިޓެޑަށް އެނބުރި އައިސް ރޮނާލްޑޯ އެޓީމުގެ ޖާޒީގައި ކުޅުނު ދެމެޗުން ކާމިޔާބުކުރި 3 ވަނަ ލަނޑެވެ.

ޔުނައިޓެޑާއި ޔަންގް ބޯއިސް ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މެޗުގައި ޔުނައިޓެޑަށް މައްސަލަތަކަކާއި ކުރިމަތިލާން ޖެހުނީ އެޓީމުގެ ޑިފެންޑަރު އާރޮން ވެން ބިސާކާ އަށް ރެފްރީ ސީދާ ރަތްކާޑެއް ދެއްކި ހިސާބުންނެވެ. ބިސާކާ އަށް ރެފްރީ ރަތްކާޑު ދެއްކީ ޔަންގް ބޯއިސްގެ މާޓިންސް އަށް ކުރި ނުރައްކާތެރި ފައުލަކާއި ގުޅިގެންނެވެ.

ނަތީޖާއަކަށްވީ ދެވަނަ ހާފުގައި ޔުނައިޓެޑުން ކުޅުންތެރިއަކު މަދުކޮށް ކުޅެމުންދިޔުމުގެ ފައިދާ ނަގާ ޔަންގް ބޯއިސް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރުމެވެ. ދެވަނަ ހާފުގެ 21 ވަނަ މިނެޓުގައި ތިރިތިރިން ހެފްޓީ ނަގައިދިން ހުރަހެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ މޯމީ ނަމަލިއު އެވެ.

މެޗުގައި ޔުނައިޓެޑަށް މާޔޫސްކަމާ ކުރިމަތިލާން ޖެހުނީ މެޗުގެ އެންމެ ފަހު ސިކުންތުކޮޅުގެ ތެރޭގައި މެޗުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލިންގާޑު ދިން މިސް ޕާހެއްގެ ފައިދާ ނަގާ ޔަންގް ބޯއިސް އިން ލަނޑެއްޖަހާ މެޗު ކާމިޔާބުކުރުމުންނެވެ. މެޗުގެ 90 މިނެޓުގެ ކުޅުން ހަމަވެ ދެއްކި އިތުރުވަގުތުގެ 5 ވަނަ މިނެޓުގައި މިލަނޑު މި މިސް ޕާސް ހޯދާ، މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތިއޮސަން ސިއެބަޗޫ އެވެ.

މިއީ ތާރީހުގައިވެސް ޔަންގް ބޯއިސް އިން ޔޫއެފާ ޗެމްޕިއަންސް ލީގުގައި ކުޅޭ ދެވަނަ ފަހަރެވެ. މީގެކުރިން 2018/2019 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އެޓީމުން ކުޅުނު ނަމަވެސް ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. އެފަހަރުވެސް ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޔަންގް ބޯއިސް އިން އެންމެފުރަތަމަ ކުޅުނީ ޔުނައިޓެޑާއި ދެކޮޅަށެވެ. އެމެޗު 0-3 އިން ކާމިޔާބުކުރީ ޔުނައިޓެޑެވެ.

ސާލްޒްބާގާއި ސެވިއާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން މުބާރާތުގެ ގްރޫޕް ޖީގައި ސެވިއާ އާއި އާރްބީ ސާލްޒްބާގް ބައްދަލުކުރި މެޗުވީ އެއްވަރެވެ.

މިމެޗުގައި ސާލްޒްބާގަށް ވަނީ ހަމައެކަނި ފުރަތަމަ ހާފުގެ ތެރޭގައި ތިން ޕެނަލްޓީ ލިބިފައެވެ. ސެވިއާގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

ސާލްޒްބާގަށް ވަނީ ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައިވެސް ޕެނަލްޓީއެއް ލިބިފައެވެ. މިއީ އެޓީމުގެ އަޑެޔެމީއަށް ސެވިއާގެ ޑިއެގޯ ކާލޮސް ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. އެހެންނަމަވެސް އަޑެޔެމީ ފޮނުވާލި ޕެނަލްޓީ ކާމިޔާބުކުރެވިފައެއް ނުވެއެވެ.

އެހެންނަމަވެސް މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑުނެގީ ސާލްޒްބާގުންނެވެ. ލިބުނު ޕެނަލްޓީއަކުން ފުރަތަމަ ހާފުގެ 21 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ ލޫކާ ސޫލިކް އެވެ.

މިލަނޑަށްފަހު ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގައިވެސް އެޓީމަށް އިތުރު ޕެނަލްޓީއެއް ލިބިފައިވާއިރު މިފަހަރު ސޫލިކް ފޮނުވާލި ޕެނަލްޓީ ކާމިޔާބެއް ނުކުރެވުނެވެ.

އޭގެ 5 މިނެޓުފަހުން ސެވިއާއިން މެޗުގެ ނަތީޖާ ހަމަހަމަކުރީވެސް ލިބުނު ޕެނަލްޓީއަކުންނެވެ. ސެވިއާގެ އެން-ނިސޭރީއަށް ސާލްޒްބާގުގެ ވޮބާ ކުރި ފައުލަކާއި ގުޅިގެން ލިބުނު މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން މެޗުން ޕޮއިންޓެސް ސެވިއާ އަށް ހޯދައިދިނީ އިވާން ރަކިޓިޗް އެވެ.

މިމެޗުގެ ފުރަތަމަ ހާފުގެ ތެރޭގައި ޖުމްލަ 4 ޕެނަލްޓީ ފެނިގެން ގޮސްފައިވާއިރު މިއީ 2004 ވަނަ އަހަރަށްފަހު ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިއަދަދަށް ޕެނަލްޓީ ލިބުން ފުރަތަމަ ފަހަރެވެ.

މި މުބާރާތުގައި ސެވިއާ ދެން މެޗެއް ކުޅޭނީ މިމަހުގެ 30 ވަނަ ދުވަހު ވުލްފްސްބާގާއު ދެކޮޅަށެވެ. އަދި ސާލްޒްބާގުން މެޗެއް ކުޅޭނީ ހަމަ އެދުވަހު ފްރާންސްގެ ލިލް އާއި ދެކޮޅަށެވެ.