ޑިމޮކްރަސީ ގެނައުމަށްޓަކައި އެންމެ ބުރަ އުފުއްލި މީހަކީ އެމަނިކުފާނު ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ގާސިމް އިބްރާހިމް މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބުދަދުވަހު ފާހަގަކުރާ ބައިނަލްއަގްވާމީ ޑިމޮކްރަސީ ދުވަހާ ގުޅުވައިގެން ގާސިމް އިބްރާހިމް ވިދާޅުވީ، ދިވެހިރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ޖާނާއި މާލުން ގުރުބާންވެގެން ކަމަށާއި، ޑިމޮކްރަސީ ގެނެވުނީ ވަރަށް ބުރަ މަސައްކަތުން ކަމަށެވެ.

ގާސިމް ވިދާޅުވީ، އެކަން ކުރެވުނީ ވަރަށް ގިނަގުނަ މަސައްކަތް ކޮށްގެން ބޮޑެތި ރިސްކުތަކެއް އުފުލައިގެން ކަމަށެވެ.

"ވަރަށް ގިނަގުނަ ބުރަ މަސައްކަތްތަކެއް ކޮށްގެން ވަރަށް ބޮޑެތި ރިސްކުތަކެއް އުފުލައިގެން އަޅުގަނޑުމެން ޑިމޮކްރަސީ މިރާއްޖެއަށް ގެނެވުނީ. ޒަމާނުއްސުރެ އޮތް ވެރިކަމުގެ އުސޫލުތައް ބަދަލުކޮށް، އޭރު ހުންނެވި ވެރިއެއްގެ އެހީތެރިކަންވެސް ތަފާތު ސަބަބުތަކާހެދި އެމަނިކުފާނަށް މަޖުބޫރުވެގެން ނަމަވެސް އެމަނިކުފާނު ދެއްވައިގެން، އަޅުގަނޑުމެން ކުރި މަސައްކަތްތަކުގެ ސަބަބުން. އަދި ނޭޝަނަލީ، އިންޓަރނޭޝަނަލީ ހުރި ޕްރެޝަރުތަކެއްގެ ސަބަބުން ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ދެއްވައިގެންނާ އެކީގަ އަޅުގަނޑުމެން ކުރި މަސައްކަތް އެއީ"
ގާސިމް އިބްރާހިމް

ގާސިމް ވިދާޅުވީ، ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކޮށް ޑިމޮކްރަސީ ގެނައުމަށް އެމަނިކުފާނު މަސައްކަތް ކުރެއްވީ ދިވެހިރާއްޖޭގެ ފަސްގަނޑުގައި ހުންނަވައިގެން ކަމަށާއި، ރައީސް ނަޝީދު މަސައްކަތް ކުރައްވަމުން ގެންދެވީ ލަންކާގައި ހުންނަވައިގެން ކަމަށެވެ.

"އަޅުގަނޑު އިސްވެ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓިއަށް ސޮއިކުރީ. ޕާޓީއަށް ފުރަތަމަ ސޮއިކުރީވެސް އަޅުގަނޑު. އޭގެ ނަތީޖާއެއްގެގޮތުން ބޮޑެތި އެތައް އަނިޔާތަކެއް ތަހައްމަލް ކުރަންޖެހުނު. ބިންގަރާހުގަ 7 ދުވަސް ވާންދެން ބޭއްވި. އެތައް ކެކުޅުންތަކެއް ލިބުނު. މިއީ އަޅުގަނޑުމެން ވި ގުރުބާނީގެ ވަރަށް ކުޑަކުޑަ ވާހަކައެއް. މިއީ ސުރުޚީ"
ގާސިމް އިބްރާހިމް

މި ހުރިހާ އަނިޔާތަކާއި ލިބެމުންދިޔަ ނިކަމެތިކަމާއެކުވެސް ހައްގުބަސް ބުނުން ދުވަހަކުވެސް ހުއްޓާ ނުލައްވާ ކަމަށާއި، އެހެނެކޭ ކިޔާފައި އެ އަނިޔާތައް ދިން ބޭފުޅަކާ ޒާތީކަމެއްވެސް ނުބާއްވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ވިދާޅުވީ، އެ މަނިކުފާނު ހުންނެވީ ކޯލިޝަނެއްގަ ކަމަށްވިޔަސް އަދި ކޯލިޝަނެއްގައި ނޫންކަމަށް ވިޔަސް، ހައްގުބަސް ބުނުމާއި، ދިވެހިރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ނިކަމެތިކަމެއް ލިބިދާނެ އެއްވެސް ސިފައެއްގެ ކަމެއް އަންނަ ކަމަށް ވަންޏާ، ބުނަންޖެހޭ ހައްގުބަސް އެހިނދަކަށް ފެނުނު މިންވަރަކަށް އަބަދުވެސް ބުނަމުން ގެންދަވާ ކަމަށެވެ.

އެކަމުގެ ބައެއް މިސާލުތައްވެސް ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

އެގޮތުން، މި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ނަފްރަތުގެ ބިލާ ގުޅޭގޮތުން ފުރަތަމަ ވާހަކަ ދެއްކެވީ އެމަނިކުފާނު ކަމަށާއި، އެކަމާ ގުޅޭގޮތުން ބަޔާނެއް ފުރަތަމަ ނެރުއްވީވެސް އެމަނިކުފާނު ކަމަށް ވިދާޅުވިއެވެ.

އެ ބިލާ ގުޅޭގޮތުން އޭގެކުރިން އެއްވެސް ލީޑަރަކު އެއްޗެއް ވިދާޅު ނުވާކަންވެސް ފާހަގަކުރެއްވިއެވެ.

ނަފްރަތުގެ ބިލާ ގުޅޭގޮތުން ވާހަކަދައްކަން ފެށުމުން، އެ ބިލަކީ ރަނގަޅު ބިލެއް ނޫންކަން ރައީސުލްޖުމްހޫރިއްޔާއަށްވެސް އެނގިވަޑައިގެންނެވީ ފަހުން ކަމަށް ގާސިމް ވިދާޅުވިއެވެ. އަދި ބަޔަކު ރައީސަށް ދޭން އުޅުނު ލަނޑެއްގައި ނުޖެހި ސަލާމަތްވީ އެމަނިކުފާނުގެ ސަބަބުން ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި ހައްގުބަސް ބުނަންޖެހޭ ތަންތާ ބަސް ބުނަންޖެހުނު ސަބަބުތައް ހާމަކޮށްދެއްވިއެވެ. އަދި އެވާހަކަ ދައްކަވަނީ ވަކި މީހަކު ކުރާ ގޯސް ކަންކަމުގެ ވާހަކަ ދެއްކުމަށް ނޫން ކަމަށާއި، ކުރާކަމެއް އެމަނިކުފާނު ކުރައްވަނީ ކޯލިޝަން އެއްބަސްވުމުގެ ހުދޫދުގެ ތެރެއިން ކަމަށް ވިދާޅުވިއެވެ.

"ކޯލިޝަން އުވާލި ވާހަކައެއް ރައީސް އަދި ވިދާޅެއް ނުވޭ. އެއްބަސްވުމުގައި ހިމެނޭ ޕަސެންޓޭޖް ނުލިބި އޮތްކަމަށް ވެދާނެ. އެމްޑީޕީގެ ތެރެއިން ރައީސަށް އެބައޮތް ބޮޑެތި ޕްރެޝަރުތަކެއް. އެކަމަކު، ވައުދުވެފަ އޮތިއްޔާ އެ ވައުދެއް ފުއްދުން އެއީ ލާޒިމްކަމެއް އެންމެނަށްވެސް"
ގާސިމް

ގާސިމް އިބްރާހިމްގެ ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ކޮންމެ ފަހަރަކުވެސް ދެއްވާ ސަޕޯޓަށް ޝުކުރު އަދާކުރެއްވިއެވެ.