ޔޫއެފާ ޗެމްޕިއަންސް ލީގުގައި އަންގާރަ ދުވަހުގެރޭ ސްވިޒަލޭންޑުގެ ޔަންގް ބޯއިސް އަތުން އިނގިރޭސި ފުޓުބޯޅައިގެ ގަދަބާރު މެންޗަސްޓަރ ޔުނައިޓެޑް ބަލިވިނަމަވެސް އެޓީމުގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޮ މި މުބާރާތުގެ އިތުރު ރެކޯޑުތަކެއް ހަދައިފިއެވެ.

މިމެޗުން ޔުނައިޓެޑްގެ މައްޗަށް ޔަންގް ބޯއިސް ކުރިހޯދީ ފަހަތުން އަރައި 2 ލަނޑު ޖަހައިގެންނެވެ.

ކެރިއަރުގައި އެތައް ރެކޯޑެއް ހަދާފައިވާ ދުނިޔޭގައި އުފެދުނު އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާކަމަށް ގިނަބަޔަކު އިއްތިފާގުވާ 36 އަހަރުގެ ރޮނާލްޑޯ ވަނީ މި މެޗުގައި ކުޅުމުގެ ސަބަބުން އަދި މެޗުގައި ލަނޑުޖަހައިގެންވެސް ރެކޯޑެއް ހަދާފައެވެ.

މި މެޗުގައި ރޮނާލްޑޯ 90 މިނެޓު ހަމަކޮށްފައި ނުވިނަމަވެސް މެޗުގައި ކުޅެން އަރާ އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ޖުމްލަ 177 މެޗު ކުޅެފައެވެ. މިއާއެކު އޭނާ ވަނީ މުބާރާތުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާގެ ރެކޯޑާއި އަރާ ހަމަކޮށްފައެވެ. އެއީ ސްޕެއިން އާއި ރެއާލް މެޑްރިޑުގެ ލެޖެންޑް އަދި ކީޕަރު އިކާ ކަސިއަސްގެ ރެކޯޑެވެ.

މީގެއިތުރުން މި މެޗުގައި ޔުނައިޓެޑުން ލީޑުނެގި ލަނޑު އަދި މެޗުގައި އެޓީމުން ޖެހި ހަމައެކަނި ލަނޑު ފުރަތަމަ ހާފުގެ 13 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދީ ރޮނާލްޑޯ ވަނީ މެސީގެ ރެކޯޑަކާއިވެސް އަރާ ހަމަކޮށްފައެވެ. އެއީ މި މުބާރާތުގައި ތަފާތު 36 ކުލަބަކާ ދެކޮޅަށް ލަނޑު ޖަހައިގެން އެންމެ ގިނަ ކުލަބުތަކަކާއި ދެކޮޅަށް ލަނޑުޖެހި ކުޅުންތެރިޔާގެ ރެކޯޑެވެ. މެސީވެސް ވަނީ ޖުމްލަ 36 ކުލަބަކާ ދެކޮޅަށް މި މުބާރާތުގައި ލަނޑު ޖަހާފައެވެ.

އަނެއްކާވެސް ރޮނާލްޑޯ ރެކޯޑުތަކެއް ހަދާފައިވާއިރު އޭނާއަށް 'މިސްޓަރ ޗެމްޕިއަންސް ލީގު'ގެ ނަމުން މުހާތަބުކުރަނީ ސަބަބަކާއި ނުލައެއް ނޫނެވެ. އޭނާ އަކީ މި މުބާރާތުގައި އެކިއެކި ގޮތްގޮތުން އެންމެ ކާމިޔާބު ކުޅުންތެރިޔާއޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ.

އެގޮތުން މި މުބާރާތުގައި އެންމެ ގިނަ ރެކޯޑުތައްވެސް ހަދާފައިވާ ކުޅުންތެރިޔާއަށް އޭނާ ނުވާނަމަ، އެ ލިސްޓުގެ ކުރީގައި އޭނާ ހަމަ ގައިމުވެސް ހިމެނޭނެއެވެ.

ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ހަދާފައިވާ ބައެއް ރެކޯޑުތަކުގެ ތެރޭގައި، ޖުމްލަ 135 ލަނޑާއެކު މުބާރާތުގެ ތާރީހުގައިވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިއަކީ އޭނާއެވެ. އަދި އެއް ސީޒަނެއްގައި ެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިއަކީވެސް ހަމަ ރޮނާލްޑޯ އެވެ. އެއީ 2013/2014 ވަނަ އަހަރުގެ ސީޒަނުގައި ރެއާލް މެޑްރިޑުގެ ޖާޒީގައި އޭނާ ޗެމްޕިއަންސް ލީގުގައި 17 ލަނޑު ޖަހައިގެން ގާއިމްކުރި ރެކޯޑެކެވެ.

މީގެއިތުރުން ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގެ 3 ފައިނަލުގައި ލަނޑު ޖަހާފައިވަ ހަމައެކަނި ޕޯޗުގަލް އަށް ނިސްބަތްވާ ކުޅުންތެރިޔާވެސް މެއެވެ. އަދި މުބާރާތުގެ ތާރީހުގައިވެސް ގްރޫޕް ސްޓޭޖުގެ 6 މެޗުގައި ލަނޑުޖެހި ހަމައެކަނި ކުުޅުންތެރިއަކީވެސް ހަމަ ރޮނާލްޑޯއެވެ. މީގެއިތުރުން ރޮނާލްޑޯ އަކީ ޖެހިޖެހިގެން ޗެމްޕިއަންސް ލީގުގެ 11 މެޗުގައި ލަނޑު ޖަހާފައިވާ ހަމައެކަނި ކުޅުންތެރިޔާވެސް މެއެވެ.

12 އަހަރަށްފަހު ރޮނާލްޑޯ އެނބުރި މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވިފަހުން އޭނާ މިހާތަނަށް އެޓީމަށް ކުޅެދިން 2 މެޗުން 3 ލަނޑު ވަނީ ކާމިޔާބު ކޮށްފައެވެ.

ޗެމްޕިއަންސް ލީގުގެ އިތުރުން ރޮނާލްޑޯ އަކީ ފުޓުބޯޅައިގެ ތާރީހުގައިވެސް ގައުމީ ޓީމަށް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައިވާ ކުޅުންތެރިޔާއެވެ. މިހާތަނަށް ރޮނާލްޑޯ ވަނީ ޕޯޗުގަލްގެ ގައުމީ ޖާޒީގައި ޖުމްލަ 111 ލަނޑު ކާމިޔާބު ކޮށްފައެވެ.

ޝައްކެއްވެސް ނެތް ގޮތުގައި ރޮނާލްޑޯ އަކީ ޗެމްޕިއަންސް ލީގުގެވެސް އަދި ފުޓުބޯޅައިގެ ތާރީހުގައިވެސް ދުވަހަކުވެސް އެހެން ކުޅުންތެރިޔަކު ނުހޯދާވަރަށް ކާމިޔާބީއާއި ޝަރަފު ހޯދާފައިވާ، އޭނާގެ ކުޅަދާނަ ކަމާއިމެދު ޝައްކު ނުކުރެވޭނެފަދަ ކުޅުންތެރިއެކެވެ.