އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރިޔާސަތާއި ދިވެހިރާއްޖޭގެ ފޮރިން މިނިސްޓާރ އަބްދުﷲ ޝާހިދު ރަސްމީކޮށް ހަވާލުވެވަޑައިގެންފިއެވެ.

މިނިސްޓަރ ޝާހިދުގެ ކެމްޕެއިން ބިނާކުރައްވާފައިވަނީ "އުންމީދުގެ ރިޔާސަތު" މި ނަމުގެ މައްޗަށެވެ.

ރިޔާސަތާއި ހަވާލުވެވަޑައިގެންނެވުމުގެ ކުރިން މިނިސްޓަރ ޝާހިދު ވަނީ ތަގުރީރު ކުރައްވާފައެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި ތިމާވެށީގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައު އެއްގަލަކަށް އެރުވުމަކީ ވަރަށް ބޮޑު އަމާޒެއްކަމަށް ވިދާޅުވެފައިވެއެވެ. ތިމާވެށީގެ މައްސަލަތައް ހައްލުކުރުމުގައި މިހާރު ގައުމުތަކުގެ މެދުގައި ފެންނަމުންދާ ދުރުހެލިކަމާއި، ގައުމުތަކުގެ ޝައުގުވެރިކަން ނުލިބޭ މައްސަލަ ހައްލުކޮށް މިކަމުގައި ގައުމުތައް އެކަތިގަނޑަކަށް އެރުވުމަކީ އެމަނިކުފާނުގެ އަމާޒެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

އެމަނިކުފާނުގެ ރިޔާސަތުގައި ހާއްސަ އިސްކަމެއް ދެއްވާނެ ފަސް ކަމެއް މިނިސްޓަރ ޝާހިދު އާންމުކުރައްވާފައިވެއެވެ. އެގޮތުން. ކޮވިޑް-19 އިން އަރައިގަތުމާއި، ދެމެހެއްޓެނެވި ތަރައްގީގެ ލަނޑުދަނޑިތަކަށް ހާއްސަ ސަމާލުކަމެއް ދިނުމާއި، ތިމާވެއްޓަށް ކުރިމަތިވަމުން އަންނަ ނުރައްކަލާމެދު އަވަސް ފިޔަވަޅުތަކެއް އެޅުމާއި، އިންސާނީ ހައްގުތައް ހިމާޔަތްކޮށް މިންތީގެ ހަމަހަމަކަން ކަށަވަރުކުރުމަށް ބާރުއެޅުމާއި އދ. އަށް އިސްލާހީ ހެޔޮ ބަދަލުތަކެއް ގެނައުމަށް މާނަހުރި މަސައްކަތްތަކެއް ކުރެއްވުމަށް މިނިސްޓަރ ޝާހިދުވަނީ ނިންމަވާފައެވެ.

ދިވެހި ތާރީހުގައި ވެސް ދިވެއްސަކަށް މިފަދަ ޝަރަފެއް ލިބިވަޑައިގެންނެވި މިއީ ފުރަތަމަ ފަހަރަށް ވީއިރު، މިދައުރަކީ އުއްމީދީ ދައުރެއްގެ ގޮތުގައި އދ. އިންވެސް ފާހަގަކުރެއެވެ.