ޖެހިޖެހިގެން ދެވަނަ ފަހަރަށް ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކުން ސްޕެއިންގެ ބާސެލޯނާގެ މައްޗަށް ފަރަގު ބޮޑު ނަތީޖާއަކުން ކުރިހޯދައިފިއެވެ.

އެގޮތުން މިމެޗުގެ ކުރިން އެންމެފަހުން ބާސާ އާއި ބަޔާންގެ ކުރިމަތިލުމެއް ފެނިގެން ގޮސްފައިވަނީ 2019/2020 ވަނަ އަހަރުގެ ސީޒަނުގެ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލްގައެވެ. އެމެޗު 2-8 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަޔާން އެވެ. އެދުހު ބާސާވީ ބައްޔަކީ 1951 ވަނަ އަހަރުގެ އޭޕްރިލް މަސް ތެރޭގައި އެސްޕަނިޔޯލް އަތުން 0-6 އިން ބަލިވީފަހުން އެންމެ ބޮޑު ނަތީޖާއަކުން ބާސާ މެޗަކުން ބަލިވި ފަހަރެވެ.

އަންގާރަ ދުވަހުގެރޭ ގްރޫޕް އީގައި އަމިއްލަ ދަނޑުގައި ބާސާ އަނެއްކާވެސް މިވަނީ 0-3 ގެ ނަތީޖާއަކުން ބަޔާންގެ އަތްދަށުވެފައެވެ.

ބަޔާންގެ ފަރާތުން ފެށުނީއްސުރެ މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލަނޑެއްޖަހާ ލީޑު ނަގާފައެވެ. ފުރަތަމަ ހާފުގެ 34 ވަނަ މިނެޓުގައި ލެރޯއި ސާނޭގެ އެސިސްޓަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތޯމަސް މުލާ އެވެ. މިއީ އޭރިއާ ބޭރުގައި ހުރެފައި މުލާ ފޮނުވާލި ބާރު ހަމަލާއެއް ބާސާގެ އެރިކް ގާސިއާ ގައިގައި ޖެހިފައި، މިސްރާބު ބަދަލުވެގެން ގޮސް ގޯލުގެ ތެރެއަށް ބޯޅަ ވަދެގެން ބަޔާން އިން ކާމިޔާބުކުރި ލަނޑެކެވެ.

ދެވަނަ ހާފުގައިވެސް ތަފާތު ދެއްކި ބަޔާން އިން ލީޑު ފުޅާކުރީ މިހާފުގެ 11 ވަނަ މިނެޓުގައެވެ. މުސިއާލާ ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި އެނބުރި ކުޅުމުގެ ތެރެއަށް އައި ބޯޅައެއް ގޯލުގެ ތެރެއަށް ވައްދާލައިގެން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ތަޖުރިބާކާރު ފޯވާޑް ރޮބާޓް ލެވަންޑޮސްކީ އެވެ.

މެޗުގައި ބަޔާން އިން ޖެހި ތިންވަނަ ލަނޑަކީވެސް ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑެކެވެ. މިއީ ގްނަބްރީ ފޮނުވާލި ހަމަލާއެއް ރިބައުންސް ވެގެން އައުމުން އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލައިގެން ލެވަންޑޮސްކީ ކާމިޔާބުކުރި ލަނޑެކެވެ.

މެޗުން ބާސާ ބަލިވިއިރު މިއީ 24 އަހަރަށްފަހު ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ފުރަތަމަ މެޗުން ބާސާ ބަލިވި ފުރަތަމަ ފަހަރެވެ. މީގެކުރިން މިހާތަނަށް ބާސާއިން ކުޅެފައިވާ ޗެމްޕިއަންސް ލީގުގެ 22 އޯޕަނިންގ މެޗުގައި ބަލިވެފައެއް ނުވެއެވެ.

ބާސާ އާއި ހިލާފަށް މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ބަޔާން އިން އެންމެފަހުން ޗެމްޕިއަންސް ލީގުގައި ރަށުން ބޭރުގައި ކުޅުނު 18 މެޗުންވެސް ބަލިވެފައެއް ނުވެއެވެ. މިއީ ޗެމްޕިއަންސް ލީގުގެ ރެކޯޑެކެވެ.

ކީވް އާއި ބެންފީކާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން މި ގުރޫޕުގައި ދެން ހިމެނޭ ބެންފީކާ އާއި ޑައިނަމޯ ކީވް ބައްދަލުކުރި މެޗު ވަނީ އެއްވަރުވެފައެވެ.

ކީވްގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

ދެޓީމުގެ ފަރާތުންވެސް އާދައިގެ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި މާ ނުރައްކާތެރި ހަމަލާއެއް ދެޓީމުންކުރެ ޓީމަކަށް އުފެއްދިފައެއް ނުވެއެވެ.

މި ގުރޫޕުގައި ހިމެނޭ 4 ޓީމުވެސް މިހާތަނަށް މުބާރާތުގައި އެއްމެޗު ކުޅެފައިވާއިރު ގުރޫޕުގެ އެއްވަނައިގައި އޮތީ ބާސާގެ މައްޗަށް ކުރިހޯދި ބަޔާން އެވެ. ދެވަނަ އަދި ތިންވަނައިގައި ބެންފީކާ އާއި ޑައިނަމޯ ކީވް އޮތްއިރު ފުލުގައި ގެއްލުން 3 ގޯލާއެކު ޕޮއިންޓެއް ނުލިބި އޮތީ ބާސާއެވެ.