ޗެމްޕިއަންސް ލީގުގެ ގްރޫޕް 'އެޗް' ގައި އަންގާރަ ދުވަހުގެރޭ މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަން ޗެލްސީން ރަޝިއާގެ ޗެމްޕިއަން ޒެނިޓްގެ މައްޗަށް އުނދަގޫ މޮޅެއް ހޯދައިފިއެވެ.

އަމިއްލަ ދަނޑު ސްޓެމްފޯޑް ބްރިޖުގައި ކުޅުނު މިމެޗު ޗެލްސީން ކާމިޔާބުކުރީ 0-1 ގެ ނަތީޖާއަކުންނެވެ.

މެޗުގައި ޗެލްސީން ގިނަވަގުތު ބޯޅަ ހިފަހައްޓާ ޕޮޒެޝަން އިންސައްތަ ޑޮމިނޭޓް ކުރިނަމަވެސް ލިބޭ ފުރުސަތުތަކުގެ ބޭނުން އެންމެ ރަނގަޅަށް ހިފިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައި ޗެލްސީން ޖުމްލަ 11 ހަމަލާއެއް އުފައްދާފައިވާއިރު އޭގެއިން ގޯލާއި އަމާޒު ކޮށްލެވިފައިވަނީ އެންމެ 2 ހަމަލާއެކެވެ. މެޗުގައި އެންމެ 6 ހަމަލާ އުފެއްދި ޒެނިޓްވެސް ވަނީ 2 ހަމަލާއެއް ގޯލާއި އަމާޒުކޮށްފައެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ދެވަނަ ހާފުގެ 24 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ މިފަހަރުގެ ހޫނު މޫސުމުގެ ޓްރާންސްފަރ ވިންޑޯގައި ޗެލްސީ އާއި ގުޅުނު ރޮމެރޫ ލުކާކޫ އެވެ. މިއީ މީގެކުރިންވެސް ޗެލްސީއަށް ކުޅެފައިވާ ލުކާކޫ ޗެމްޕިއަންސް ލީގުގައި އެޓީމަށް ކާމިޔާބު ކޮށްދިން ފުރަތަަމަ ލަނޑެވެ. އެހެންނަމަވެސް އެނބުރި ޗެލްސީއަށް ބަދަލުވިފަހުން ލުކާކޫ ވަނީ ޕްރިމިއަރ ލީގުގައި ޗެލްސީއަށް 3 ލަނޑު ކާމިޔާބު ކޮށްދީފައެވެ.

ޔުވެންޓަސް އާއި މަލްމޯ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މި ގުރޫޕުގައި ދެން ކުޅުނު މެޗުން އިޓަލީގެ ޔުވެންޓަސް އިންވަނީ ސްވިޑެންގެ މަލްމޯގެ މައްޗަށް ފަސޭހަކަމާއެކު ކުރިހޯދާފައެވެ.

މަލްމޯގެ ދަނޑުގައި ކުޅުނު މިމެޗު ޔުވެންޓަސް އިން ކާމިޔާބުކުރީ 0-3 ގެ ނަތީޖާއަކުންނެވެ. މިއީ 3 އަހަރަށްފަހު ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސް ދޫކޮށް މެންޗަސްޓަރ ޔުނައިޓެޑަށް ބަދަލުވިފަހުން ޔުވެންޓަސް ކުޅުނު 3 މެޗުގެ ތެރެއިން މޮޅުވި ފުރަތަމަ މެޗެވެ.

ޔުވެންޓަސްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެޓީމުން ޖެހި ތިން ލަނޑުވެސް ކާމިޔާބު ކޮށްފައިވަނީ ފުރަތަމަ ހާފުގެ ތެރޭގައެވެ.

އެގޮތުން ފުރަތަމަ ހާފުގެ 23 ވަނަ މިނެޓުގައި ޔުވެންޓަސް އަށް ލީޑުނަގައިދިނީ އެލެކްސް ސަންޑްރޯ އެވެ. މިއީ ރޮޑްރިގޯ ބެންޓަންކަރގެ އެހީތެރިކަމާއެކު ސަންޑްރޯ ކާމިޔާބުކުރި ލަނޑެކެވެ.

ޔުވެންޓަސް އިން ލީޑުފުޅާކުރީ ލިބުނު ޕެނަލްޓީ އަކުން ފުރަތަމަ ހާފުގެ ފުރިހަމަވަގުތުގެ އެންމެ ފަހު މިނެޓުގައެވެ. މިއީ އޭރިއާ ތެރެއިން މޮރާޓާ އަށް މަލްމޯގެ ނިއެލްސަން ކުރި ފައުލަކާއި ގުޅިގެން ޔުވެންޓަސް އަށް ލިބުނު ޕެނަލްޓީއެކެވެ. މި ޕެނަލްޓީ ގޯލުގެ ތެރެއަށް ވައްދާލައިގެން ޔުވެންޓަސްގެ ދެވަނަ ލަނޑު ކާމިޔާބު ކޮށްދިނީ ޕައުލޯ ޑިބާލާއެވެ.

ޔުވެންޓަސް އިން މިހާފުގައިވެސް އަދި މި މެޗުގައިވެސް ޖެހި ފަހު ލަނޑު ކާމިޔާބު ކޮށްދިނީ އަލްވާރޯ މޮރާޓާ އެވެ. މިއީ މިހާފުގެ ފުރިހަމަވަގުތު ހަމަވެ ދެއްކި އިތުރުވަގުތުގެ ފުރަތަމަ މިނެޓުގެ ތެރޭގައި މޮރާޓާ ކާމިޔާބުކުރި ލަނޑެކެވެ.

މިއާއެކު މި ގުރޫޕުގެ 4 ޓީމުންވެސް އެއްމެޗު ކުޅެފައިވާއިރު ފައިދާ ގޯލުގެ ތަފާތުން ގުރޫޕުގެ އެއްވަނަ ލިބެނީ ޔުވެންޓަސް އަށެވެ. ދެވަނައިގައި ޗެމްޕިއަން ޗެލްސީ އޮތްއިރު ތިންވަނައިގައި އތޮީ ޒެނިޓް އެވެ. އަދި ފުލުގައި އޮތީ ބައިކޮޅަށް ތިން ލަނޑު ވަން މަލްމޯ އެވެ.