ފާއިތުވީ ސީޒަނުގައި ފްރެންޗް ލީގުގެ ޗެމްޕިއަންކަން ހޯދި ލިލް އިން މި ސީޒަޒުގެ ޗެމްޕިއަންސް ލީގުގައި ކުޅުނު ފުރަތަމަ މެޗުން އެއްވަރުވެ ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެއެވެ.

ގްރޫޕް ޖީގައި، އަމިއްލަ ދަނޑުގައި ޖަރުމަނުގެ ޗުލްފްސްބާގާއި ދެކޮޅަށް ލިލް އިން ނުކުތް މިމެޗު އެއްވަރުވީ ދެޓީމުންކުރެ ޓީމަކަށް ލަނޑެއް ކާމިޔާބު ނުކުރެވިއެވެ.

މެޗުގައި ކުޅުމުގެ ފެންވަރަށް ބަލާއިރު ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް މެޗުގައި ލިލް އިންވަނީ ގިނަ ފުރުސަތުތަކެއް ތަނަވަސްކޮށް ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މުޅި މެޗުގައި އެޓީމުން ޖުމްލަ 17 ހަމަލާއެއް އުފައްދާފައިވާއިރު ގޯލާއި އަމާޒުކޮށް ފޮނުވާލެވިފައިވަނީ އެންމެ 4 ހަމަލާއެކެވެ.

މެޗުގައި މާ އެދެވޭ ކުޅުމެއް ވުލްފްސްބާގުގެ ފަރާތުން ފެނިގެން ނުދާއިރު ކިރިޔާވެސް ލިލްގެ ގޯލަށް ނުރައްކާކޮށް ހަމަލާއެއް އެޓީމަށް އުފެއްދިފައެއް ނުވެއެވެ. އެގޮތުން މުޅި މެޗުގައިވެސް ވުލްފްސްބާގަށް އެންމެ ދެހަމަލާއެއް އުފެއްދިފައިވާއިރު މީގެއިން އެންމެ ހަމަލާއެއްވެސް ގޯލާއި އަމާޒުވެފައެއް ނުވެއެވެ.

މި ގުރޫޕުގައި ދެން ހިމެނޭ ސެވިއާ އާއި އާރްބީ ސާލްޒްބާގުގެ ކުރިމަތިލުންވެސްވީ އެއްވަރެވެ. އެހެންނަމަވެސް އެދެޓީމު ވާދަކުރި މެޗު ނިމުނީ 1-1 ގެ ނަތީޖާއަކުންނެވެ.

މިއާއެކު މި ގުރޫޕުގެ ހަތަރު ޓީމުވެސް މިހާތަނަށް އެއްމެޗު ކުޅެފައިވާއިރު އެއްވަނަ އަދި ދެވަނަ ލިބެނީ ސާލްޒްބާގަށާއި ސެވިއާ އަށެވެ. ލިލް އާއި ވުލްފްސްބާގަށް ލިބެނީ 3 ވަނަ އާއި ހަތަރުވަނައެވެ.

ވިއަރެއާލް އާއި އެޓަލާންޓާ ބައްދަލުކުރި މެޗުގެ ތެރެއިން- ފޮޓޯ:- ގެޓީ އިމޭޖަސް

މީގެއިތުރުން ގްރޫޕް އެފްގައި ސްޕެއިންގެ ވިއަރެއާލް އާއި އިޓަލީގެ އެޓަލާންޓާގެ ކުރިމަތިލުންވެސް ވަނީ އެއްވަރުވެފައެވެ.

ވިއަރެއާލުގެ ދަނޑުގައި ކުޅުނު މިމެޗު އެއްވަރުވީ 2-2 ގެ ނަތީޖާއަކުންނެވެ.

މެޗުގައި އެޓަލާންޓާއިން ވަނީ ވަރަށް ކުރީކޮޅު ލަނޑެއް ޖަހާ ލީޑުނަގާފައެވެ. ފުރަތަމަ ހާފުގެ 6 ވަނަ މިނެޓުގައި މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރެމޯ ފްރިއުލާ އެވެ.

އެހެންނަމަވެސް ފުރަތަމަ ހާފު ނިމުމުގެ ކުރިން މަނޫ ޓްރިގޭރޮސް ވަނީ ވިއަރެއާލަށް ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. އެޓަލާންޓާގެ ޑިފެންސްލައިނުން ހެދި ގޯހެއްގެ ފައިދާނަގައިގެން ޓްރިގޭރޮސް މިލަނޑު ކާމިޔާބުކުރީ ފުރަތަމަ ހާފުގެ 39 ވަނަ މިނެޓުގައެވެ.

ދެވަނަ ހާފު ފަށައިގެން މޮޅަށް ކުޅުނީވެސް ވިއަރެއާލެވެ. ނަތީޖާއަކަށްވީ މެޗުގެ 73 ވަނަ މިނެޓުގައި އެޓީމުން ފުރަތަމަ ފަހަރަށް މެޗުގައި ލީޑުނެގުމެވެ. ޖެރާޑް މޮރޭނޯގެ އެހީއާއިއެކު މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ އަރްނައުޓް ޑެންޖޫމާ އެވެ.

އެހެންނަމަވެސް މެޗުން ތިން ޕޮއިންޓު ހޯދުމުގެ އުންމީދުގައި ކުޅެމުންދިޔަ ވިޔަރެއާލް މާޔޫސްކޮށްލީ މެޗުގެ ފުރިހަމަވަގުތު ހަމަވާން 7 މިނެޓަށްވެފައި ވަނިކޮށް އެޓަލާންޓާއިން ލަނޑެއްޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކުރުމުންނެވެ. މިރަންޗުކްގެ އެސިސްޓަކުން މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ރޮބިން ގޮސެންސް އެވެ.

މިގުރޫޕުގެ 4 ޓީމުވެސް މިހާތަނަށް އެއްމެޗު ކުޅެފައިވާއިރު ގުރޫޕުގެ އެއްވަނަ ލިބެނީ ފަހަތުން އަރާ ވަރުގަދަ މެންޗަސްޓަރ ޔުނައިޓެޑުގެ މައްޗަށް ކުރިހޯދި ޔަންގް ބޯއިސް އަށެވެ. ދެވަނަ އަދި ތިންވަނައިގައި އެޓަލާންޓާ އާއި ވިޔަރެއާލް އޮތްއިރު ފުލުގައި އޮތީ ޔުނައިޓެޑެވެ.