މިއަހަރުގެ ބައިންލްއަގްވާމީގޮތުން ފާހަގަކުރާ ދުނިޔޭގެ ޑިމޮކްރަސީ ދުވަސް ދިވެހީންނާއި ބައްދަލުކުރިއިރު، ޒަމާނީ ޑިމޮކްރަސީއާއި ހަމައަށް ވާސިލްވުމަށް ދިވެހީން ކުރާ ދަތުރަކީ ތަފާތު ތަޖުރިބާތަކެއް ކުރެވިފައިވާ ދަތުރަކަށް ވާނެއެވެ.

މީގެ 17 ވަރަކަށް އަހަރު ކުރިން ސިޔާސަތު ބައްޓަންކޮށްފައިވާ ގޮތާއި، އޭރުގެ މުޖުތަމައުގެ ތަރުތީބާ ދެކޮޅަށް ދިވެހީން ދަތުރު ފެށީ އަދުލު އިންސާފާއި ހަމަހަމަކަމާއި ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށް ހަރުއަޑުން ގޮވަމުންނެވެ. ގިނަ ހަރުފަތްތަކެއް ގިރާކޮށް 2008 ވަނަ އަހަރު ފެހި ގާނޫނުއަސާސީ ތަސްދީގުކޮށް ދިވެހި ތާރީހުގައި ފުރަތަމަ ފަހަރަށް ބޭއްވުނު މިނިވަން އިންސާފުވެރި އިންތިހާބަކީ، ރައްޔިތުންގެ ބާރު ކަމުގައި މާހިރުން ބުނާ ޑިމޮކްރަސީގެ ފުރިހަމަ މިސާލެކެވެ.

އައު ގާނޫނުއަސާސީން ވަނީ ދިވެހި ރައްޔިތުނަށް ރައްޔިތުންގެ ބާރު ކަށަވަރުކޮށްދީ، އަސާސީ ހައްގުތައް ރައްކާތެރިކޮށް، ޒަމާނީ ޑިމޮކްރަސީ ނިޒާމެއްގައި ދައުލަތް ހިންގުމުގައި ވެރިކަން ކުރުމުގެ ބާރާއި، އަދުލު އިންސާފު ގާއިމްކުރުމުގެ ބާރާއި، ގާނޫނު ހެދުމުގެ ބާރު ވަކިކޮށްފައެވެ. ތިން ބާރު ވަކި ކުރެވިފައިވާ ރިޔާސީ ނިޒާމާއެކު، ސަރުކާރު ހިންގުމުގެ ބާރާއި ގާނޫނުތައް ހެދުމުގެ ބާރުގައި ތިބޭ ފަރާތްތަކަކީ ރައްޔިތުންގެ ތާއީދާއެކު އިންތިހާބުވެގެން އައިސްފައިވާ ބައެކެވެ.

ފޮނި އުއްމީދުތަކާއެކު ރައްޔިތުން ގެނައި "ހެޔޮ ބަދަލު" މިއަދު ފެންނަމުން މިދަނީ އޭރު ތަސައްވަރުކުރި ގޮތަށްތޯ ސުވާލު އުފެއްދުން މުހިންމެވެ. ރައްޔިތުންގެ ވެރިކަމެކޭ ބުނާއިރު، ރައްޔިތުންގެ ބާރުން ދައުލަތާ ހަވާލުވެ ތިއްބެވި ބޭފުޅުން އަމިއްލަ އިސްނެގުމުގެ މަތީން މި ނިޒާމުގެ އެކި ގުނަވަންތަކުގައި ރައްޔިތުން ބައިވެރިކޮށް، ސިޔާސަތުތަކާއި ޑިމޮކްރެޓިކް މަރުހަލާތަކުގައި ރައްޔިތުންގެ އަޑު ހިމަނަނީ ކިހާވަރަކަށްތޯ؟

މީގެ 14 އަހަރު ކުރިން ވެރިކަން ހިންގުމުގެ ނިޒާމާމެދު ރައްޔިތުންގެ ހިޔާލު ހޯދުމަށް ނެގި އާންމު ވޯޓުން ރާއްޖެއަށް އެންމެ ރަނގަޅީ ރިޔާސީ ނިޒާމެއް ކަމަށް ނިންމުނެވެ. ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެ، އަނެއްކާވެސް ވެރިކަން ހިންގުމުގެ ނިޒާމުގެ ބަހުސް މިވަނީ ކުރެވޭން ފަށާފައެވެ.

މިހާރުގެ ގާނޫނުއަސާސީގެ 262 ވަނަ މާއްދާގެ (ށ) ގެ (3) ބަޔާންކޮށްފައިވަނީ ވެރިކަމުގެ ނިޒާމަށް ބަދަލުގެންނަނަމަ އެ ބަދަލެއް ތަސްދީގުކުރެވޭނީ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނަގައިގެންކަމަށެވެ. ވެރިކަމުގެ ނިޒާމަކީ ގާނޫނުއަސާސީގެ އަސާސީ ސިފައެއްކަމުގައި ވީހިނދު، އެފަދަ ވޯޓެއް ނަގައިގެން ނޫނީ ނިޒާމު ބަދަލު ކުރުމަކީ ދުސްތޫރީ އިލްމުވެރިން ނަންކުރާ "ބޭސިކް ފީޗާ ޑޮކްޓްރިން" އާވެސް ހިލާފުކަމެކެވެ.

ނިޒާމުގެ ބަހުސް އަލުން ހުޅުވާލައި، ރިޔާސީ ދައުރެއްގެ މެދުތެރެއިން ނިޒާމުގެ ވޯޓަކަށް ގޮސް ބަރުލަމާނީ ނިޒާމަކަށް ވެރިކަން ހިންގުން ބަދަލު ކުރުމަށް ގޮވާލާ ގޮވާލުންތައް ދަނީ އިތުރުވަމުންނެވެ. ނަމަވެސް، ބައެއް ބޭފުޅުން ދެކިވަޑައިގަންނަވާ ގޮތުގައި މައްސަލައަކީ ވެރިކަން ހިންގާ ނިޒާމަށް ކިޔާ ނަމެއް ނޫނެވެ. އެއީ އެ ނިޒާމުގެ ތެރޭ ތަންފީޒުކުރާ އުސޫލުތަކެވެ.

ކަންމިހެން އޮތް ނަމަވެސް، ޑިމޮކްރެޓިކް ނިޒާމެއް ހަރުދަނާކޮށް ކުރިއެރުވުމުގައި އެންމެ އިސް ދައުރެއް އަދާކުރާ ފަރާތަކީ ސިޔާސީ ޕާޓީތަކަށް ވީއިރު، ރާއްޖޭގެ ސިޔާސީ މަސްރަހު މިހާރު މިއޮތް ހާލަތުގައި، ސިޔާސީ ޕާޓީތަކަކީ ރައްޔިތުންނާ ގާތް ގުޅުމެއް ބާއްވާ، ރައްޔިތުން ޝާމިލު ކޮށްގެން މަސައްކަތްކުރާ ޕާޓީތަކަކަށް ހެދުމަށް އިސްކަން ދިނުމަކީ މުހިންމު ކަމެކެވެ.

ރާއްޖޭގެ ސިޔާސީ މާހައުލުގައި ހުރި ތަފާތުތަކަކީ ހަގީގަތެވެ. އެހެންކަމުން މިހުރިހާ ފިކުރުތަކަކަށް އިހުތިރާމް ކުރާ ސިޔާސީ ނިޒާމަކީ ރާއްޖެއަށް އެންމެ ފައިދާހުރި ކަމުދާނެ ނިޒާމް ކަމަށް ބެލެވެއެވެ.

ޑިމޮކްރަސީގައި ރާއްޖެ ކުރާ ދަތުރުގައި ރައްޔިތުންގެ ސިޔާސީ އަދި މަދަނީ ބައިވެރިވުމަކީ ހަމައެކަނި ވޯޓުލުމާއި މުޒާހަރާ ކުރުން ކަމުގައި ދެކޭ ދެކުން ބަދަލުކޮށް، ވެރިކަމަކީ ރައްޔިތުންގެ އަޑު ހިމެނިގެން ކުރާ ކަމަކަށް ވާންޖެހެއެވެ.