ލަގްޒަރީ ޓެކްނޮލޮޖީ ބްރޭންޑެއްގެ ގޮތުގައި ސިފަކުރަމުން އަންނަ އެޕަލްގެ އެންމެ ފަހުގެ އައިޕޯން 13 ބާޒާރަށް ނެރެފިއެވެ.

އައިއޯއެސް-15 ހިމެނޭ އައިފޯން-13 އަކީވެސް 5ޖީ ފޯނެކެވެ. އައިފޯން-13 ގައި ކެމެރާ ވަރުގަދަކުރަންވެސް އޭ-15 ޗިޕުގައި ވަނީ ހާއްސަ ސިފަތަކެއް ހިމަނާފައެވެ.

މި ފޯނުގައި ކުރިއަށް ވުރެ ބޮޑަށް ކެމެރާގެ ސެންސާއަށް އަލި އެޅޭނެ ގޮތް ހަދާފައިވާ ކަމަށް އެޕަލް އިން ބުނެއެވެ. ރޭ ނެރެފައި ވަނީ މިހާތަނަށް ބެޓެރީ އެންމެ ގިނައިރު ހިފަހައްޓާ އައިފޯނެވެ. އެންމެ ފަހުގެ ޕްރޯ މެކްސްއަށް ވުރެ ދޮޅު ގަޑިއިރު އިތުރަށް އައިފޯން-13 ގައި ބެޓެރީ ހިފަހައްޓާނެ ކަމަށް އެޕަލް އިން ބުނެއެވެ.

ކޮވިޑްގެ މި ހާލަތާ ގުޅިގެން އެޕަލް ކުންފުނިން އައިޕޯން 13 އިފްތިތާހް ކުރުމަށް ރޭ ބާއްވާފައި ވަނީ ވާޗުއަލް ހަފްލާއެކެވެ.

އެ ހަފްލާގައި ވަނީ އައިފޯން މިނީއާއި އައިފޯން 13 އާއި އައިފޯން 13 ޕްރޯ އަދި އެޕަލް ވޮޗް ތައާރަފް ކޮށްފައެވެ. އައިފޯން 13 މިނީގެ އަގަކީ 699 ޑޮލަރެވެ. އައިފޯން 13ގެ އަގަކީ 799 ޑޮލަރެވެ. ހަމައެއާއެކު އައިފޯން 13 ޕްރޯގެ އަގަކީ 999 ޑޮލަރެވެ. އަދި އައިފޯން 13 ޕްރޯ މެކްސްގެ އަގަކީ 1099 ޑޮަލަރެވެ. މީގެ އިތުރުން އެޕަލް ވޮޗްގެ އަގަކީ 399 ޑޮލަރެވެ.

މި ފަހަރު ތައާރަފް ކުރި އައިފޯން 13ގެ އެކި ކުލަަތައް ބާޒާރަށް ނެރޭނެ ކަމަށް އެޕަލް ކުންފުނިން ބުނެއެވެ.

ރޭ ބޭއްވި ހަފްލާގައި ވަނީ އެޕަލް ވޮޗް ވެސް ދައްކާލާފައެވެ. ނަމަވެސް އެޕަލް ސީރީޒް 7ގެ ގަޑިތައް ބާޒާރަށް ނެރެން ހަމަޖެހިފައިވާ ތާރީހެއް ހާމައެއް ނުކުރެއެވެ. ސީރީޒް 7ގެ ގަޑިތައް ފެށޭ އަގަކީ 399 ޑޮލަރެވެ. މީގެ އިތުރުން އެންމެ ފަހުގެ އައިޕެޑްތައް ވެސް ވަނީ މި ހަފްލާގައި ދައްކާލާފައެވެ.