މޫސުން ގޯސްވުމުގެ ސަބަބުން މާލެ ސަރަހައްދުގެ ފެރީ ދަތުރުތައް މެދުކަނޑާލައިފިއެވެ.

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން މިއަދު ކުރި ޓްވިޓް ގައި ވަނީ ގްރޭޓާ މާލެ ސަރަހައްދުގައި މޫސުން ގޯސްވުމާއި ގުޅިގެން އެ ކުންފުނީގެ ހުރިހާ ފެރީ ދަތުރުތަކެއް މޫސުން ރަނގަޅުވަންދެން ކެންސަލްކޮށްފައިވާ ކަމަށެވެ.

ދަތުރުތައް ކެންސަލް ކުރުމާއި ގުޅިގެން ދިމާވެދާނެ ދަތިތަކަށް އެމްޓީސީސީން ވަނީ މައާފަށް އެދިފައެވެ.

މޫސުން ގޯސްވެ ޅ. އަތޮޅުން ގދ. އަތޮޅާ ދެމެދު މިއަދު ވަނީ ޔެލޯ އެލާޓް ނެރެފައެވެ.

މޫސުމާ ބެހޭ އިދާ މެޓް އޮފީހުން ބުނީ، ޔެލޯ އެލާޓް ނެރެފައި ވަނީ މިއަދު ހެނދުނު 8:30 އިން ފެށިގެން މެންދުރު 12:00 އާ ދެމެދުގެ ވަގުތަކަށް ކަމަށެވެ.