މިމަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީގެ) ދާއިރާތަކުގެ އިންތިޚާބުގެ ކުރިން ވޯޓަކާއި ނުލައި 165 ކެންޑިޑޭޓުން ހޮވިއްޖެއެވެ.

މި މަހުގެ 25 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިޚާބުގައި 733 ކެންޑިޑޭޓުން ވާދަކުރިއެވެ.

މީގެ ތެރެއިން 165 ކެންޑިޑޭޓަކު ހޮވިފައިވަނީ އިންތިޚާބު ކުރަންޖެހޭ އަދަދަށް މީހުން ކުރިމަތިނުލުމުންނެވެ. އެމްޑީޕީގެ އިންތިޚާބާއި ބެހޭ ޤަވާއިދު ބުނާގޮތުން ޤައުމީ މަޖިލިސް އިންތިޚާބުގައި ކުރިމަތިލާ ދާއިރާތަކަށް ހޮވަންޖެހޭ އަދަދަށް ކުރިމަތިލައިފިނަމަ އެކެންޑިޑޭޓަކު ވޯޓަކާއި ނުލައި އިންތިޚާބު ކުރެވިގެންދާނެއެވެ.

ވާދަވެރިކަން ބޮޑުވެފައިވާ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ފޯރިއާއެކު ކެމްޕޭންތައް ކުރަމުން އަންނައިރު ޕާޓީގެ އެތެރޭގެ ހަމަނުޖެހުންތައް ބޮޑުވެ ޕާޓީގައި ވަނީ ދެފެކްޝަނެއް އުފެދިފައިކަމަށް ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ.

މި އިންތިހާބުގައި އެމްޑީޕީގެ 90،000 އަށް ވުރެ ގިނަ މެމްބަރުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު މި އިންތިހާބުގައި 455 މަގާމަކަށް މީހުން ހޮވަން ވަނީ ނިންމާފައެވެ.

މީހުން ދިރިއުޅޭ ކޮންމެ ރަށެއްގަ ވޯޓު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށާއި އަދި ބައެއް ރަށްރަށުގައި އެންމެ ވޯޓު ފޮށްޓެއް ބެހެއްޓުމުގެ ބަދަލުގައި ގިނަ ފޮށިތައް ބަހައްޓަން ނިންމާފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ.