ރާއްޖޭގައި 8 އަހަރުގެ ކުދިންވެސް މަސްތުވާތަކެތި ބޭނުންކުރާކަން ރިޕޯޓްތަކުން ހާމަވާކަމަށް ހެލްތް މިނިސްޓްރީން ބުނެފިއެވެ.

ހެލްތް މިނިސްޓްރީން މިކަން ހަމަކުރީ ނެޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) އިން ކުރަމުން އަންނަ މަސައްކަތްތަކާބެހޭ މައުލޫމާތު ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހިއްސާކުރަމުން ދިން ޕްރެޒެންޓޭޝަންގައެވެ.

ޕްރެޒެންޓޭޝަންގައި ބުނެފައިވާގޮތުން، 2014 ވަނަ އަހަރުގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ފާހަގަވެފައިވަނީ 22އަހަރާއި، 37 އަހަރާއި ދެމެފުގެ މީހުންނެވެ. އެހެންނަމަވެސް 2021 ވަނަ އަހަރަށް ބަލާއިރު 17 އަހަރުން ފެށިގެން 68 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުން މަސްތުވާތަކެތި ބޭނުންކުރާކަން ފާހަގަކުރެވިފައިވާކަމަށް ޕްރެޒެންޓޭޝަންގައި ބުނެފައިވެއެވެ.

މިހާރު ރާއްޖޭގައި ގިނަ އަދަދެއްގެ ކުޑަކުދިން މަސްތުވާތަކެތި ބޭނުން ފާހަގަކުރެވިފައިވާކަމަށާއި، އެންމެ ގިނައިން ބޭނުންކުރަނީ 15 އަހަރާއި 17 އަހަރާއި ދެމެދުގެ ދޭތެރޭގެ ކުދިންކަމަށް ޕްރެޒެންޓޭޝަންގައި ބުނެފައިވެއެވެ. މީގެއިތުރަށް 8 އަހަރުގެ ކުދިވެސް މަސްތުވާތަކެތީގެ ވަބާގައި ޖެހޭކަން ފާހަގަކުރެވޭކަމަށް ބުނެފައިވެއެވެ.

ޕްރެޒެންޓޭޝަންގައި ވާގޮތުން ރާއްޖެއަށް އެންމެ ގިނައިން މަސްތުވާތަކެތި އެތެރެކުރަނީ ދިވެހިންކަމަށް ރިޕޯޓްތަކުން ދައްކައެވެ. އެހެންމަވެސް އެހެން ގައުމުތަކުގެ މީހުންވެސް މިކަމުގައި ކޮންމެވެސް ވަރަކަށް ޝަމިލްވެއެވެ.

ޕްރެެޒެންޓޭޝަންގެ ކުރިން މަޖިލީހުގައި ވާހަކަ ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ނެޝަނަލް ޑްރަގް އެޖެންސީގެ މަސައްކަތްތައް މިނިސްޓްރީ އާ ހަވާލުކުރިފަހުން، ފުރަތަމަ ކުރި މަސައްކަތްތަކަކީ އެއީ އެނގޭ ކަމަކަށް ނުވާތީ، އެމަސައްކަތްތައް ދިރާސާކުރުން ކަމަށެވެ.

އެގޮތަށް ބެލިބެލުމުން އެންޑީއޭ މަސައްކަތް ކުރާނެ ތަނެއް ނެތްކަން އެނގިގެންދިޔަ ކަމަށާއި، އެ މަަސައްކަތްތައް ކުރަމުންގެންދިޔަ ތަނަކީ ކަތުރުފަނި އަޅައި، މަސައްކަތް ނުކުރެވޭ ވަރަށް ހަލާކުވެފައިވާ ތަނެއް ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ. ނަމަވެސް އެހެން ތަނެއް ކުއްޔަށް ހިފައިގެން މަސައްކަތް ކުރެވޭނެ ގޮތް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިހާރު ހަމަޖައްސަވައިދެއްވާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، އެންޑީއޭއިން ކުރަނީ ވަރަށް އުނދަގޫ މަސައްކަތްތަކެއް ކަމަށާއި، އެންމެން އެކައްޗެއް ކިޔައި، އެންމެން އެއްބާރުލައިގެން ނޫނީ މަސްތުވާތަކެތީގެ މަސައްކަތްތަކަށް ހައްލެއް ހޯދުމުގައި ރަނގަޅު ނަތީޖާއެއް ނުނެރެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.