ސިޔާސީ ޕާޓީއެއްގެ ގޮތުގައި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ރެޖިސްޓްރީކުރުމަށް މިއަދު، އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފިއެވެ.

ސިޔާސީ ޕާޓީއެއްްގެ ގޮތުގައި އެމްއެންޕީ ރަޖިސްޓްރީ ކުރުމަށް މިއަދު ހެނދުނު ހުށަހަޅާފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއް ހިމެނޭ ގޮތަށް ރާއްޖޭގެ އެކިކަންކޮޅުތަކުން ފަސްހާސް މެންބަރުންނަށް ވުރެ ގިނަ ފޯމާއެކުގައިކަމަށް އެޕާޓީން ބުނެއެވެ.

އިލެކްޝަންސް ކޮމިޝަނުން މޯލްޑިވްސް ނެޝަނަލް ޕާޓީގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ދީފައިވަނީ މިދިޔަ ޖުލައި މަހުގެ 15 ވަނަ ދުވަހުގައެވެ.

އެމްއެންޕީ އުފެއްދުމުގެ މަޤްޞަދަކީ ދިވެހީންގެ ތެރޭގައި ޤަޢުމީ ފިކުރު އާލާކޮށް، ދިވެހީން އެދޭ ކަންކަން ފުރިހަމަައަށް ހާސިލްކުރުމަށްޓަކައި، ޤާނޫނީ ގޮތުން ލިބިދޭ އެންމެހައި ބާރާއި އިޚްތިޔާރާއި ޙައްޤުތައް ބޭނުންކޮށް 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބު ކާމިޔާބު ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރުންކަމަށް އެޕާޓީން ބުނެއެވެ.

އެމްއެންޕީގެ އުންމީދަކީ ޕާޓީ އުފެއްދުމުގެ ޖަލްސާ ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުއްދަ ދންހާ އަވަހަކަށް އެޖަލްސާ ބާއްވާ، ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި ހިމެނުންކަމަށްވެސް އެޕާޓީން ބުނެއެވެ. އަދި މިހިނގާ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ދިހަ ހާސް މެންބަރުން ހަމަކޮށް އެމްއެންޕީއަކީ ދިވެހިރާއްޖޭގައި ހިންގާ އެންމެ ވަރުގަދަ ސިޔާސީ ހަރަކާތަށް ހެދުންކަމަށެވެ.