އދގެ 76 ވަނަ ޢާންމު މަޖިލީހުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

މި މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް، އެމެރިކާގެ ނިއުޔޯކަށް ސެޕްޓެމްބަރު 18 ވަނަ ދުވަހު ރައީސް ފުރާވަޑައިގަންނަވާނެކަަަށް ރައީސް އޮފީހުން މައުލޫމާތުދެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދާއި، ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ.

އެމަނިކުފާނުގެ މި ދަތުރުފުޅުގައި އދގެ 76 ވަނަ ޢާންމު މަޖިލީހުގައި ތަޤުރީރުކުރެއްވުމުގެ އިތުރުން ބައިލެޓެރަލް އަދި މަލްޓިލެޓެރަލް ސެޝަންތަކުގައި ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ބުނެއެވެ.

ބޮޑު އަޤުލަބިއްޔަތަކާއިއެކު އދގެ 76 ވަނަ ޢާންމު މަޖިލީހުގެ ރައީސްކަމަށް ރާއްޖޭގެ މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު އިންތިޚާބުވެވަޑައިގެންނެވުމާ ގުޅިގެން މި ފަހަރުގެ އ.ދ. ގެ ޢާންމު މަޖިިލީހަކީ ރާއްޖެއަށް ވަރަށް ތާރީޚީ މަޖިލީހަކަށް ވެގެންދާނެއެވެ.

ޚާއްޞަކޮށް ފާއިތުވި ތިން އަހަރު ރާއްޖެއިން ވަނީ ބައިނަލްއަޤްވާމީ ދުނިޔޭގައި މުހިންމުކަން ދޭ ކަންކަމުގައި ފައިތިލަ ސާބިތުކޮށް ރާއްޖެއިން ޤަބޫލުކުރާ ކަންކަމާ ގުޅޭގޮތުން ވަކާލާތުކޮށްފައެވެ. އަދި، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތިމާވެށި ރައްކާތެރިކުރުމާއި މޫސުމަށް އަންނަމުންދާ ބަދަލުތައް ކުޑަކުރުމަށް ރާއްޖެއިން އަންނަނީ އިސްނަގައިގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގަތުމަށް ހަމަޖެހިފައި ވަނީ ސެޕްޓެންބަރު 28 ވާ އަންގާރަ ދުވަހުގައެވެ.