ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމަކީ ސިޔާސީ ދާއިރާގައި ދުވަހަކުވެސް ފަޑުވުމެނުވާނެ ލީޑަރެކަމަށް ޖުމްހޫރީ ޕާޓީގެ ކައުންސިލް މެމްބަރު އަދި ކުރީގެ ހޯމް މިނިސްޓަރ އަޒްލީން އަހުމަދު ވިދާޅުވެއްޖެއެވެ.

އަޒްލީން މިހެން ވިދާޅުވީ، ޖުމްހޫރީ ޕާޓީއަށް އަލަށް ގުޅުނު މެމްބަރުންގެ ފޯމްތައް ޕާޓީގެ ލީޑަރާ ހަވާލުކުރުމަށް އަންގާރަ ދުވަހުގެރޭ، ޖޭޕީގެ މައި މަރުކަޒު، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އަޒްލީން ވިދާޅުވީ ރާއްޖޭގައި އުފެދުނު ޕާޓީތަކުގެ ތެރެއިން އެންމެ ކާމިޔާބު އެއް ޕާޓިއަކީ ޖުމްހޫރީ ޕާޓީ ކަމަށެވެ. ސިޔާސީ ގޮތުން ބޮނޑު ދެ ޕާޓީ އޮތް ނަމަވެސް އެޕާޓީތަކަށް ވެރިކަމަށް އާދެވުނީ ޖޭޕީގެ އެހީތެރިކަމާއިއެކުގައިކަމަށް އަޒްލީން ވިދާޅުވިއެވެ.

ކޯލިޝަނެއް ހެދިއަސް އެކޮލިޝަނަށް އިހްތިރާމްކުރާ މީހަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމްކަމަށް އަޒްލީން ވިދާޅުވިއެވެ. ކޮންމެ ފަހަރަކުވެސް އެޕާޓީތަކުން ދޫކޮށްލަންދެން، އެމަނިކުފާނު ސާބިތުކަންމަތީ ދެމިހުންނަވާކަމަށެވެ.

އަޒްލީން ވީދާޅުވީ ޒުވާނުންނަށް ބޮޑެތި ފުރުސަތުތައް ލިބެން އޮތީ ޖުމްހޫރީ ޕާޓީން ކަމަށެވެ.