ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމުތަކާއެކު ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަދާފައިވާ ސްޕޮންސާޝިޕް އެއްބަސްވުންތައް އައުކޮށްފިއެވެ.

މިއީ ބީއެމްއެލް އިން ގައުމީ ޓީމާއެކު ސްޕޮންސާޝިޕް އައުކުރި ތިންވަނަ ފަހަރެވެ. އެންމެފުރަތަމަ ބީއެމްއެލް އިން ގައުމީ ޓީމުގެ ސްޕޮންސަރެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުއެވެ. ދެ އަހަރުގެ އެއްބަސްވުމެއްގެ ދަށުން އޭރުހެދި އެއްބަސްވުމުގެ މުއްދަތު ހަމަވީ 2019 ވަނަ އަހަރުގައެވެ. މިއަހަރަށް މި އެއްބަސްވުމުގެ މުއްދަތު އައުކުރިއިރު މިފަހަރުގެ އެއްބަސްވުމުގެ މުއްދަތަކީވެސް ދެއަހަރުގެ މުއްދަތަކަށެވެ.

ބުދަ ދުވަހު ގައުމީ ފުޓުބޯޅަ ދަނޑުގައި ބޭއްވި ރަސްމިއްޔާތެއްގައި އެއްބަސްވުން އައުކޮށްފައިވާއިރު މި އެއްބަސްވުމުގައި ބީއެމްއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާއެވެ. އަދި ރާއްޖޭގެ ފުޓުބޯޅައިގެ މައި އިދާރާ، ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ އެސޯސިއޭޝަންގެ ރައީސް ބައްސާމް އަދީލް ޖަލީލް އެވެ.

މި އެއްބަސްވުމުގެ ދަށުން 2023 ވަނަ އަހަރާ ހަމައަށް ކުރިއެކޭވެސް އެއްފަދައިން ޤައުމީ ސީނިއަރ ފިރިހެން ޓީމާއި، ސީނިއަރ އަންހެން ޓީމު އަދި ޔޫތު ޓީމުތަކުގެ އެކްސްކްލޫސިވް ސްޕޮންސަރަށް ބީއެމްއެލް ވާނެއެވެ.

ސްޕޮންސާޝިޕް އައުކުރުމަށް ބޭއްވި މި ރަސްމިއްޔާތުގައި، ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕްގެ ބޭންކިންގ ޕާޓްނަރެއްގެ ގޮތުގައިވެސް ބީއެމްއެލް ހަމަޖައްސާފައިވެއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ބައްސާމް ވިދާޅުވީ ބީއެމްއެލް އާއެކު މި އެއްބަސްވުން އައު ކުރެވިގެންދާކަމީ އެއިދާރާއަށް ލިބޭ ފަހުރެއް އަދި އުފަލެއް ކަމަށެވެ. އަދި ޓީމުތަކުގެ ކުޅުންތެރިންނަކީ އަޅުގަނޑުމެންގެ ފަހުރު ކަމަށާއި ހޯދަމުންދާ ނަތީޖާއަކީ ކުޅިވަރު ދަނޑުގެ އިތުރުން ފަރުދާގެ ފުރަގަހުގައި މަސައްކަތް ކުރާ ހުރިހާ ފަރާތެއްގެ ބުރަ މަސައްކަތާއި އެހީތެރިކަމާއި އެއްބާރުލުމުގެ ނަތީޖާކަން ބައްސާމް ފާހަގަކުރެއްވިއެވެ. މީގެއިތުރުން ބައްސާމް ވަނީ ޤައުމީ ޓީމަށާއި ރާއްޖޭގައި ކުޅިވަރާއި ޒުވާން ކުޅުންތެރިން ތަރައްގީ ކުރުމަށް ބީއެމްއެލް އިން ވެދެއްވާ އެހީތެރިކަމަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ ރާއްޖޭގައި ފުޓްބޯޅައިގެ ފޯރިގަދަ މި ދަނޑިވަޅުގައި މި ޕާޓްނަރޝިޕް އައު ކުރެވިގެންދާކަމީ ބެންކަށް ލިބޭ އުފަލެއް ކަމަށާއި ބައިނަލްއަގްވާމީ މުބާރާތްތަކުގައި ގައުމީ ޓީމުގެ ކާމިޔާބީގައި ބައިވެރިވުމުގެ އިތުރުން ރާއްޖޭގެ ޒުވާން ޖީލަށް މި ހުނަރު ފުޅާކުރަން އެހީތެރިވުމަކީ ބޭންކުން ނުހަނު ބޮޑު އިސްކަމެއްދޭކަމެއް ކަން ޓިމް ފާހަގަކުރެއްވިއެވެ.

ބީއެމްއެލް އާއިއެކު ގައުމީ ޓީމުތަކުގެ އެއްބަސްވުން އައުކުރިއިރު ގައުމީ ސީނިއަރ ފުޓުބޯޅަ ޓީމުން މިވަގުތު ދަނީ އަންނަމަހު 1 ގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގަތަރުގެ ވެރިރަށް ދޯހާގައި ތަމްރީނު ކޭމްޕުތަކެއް ކުރިއަށް ގެންދަމުންނެވެ.