ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ވަގުތީ މިސްކިތެއް ޢިމާރާތްކުރުމަށް ބަޔަކާ ހަވާލުކޮށްފިއެވެ.

ވަގުތީ މިސްކިތް ޢިމާރާތްކުރުމަށް ހަވާލުކޮށްފައިވަނީ ޔެސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެވެ.

80 ދުވަސް ތެރޭގައި ނިންމުމަށް ހަމަޖެހިފައިވާ މިމިސްކިތަކީ 450 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

މި މިސްކިތް ޢިމާރާތް ކުރުމަށް ދައުލަތުގެ ބަޖެޓުން ޖުމްލަ 4.3 މިލިއަން ރުފިޔާ ޚަރަދުކުރުމަށްވަނީ ނިންމާފައެވެ.

ހުޅުމާލޭ ދެވަނަ ފިވަޔަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފުލެޓްތައް ލިބުނު މީހުންނާއެކު އެއްބަސްވުމުގައި ސޮއިކޮށް، ބައެއް މީހުންނަށް ފްލެޓްތައް މިހާރު ހަވާލުކޮށްފައިވާރު، ފްލެޓްތަކުގައި މީހުން ދިރިއުޅެން މިހާރު ވަނީ ފަށާފައެވެ.

ކުރީ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު އިން ފުލެޓް ލިބުނު 6،720 މީހުންނާ އެކު އެއްބަސްވުންތަކުގައި ސޮއިކުރަން ފެށީ ޖުލައި 14 ވަނަ ދުވަހުއެވެ. އޭގެ ތެރެއިން މިހަތަނަށް 5،519 މީހުންނާއިއެކު އެއްބަސްވުމުގައި ވަނީ ސޮއިކޮށް ނިންމާފައެވެ.