އިނގިރޭސިވިލާތުގެ މަޝްހޫރު ވޯގް މެގަޒިންއިން ކޮންމެ އަހަރަކު ބާއްވަމުން އަންނަ މެޓް ގާލާ އިވެންޓްގައި މަޝްހޫރު ރިއަލިޓީ ޝޯ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން" ގެ ތަރި ކިމް ކާޑޭޝިއަން ލައިފައިހުރި ހެދުމުގެ ސަބަބުން މުޅި އެ އިވެންޓްގައި އެންމެ ބޮޮޑު ޖޯކަށް އޭނަ ވެއްޖެއެވެ.

އަހަރު ދުވަހުގެ މެދުކެނޑުމަށްފަހު މިސެޕްޓެމްބަރު މަހުގެ 13 ވަނަ ދުވަހު "މެޓް ގާލާ 2021" ބާއްވައިފައިވާއިރު، މި އިވެންޓްގެ އެންމެ ޚާއްސަ އެއް ކަމަކީ އަދި ގިނަ ބައެއްގެ ސަމާލުކަން ހުއްޓޭ އެއް ކަމަކީ ފަންނާނުން އަޅާ ހެދުންތަކެވެ.

ދުނިޔޭގެ އެންމެ މަޝްހޫރު ޑިޒައިނަރުންގެ ހެދުންތަކުގައި ފަންނާނުން ފެނިގެންދާއިރު، މި އިވެންޓް ވެގެންދަނީ ފެޝަން ޑަޒައިނަރުންނަށް ވެސް އަންނަ ބޮޑު އީދަކަށެވެ.

ކޮންމެ އަހަރަކުވެސް ފަންނާނުން އަޅާ ހެދުންތަކަށް މީހުންގެ ސަމާލުކަން ހުއްޓޭއިރު، މި އިވެންޓުގައި ގިނަ ފަންނާނުން ފެނިގެން ދަނީ އަބަދުވެސް ތަފާތު އަދި ގޮތް ބޮޑު ހެދުންތަކުގައެވެ.

މި އިވެންޓުގައި ފަންނާނުން އަޅާ ހެދުންތަކަށް ފާޑުކިޔުން އަމާޒުވާއިރު ތައުރީފު ކުރާ މީހުންވެސް ވަކި މަދެއް ނޫންކަން ފާހަގަކުރެވެއެވެ. އަދި ފަހުން އެގޮތް ގޮތަށް އެކި ހަފްޞާތަކުގައި ހެދުން އަޅާތީ ފެނެއެވެ.

މިފަހަރުގެ މެޓް ގާލާ އިވެންޓުގައި ގިނަ ބައެއްގެ ސަމާލުކަން ހުއްޓުނީ މަޝްހޫރު ރިއަލިޓީ ޝޯ، "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަން" ގެ ތަރި ކިމް ކާޑޭޝިއަން ލައިފައިހުރި ހެދުމަށެވެ.

މި އިވެންޓުގައި ކިމް ލައިފައި ހުރި ހެދުމުގެ ސަބަބުން ގިނަ ބަޔަކަށް އެއީ ކާކުކަން ދެނެގަންނަން ވެސް ނޭނގުނު ކަމަށް ހޮލީވުޑްގެ ޚަބަރުތަކުގައި ރިޕޯޓްކޮށްފައި ވެއެވެ. އަދި ކިމް ކާޑޭޝިއަން އެގޮތަށް އެ ހެދުމުގައި ފެނިގެންދިއުމުން ގިނަ ބަޔަކު ތިބީ އަދިވެސް ސުވާލު މާކެއްގެ ތެރޭގައެވެ.

މިއީ މި އިވެންޓުގައިވެސް ފެނިގެންދިޔަ އެންމެ ހައިރާންކުރުވަނިވި އެއް ހެދުމެވެ.

ކިމް ފެނިގެން ގޮސްފައިވަނީ މުޅި ހަށިގަނޑާއި މޫނު އެއްކޮށް ނިވާކޮށްފައިވާ ކަޅު ހެދުމެއްގައެވެ.

މޫނާއި ހިސާބުން ފެށިގެން ފަޔާ ހިސާބަށް އެއްކޮށް ކަޅުކުލައިގެ ފޮތިން ފޮރުވިފައި ހުރިއިރު، ފެންނަން އޮތީ އިސްތަށިގަނޑު އެކަންޏެވެ. ކިމް އާއިއެކު އިތުރު އެހެން މީހަކުވެސް ހަމަ ހުސް ކަޅު ހެދުމެއްގައި ފެނިގެން ދެއެވެ.

ގިނަ ބަޔަކު ޤަބޫލު ކުރަނީ އެއީ އޭނާގެ ކުރީގެ ފިރިމީހާ ކެންޔޭ ވެސްޓް ކަމުގައެވެ.

މި ދެމީހުންގެ ހެދުންވެސް ފަރުމާކޮށްފައިވަނީ ފެޝަން ޑިޒައިނަރު ޑެމްނަ ގްސޭލިއާއެވެ.

ކިމް ކާޑޭޝިއަންގެ މި ފެނިލުމާއެކު ގިނަ ބަޔަކު އޭނާއަށް އަންނަނީ ޖޯކު ޖަހަމުންނެވެ. އިއްޔެ އާއި މިއަދު މީސްމީޑިއާގައިވެސް މި ފޮޓޯ ވައިރަލްކޮށް ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ.

އަދި ތަފާތު އެކި ޒާތް ޒާތުގެ މީމްސް ތައްވެސް އަންނަނީ ދައުރުވަމުންނެވެ.

ކިމް މިގޮތަށް ފެނިގެން ގޮސްފައިވަނީ ކީއްވެގެންތޯ މަޝްހޫރު އެހެން ފަންނާނުންނާއި އަދި އާއްމު ފަރާތްތައްވެސް އަންނަނީ ސުވާލު އުފައްދަމުންނެވެ.

މި އަހަރުގެ ގާލާ އިވެންތް ބާއްވާފައިވަނީ ނިޔު ޔޯރކް ސިޓީގެ މެޓްރޯޕޮލިޓަން މިޔުޒިއަމް އޮފް އާރްޓްގައެވެ.

މި އަހަރުގެ ގާލާ ތީމްއަކީ "އިން އެމެރިކާ: އަ ލެކްސިކަން އޮފް ފެޝަން" އެވެ.